ޚަބަރު

ނ. މިލަދޫގެ ޑަބްޑިއުޑީސީގެ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރުމުން, އެރަށު ފެނަކައިގަ މަސައްކަތް ކުރާ, އެމްޑީޕީއަށް ނިސްބަތްވާ ތިން މުވައްޒަފަކު ސަސްޕެންޑު ކޮށްފި!

ދިޔަވަރު
ނ. މިލަދޫގެ ޑަބްޑިއުޑީސީގެ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރުމުން, އެރަށު ފެނަކައިގަ މަސައްކަތް ކުރާ, އެމްޑީޕީއަށް ނިސްބަތްވާ ތިން މުވައްޒަފަކު ސަސްޕެންޑު ކޮށްފި!

ހޮނިހިރު ދުވަހު ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންތަކުގެ ތެރެއިން، ނ. މިލަދޫގެ އިންތިހާބު ސަރުކާރަށް ގެއްލުމާއެކު އެ ރަށު ފެނަކަ އޮފީހުގައި މަސައްކަތްކުރާ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ތިން މުވައްޒަފަކު ސަސްޕެންޑުކުރި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އެ އިންތިހާބުގައި ޕީއެންސީ ބަލިކޮށް މިލަދޫ ޑަބްލިއުޑީސީގެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓު، އާމިނަތު އަޒުމާ އެވެ.

މި ނޫހަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މިލަދޫ ފެނަކައިގެ ބައެއް މުވައްޒަފުން ދެ ހަފުތާ (14 ދުވަސް) އަށް ސަސްޕެންޑުކުރީ އެ މީހުންނާ ގުޅޭ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ އެވެ. ސަސްޕެންޑުކުރި ކަމުގެ ލިޔުން ތައްޔާރުކޮށްފައިވަނީ އިއްޔެ އެވެ.

މިކަމާ ގުޅިގެން އެމްޑީޕީން ވަނީ ސަރުކާރު ކުންފުނީގެ އަމަލު ކުށްވެރިކޮށް މިއީ އިއްޔެގެ އިންތިހާބާ ގުޅުވާ ހިނގި ކަމެއް ކަމަށް ބުނެފަ އެވެ.

އެ ޕާޓީން ރޭ ނެރުނު ބަޔާނެއްގައި އެ ޕާޓީއަށް ތާއީދުކުރާ މުވައްޒަފުން ސަސްޕެންޑު ކޮށްފައިވަނީ އެއްވެސް ސަބަބެއް ބަޔާން ކުރުމެއް ނެތި އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށެއް ނޫން ކަމަށެވެ.

"ސަރުކާރުން ތާއީދު ނުކުރުމަކީ އެ މީހަކު އަދާކުރަމުންދާ ވަޒީފާއިން އެކަހެރިކޮށް ސަސްޕެންޑު ކުރުމަށް އޮތް ހުއްޖަތެއް ނޫން،" އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި، އިންތިހާބުތަކުގައި ވާދަކުރުމާއި ވޯޓުލުމަކީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުކޮށްދޭ ހައްގެއް ކަމަށާއި އެ ހައްގުގެ ބޭނުންކުރާ މީހުންނާ ދެކޮޅަށް އެ މީހަކު ނިސްބަތްވާ ސިޔާސީ ފިކުރަށް ބަލައި ފިޔަވަޅު އެޅުމަކީ މި ސަރުކާރުގެ ވަރަށް ފިނޑި އަމަލެއް ކަމަށްވެސް އެ ޕާޓީން ބުނެފައިވެ އެވެ.

ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަންތަކުގެ ތެރެއިން ދެ ރަށެއްގެ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރި އެވެ.