ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، 9 މެންބަރުންނާއެކު މިއަދު ވަނީ އިންޑިއާއަށް ފުރައިވަޑައިގަންނަވައިފިއެވެ.
މަޖިލިސް ރައީސްގެ ހައިސިއްޔަތުން އަބުދުއްރަހީމް މިއަދު އެއަރޕޯޓަށް ވަޑައިގެންނެވިއިރު, އެއަރޕޯޓުން އަބުދުއްރަހީމްއައި ބައްދަލުކުރެއްވީވެސް, އެކީގައި އިންޑިއާއަށް ވަޑައިގަންނަވާ މެމްބަރުންކޮޅު އެކަންޏެވެ. ޕީއެންސީގެ ޕީޖީގެ ސީނިއަރ އެއްވެސް މެމްބަރަކު އަބުދުއްރަހީމަށް އެއަރޕޯޓުން އިސްތިގުބާލް ކޮށްފައިނުވާއިރު, މިއީ ސީނިއަރ މެމްބަރަކު އިސްތިގުބާލު ނުކޮށް މަޖިލިސް ރައީސް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.
ދައުލަތުގެ ވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ, މަޖިލިސް ރައީސް ރަސްމީ ދަތުރުފުޅެއްގައި ގައުމުން ބޭރަށް ވަޑައިގަންނަވާނަމަ, ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު ނުވަތަ މަޖިލިސް ނައިބު ރައީސްގެ އިތުރުން ސީނިއަރ މެމްބަރުން އެއަރޕޯޓުން މަޖިލިސް ރައީސަށް އިސްތިގުބާލް ދެންނެވުމަކީ ރަސްމީ ޕްރޮޓޮކޯލްގެ އިތުރުން, އަބަދުވެސް ގެންގުޅެމުން އަންނަ ރަސްމީ އުސޫލެކެވެ.
އެހެންނަމަވެސް, ދާދިފަހުން ރައީސް މުއިއްޒުއާއި އަބުދުއްރަހީމްއާއި ދެމެދު ޖެހުނު މައްސަލައަށްފަހު, ޕީއެންސީގެ ޕީޖީގެ މެމްބަރުން, މަޖިލިސް ރައީސްގެ ރަސްމީ ގެ ކަމުގައިވާ މުރައިދޫގެއަށް ވަނުންވެސް ރައީސް މުއިއްޒު ވަނީ މަނާ ކުރައްވާފައެވެ. އެއާއެކު އަބުދުއްރަހީމްއާއި ޕީއެންސީގެ މެމްބަރުން ބައްދަލުކޮށް ހެދުންވަނީ ހުއްޓުމަކަށް އައިސްފައެވެ.
އަދި މަޖިލިހުގައި އަބުދުއްރަހީމް ބޭރުގެ އިއްޒަތްތެރިންނާ ބައްދަލު ކުރައްވާއިރުވެސް, ޕީއެންސީގެ ސީނިއަރ މެމްބަރުން އަބުދުއްރަހީމްގެ ބައްދަލުވުންތަކުގައި ބައިވެރިވުން ވަނީ މިހާރު ހުއްޓުމަކަށް އައިސްފައެވެ.
މަޖިލިސް ރައީސްގެ މި ދަތުރަކީ އިންޑިއާ ޕާލަމެންޓުގެ ދެ މަޖިލީހުގެ ވެރިންގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ. މި ދަތުރުގައި މަޖިލިސް ރައީސް، އިންޑިއާގެ ލޮކް ސަބާގެ ރައީސްއާއި ރާޖްޔަ ސަބާގެ ޗެއަރމަންއާ ބައްދަލުކުރައްވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވެއެވެ.
މީގެ އިތުރުން މި ދަތުރުގައި އިންޑިއާގެ ނައިބު ރައީސްއާއި އެ ގައުމުގެ ސަރުކާރުގެ އިސް ބައެއް ވެރިންނާވެސް ބައްދަލުކުރައްވާނެއެވެ.
މަޖިލިސް ރައީސްއާއެކު މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވަނީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއާއި، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުއާއި، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމާއި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހާމިދާއި، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފާއި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާނާއި، ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދާއި، ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބާއި އަދި ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބެވެ.
މި ދަތުރު ނިންމަވާލައްވާ ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.