ޚަބަރު

ރިޔާސީ ބަޔާން އިއްވާ ޖަލްސާ: މާދަމާ މާލެއިން ބޭރަށް ވަޑައިގަތުން ނުވަތަ އިސްތިއުފާ ދެއްވުން ނޫން ގޮތެއް އަބުދުއްރަހީމަށް ނޯންނާނެކަން މުއިއްޒު އަންގަވައިފި!

ދިޔަވަރު
ރިޔާސީ ބަޔާން އިއްވާ ޖަލްސާ: މާދަމާ މާލެއިން ބޭރަށް ވަޑައިގަތުން ނުވަތަ އިސްތިއުފާ ދެއްވުން ނޫން ގޮތެއް އަބުދުއްރަހީމަށް ނޯންނާނެކަން މުއިއްޒު އަންގަވައިފި!

މާދަމާ އާ ދައުރަށް މަޖިލިސް ހުޅުވުމުގެ ކުރިން, އަބުދުއްރަހީމް މަޖިލިސް ރައީސްކަމުން އިސްތިއުއްފާ ދެއްވަން ޕްރެޝަރު ކުރުމަށްފަހު, މަގާމުން އިސްތިއުފާ ދެއްވުމަށް އަބުދުއްރަހީމް ދެކޮޅު ހެއްދެވުމުން, މާދަމާ މާލެއިން ބޭރަށް ވަޑައިގަތުމަށް މުއިއްޒު އަބުދުއްރަހީމަށް އަންގަވައިފިއެވެ.

”ދިޔަވަރު އޮންލައިން“ އަށް މައުލޫމާތު ދިން ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރަކު ވިދާޅުވީ, މިމަހުގެ 6 ވަނަ ދުވަހު, އާ ދައުރަށް މަޖިލިސް ހުޅުވުމުގެ ކުރިން އަބުދުއްރަހީމް މަޖިލިސް ރައީސްކަމުން އިސްތިއުފާ ދެއްވަން މުއިއްޒު ގެންވަނީ އަބުދުއްރަހިމަށް މަޖުބޫރު ކުރުވުމަކުން ކަމުގައެވެ.

އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ, އަބުދުއްރަހީމް މަޖިލިސް ރައީސްކަމުން ވަކި ކުރުމަކީ މުއިއްޒުއަށް ދާދި ފަސޭހަކަމަކަށް ވި ނަމަވެސް, އޭނާ މަޖިލިސް ރައީސްކަމުން ވަކި ކޮށްފިނަމަ އޭގެ ”ޑެމޭޖް“ ސަރުކާރަށް ލިބި, އަދި ވަކީން ޚާއްސަކޮށް ޕީއެންސީގެ ގިނަ އަދަދެއްގެ މެމްބަރުންގެ ތާއީދު ސަރުކާރަށް ގެއްލިގެންދާނެކަމަށް ބިރު މުއިއްޒުއަށް ހީވާތީއެވެ.

އަދި އަމުދުން އަބުދުއްރަހީމް ރިޔާސަތު ބަލަހައްޓަވާ ރިޔާސަތެއްގައި, މުއިއްޒު ރިޔާސީ ބަޔާން ދެއްވަން ބޭނުންފުޅު ނުވާކަމުގައިވެސް ”ދިޔަވަރު އޮންލައިން“ އަށް މައުލޫމާތު ދިން ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރު ވިދާޅުވެފައި ވެއެވެ. އެހެންނަމަވެސް މަޖިލިސް ރައީސްކަމުން އިސްތިއުފާ ދެއްވުމަށް އަބުދުއްރަހީމް ވަނީ ދެކޮޅު ހައްދަވާފައެވެ. އެއާއެކު, މަދަމާގެ ޖަލްސާގެ ކުރިން, އަބުދުއްރަހީމްގެ ނޯ ކޮންފިޑެންސް މޯޝަން މަޖިލީހަށް ވައްދާ, އޭނާ މަގާމުން ދުރުކުރުމަކީ މުވަގުތަށް ފަސޭހަކަމެއް ނޫނެވެ.

އަބުދުއްރަހީމްއަކީ ޕީއެންސީގެ ގިނަ އަދަދެއްގެ މެމްބަރުންގެ ބޮޑު ތާއީދެއް އޮންނަ ބޭފުޅެކެވެ. އެގޮތުން މުއިއްޒު މިއަދު ރައީސްކަމުގެ މަގާމުގައި ހުންނަވާތީ ގިނަބަޔަކު މުއިއްޒުއާއި ދެކޮޅަށް ވާހަކަ ނުދެއްކި ނަމަވެސް, ސަރުކާރުގެ ފިކުރަށް ތާއީދުކުރާ މެމްބަރުންގެ މެދުގައި މުއިއްޒުއަށްވުރެ އަބުދުއްރަހީމްގެ މަގުބޫލުކަން ބޮޑުކަން މިއީ ގިނަބަޔަކު ފާހަގަކުރާ ކަމެކެވެ.

”ދިޔަވަރު އޮންލައިން“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, މިހާތަނަށް އަބުދުއްރަހީމް ވަނީ މުއިއްޒުގެ ޕްރެޝަރަށް ގޮންޖައްސަވާ, މަޖިލިސް ރައީސްކަމުން އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވާފައެވެ. އޭގެ ސަބަބެއްކަމުގައި އަބުދުއްރަހީމް ވިދާޅުވަނީ, މަޖިލިސް ރައީސް ކަމުގައި ހުންނަވަައިގެން އޭނާ ޚިދުމަތް ކުރައްވަނީ ރައީސުލޖުމުހޫރިއްޔާއަށް ނުވުމާއި, އޭގެ ބަދަލުގައި އޭނާ އެމަގާމުގައި ޚިދުމަތް ކުރައްވަމުން ގެންދަވަނީ ދިވެހި ރައްޔިތުންނަށް ކަމަށްވާތީކަމަށް އަބުދުއްރަހީމް ވިދާޅުވެފައިވާކަމަށް, ”ދިޔަވަރު އޮންލައިން“ އަށް މައުލޫމާތު ދިން ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި, މިއީ އަބުދުއްރަހީމް ގައުމަށްޓަކާ ހަށިފޮޅާލަންވީ ވަގުތެވެ. އަބުދުއްރަހީމްގެ ރިޔާސަތުގައި ރިޔާސީ ބަޔާން އިއްވަން މުއިއްޒުއަށް ހަޖަމް ނުވިޔަސް, އެއީ މިއަދުގެ ހަގީގަތްކަން އަބުދުއްރަހީމް ސާބިތު ކޮށްދެއްވަން ވާނެއެވެ. މުއިއްޒު ދައްކާ ބިރަށް ފަހަތަށް ޖެހި, އެއްވެސް ހާލެއްގައި އަބުދުއްރަހީމް މަޖިލިސް ރައީސްކަމުން އިސްތިއުފާ ދެއްވައިގެން ނުވާނެއެވެ.

މުއިއްޒުގެ ބިރުދެއްކުމާއި އަދި އަނިޔާތަކަށް އެންމެ ފިޔަވަޅެއްވެސް އަބުދުއްރަހީމް ފަހަތަށް އަޅުއްވައިފިނަމަ އޭގެ ހަގީގީ ގެއްލުން ލިބިގެންދާނީ ދިވެހި ގައުމަށްކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.