ޚަބަރު

މިއީ, ހަތިޔާރުއެޅި ސިފައިން މަގުތަކަށް ނެރެ, ރައްޔިތުން ބޮޑު ބިރުވެރިކަމެއްގައި ބައިތިއްބައިގެން ރައީސަކު ދިން ފުރަތަމަ ރިޔާސީ ބަޔާން!

ދިޔަވަރު
މިއީ, ހަތިޔާރުއެޅި ސިފައިން މަގުތަކަށް ނެރެ, ރައްޔިތުން ބޮޑު ބިރުވެރިކަމެއްގައި ބައިތިއްބައިގެން ރައީސަކު ދިން ފުރަތަމަ ރިޔާސީ ބަޔާން!

ރައީސް މުއިއްޒު ރިޔާސީ ބަޔާން މިއަދު ރައްޔިތުންގެ މަޖިލިހުގައި ދެއްވިއިރު, ދިވެހި އަސްކަރިއްޔާގެ ހަތިޔާރުއެޅި ސިފައިން މާލޭގެ މަގުތަކުގައި ފޯރި މަރައިފިއެވެ.

މިއީ ދިވެހި ތާރިޚުގައިވެސް ރައީސަކު ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހުގައި ދެއްވަމުން ގެންދެވިއިރު, ރާއްޖޭގައި ހަތިޔާރުއެޅި ސިފައިން މާލޭގެ މަގުތަކަށް ނިކުމެ, ހަތިޔާރާއެކު ފޯރިމަރާފައިވާ ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން މިއަދު ހެނދުނުން ފެށިގެން އަސްކަރީ ސިފައިން ހަތިޔާރާއެކު މާލޭގެ އެކި މަގުތަކުގައި ހަރަކާތްތެރިވަމުން ގޮސްފައިވާއިރު, ސިފައިން ކުއްލިއަކަށް ބަޑި ހިފައިގެން ހަރަކާތްތެރިވާން ފެށުމުން އާންމު ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދިފައި ވެއެވެ.

އާންމުކޮށް ސިފައިން މާލޭގެ މަގުތަކުގައި ހަތިޔާރާއެކު ހަރަކާތްތެރި ވަނީ ކުރިން އާންމުކޮށް އަންގާ އިއުލާން ކުރުމަށްފަހުއެވެ. އަދި މާލޭގެ މަގުތަކުގައި ސިފައިން އާންމުކޮށް ހަރަކާތްތެރިވަނީ ތަމްރީން ހެދުމުގެ ގޮތުންނެވެ.

އެހެންނަމަވެސް, މުއިއްޒު ރިޔާސީ ބަޔާން ދެއްވާތީ, ކުއްލިގޮތަކަށް ހަތިޔާރާއެކީ އަސްކަރީ ސިފައިން މާލޭގެ މަގުތަކުގައި ހަރަކާތްތެރިވާން ޖެހުނު ސަބަބު ސިފައިން ހާމަކޮށްފައެއް ނުވެއެވެ.

މުއިއްޒުގެ މިއަހަަރުގެ ރިޔާސީ ބަޔާން އިއްވި ދުވަހު އަސްކަރީ ސިފައިން މަގުތަކުގައި ހަރަކާތްތެރި ވެފައިވާއިރު, ފާއިތުވި ހަފްތާގައި އެމްޑީޕީން ބޭއްވި ބޮޑު އެއްވުމާ ދިމާކޮށްވެސް ސިފައިންވަނީ ބަރު ހަތިޔާރު މަގުތަކަށް ނެރެ, ރައްޔިތުންނަށް ބިރުދައްކާފައެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ދިވެހި އަސްކަރިއްޔާގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަމުންދާކަން ފާހަގަ ކޮށްލެވެއެވެ.