އިގްތިސާދީ ވުޒާރާއިން އިއުލާން ކޮށްފައިވާ ގޮތުން، އަންނަ ހޮނިހިރު ދުވަހުން ފެށިގެން ފިހާރަތަކާއި ރެސްޓޯރަންޓްތަކުގެ ހިދުމަތްދޭ ގަޑިތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. މީގެ ސަބަބުން 24 ގަޑިއިރު ހިދުމަތް ދެމުންއައި ގިނަ ފިހާރަތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމަށް ވިޔަފާރިވެރިން ފާހަގަކުރެއެވެ.
އިސްލާމީ ޤައުމުތަކުގެ ތެރެއިން ސައުދީގެ މައްކާގައިވެސް ރަމަޟާން މަހު 24 ގަޑިއިރު ވިޔަފާރިތައް ހުޅުވިފައި ހުންނަ ހިނދު، ދިވެހިރާއްޖޭގައި މިފަދަ ހަމަނުޖެހޭ ފިޔަވަޅުތަކެއް އެޅުމަކީ އެކަށީގެންވާ ކަމެއް ނޫންކަމަށް ގިނަ ބަޔަކު ދެކެއެވެ.
ރަމަޟާން މަހުގެ ތެރޭގައި ކޮންމެހެން ބޭނުންވާ ތަކެތި ގަތުމަށް ރައްޔިތުންނަށް އިތުރު ދަތިތަކެއް ކުރިމަތިވާހެން ފިހާރަ ހުޅުވާފައިވާ ގަޑިތަކަށް ބަދަލު ގެނެސްފައިވަނީ ފިހާރަތާކައި، އަދި ރައްޔިތުންނާއިވެސް މަޝްވަރާ ނުކޮށް މުއިއްޒުގެ އެންގުމަށެވެ.
މި ބަދަލާއި އެކު، ރަމަޟާން މަހުގައި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވިފައި ހުންނަން ޖެހޭނީ ހަވީރު 5:30 އިން މެންދަމު 3:00 އަށެވެ. އަދި މުދާ ވިއްކާ ތަންތަން ހުޅުވިފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00 އާ ހަމައަށެވެ.
ގިނަ ރައްޔިތުން މިހާރުވެސް ދަނީ މި ނިންމުމާއި ދެކޮޅަށް އިޖްތިމާއީ ވިއުގަތަކުގައި (ސޯޝަލް މީޑިޔާ) ގައި ފާޑުކިޔަމުންނެވެ. އަދި މި ނިންމުން އަލުން މުރާޖައާ ކުރުމަށް ގޮވާލަމުންނެވެ.
ވިޔަފާރިތަކަށް ދަތިވެފައިވާ ވަގުތެއްގައި 24 ގަޑިއިރު ޚިދުމަތްދޭ ތަންތަން ބަންދު ކުރުމަކީ އިޤްތިޞާދު އިތުރަށް ހީނަރުވާނެ ކަމެކެވެ.