ޚަބަރު

ކިތައްމެ ވަރަކަށް "ލިޕްސްޓިކް ޖެއްސިޔަސް" މި ވެރިކަން ރީއްޗެއް ނުވާނެ, މި ހިނގަނީ ވަރަށް ހަޑި މުޑުދާރު ވެރިކަމެއް: ރައީސް ޔާމިން

ދިޔަވަރު
ކިތައްމެ ވަރަކަށް "ލިޕްސްޓިކް ޖެއްސިޔަސް" މި ވެރިކަން ރީއްޗެއް ނުވާނެ, މި ހިނގަނީ ވަރަށް ހަޑި މުޑުދާރު ވެރިކަމެއް: ރައީސް ޔާމިން

ރާއްޖޭގައި މިހާރު މި ހިނގަނީ ތާހިރު ވެރިކަމެއް ނޫން ކަމަށް، ކިތައްމެ ވަރަކަށް "ލިޕްސްޓިކް ޖެއްސިޔަސް" މިވެރިކަން ރީތި ނުކުރެވޭނެ ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަ ދައްކަމުން ޔާމީން ވިދާޅުވީ، އިތުރަށް މަލަން އަޅައި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން އުޅުމުގެ ބޭނުމެއް ނެތް ކަމަށާއި މިހާރު މި ހިނގަނީ އެއްވެސް ދާއިރާއަކުން ތާހިރު ވެރިކަމެއް ނޫން ކަމަށެވެ.

"ކިތަންމެ ވަރަކަށް ކުރާ ކަންތައްތައް ރީތިކުރަން އުޅުނަސް، ލިޕްސްޓިކް ޖެއްސިޔަސް ރީއްޗެއް ނުވާނެ. މޫނުގައި ހަތް ފަށަލައަށް ފައުންޑޭޝަން އެޅިޔަސް މި ރީއްޗެއް ނުވާނެ. އެއަށް ވުރެ މާ ހަޑި މުޑުދާރު،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ކަންކަން މިހާރު ދާ ގޮތުން ދެރަވިޔަސް، އެމްޑީޕީ އަށް ވެރިކަން ނުލިބުމުން އަދިވެސް އުފާކުރާ ކަމަށެވެ. އެމްޑީޕީ އަކީ ރާއްޖެ ހަލާކުކުރި ބައެއް ކަމަށާއި "އަޅުގަނޑުމެންގެ މުޑުވަކުން ނިކުތް މީހަކަށް ވެރިކަން ލިބުމުން އުފާކުރާ" ކަމަށްވެސް ޔާމީން ވިދާޅުވި އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެދިވަޑައިގަންނަވަނީ މަސައްކަތް އަލުން ތަރުތީބު ކުރައްވައި، މީގެކުރިން ދެއްކެވި ވާހަކަތަކަށް އަލުން އިޔާދަވާން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

"ރުޖޫއަވެފައި ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެވޭތޯ ބައްލަވާ. އަޅުގަނޑެއް ތާއީދެއް ނުކުރާނަން އެމްޑީޕީގެ ވެރިކަމަކަށް،" ޔާމީން ވިދާޅުވި އެވެ.

ޕީއެންއެފްގެ ނަމުގައި އާ ޕާޓީއެއް ޔާމީން އުފެއްދެވީ އެމަނިކުފާނު ކުރީން އުފެއްދި ޕީޕީއެމްގެ ލީޑަޝިޕާ މައްސަލަ ޖެހިވަޑައިގެން އެ ޕާޓީން ވަކިވެވަޑައިގަތުމަށްފަހު އެވެ. މައްސަލަ ޖެހިވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ލިބިވަޑައިގަތް ހިސާބުންނެވެ.