ޚަބަރު

ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީގެ 355 މިލިއަން ރުފިޔާގެ ބިޔަ ކޮރަޕްޝަން: ސާވަރަށް ދިމާވި މައްސަލައެއްގެ ސަބަބުން ލިޔެކިޔުންތައް ފެންނާން ނެތްކަމަށް ބުނެ, މި ބޮޑު ކޮރަޕްޝަން އޮއްބާ ލެވިދާނެތަ?

ދިޔަވަރު
ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީގެ  355  މިލިއަން ރުފިޔާގެ ބިޔަ ކޮރަޕްޝަން: ސާވަރަށް ދިމާވި މައްސަލައެއްގެ ސަބަބުން ލިޔެކިޔުންތައް ފެންނާން ނެތްކަމަށް ބުނެ, މި ބޮޑު ކޮރަޕްޝަން އޮއްބާ ލެވިދާނެތަ?

އެއްވެސް ޝައްކެއް ނެތެވެ. މި ދެކެވެނީ މިރާއްޖޭގެ ޕްރައިވެޓް ކުންފުންޏަކުން ހިންގި ބޮޑު ކޮރަޕްޝަންގެ ވާހަކައެއް ނޫނެވެ. އަދި އާދައިގެ ރައްޔިތަކު ހިންގައިގެން އުޅޭ ކޮރަޕްޝަންގެ ވާހަކައެއްވެސް ނުމެ ނޫންމެއެވެ.

މި ދެކެވެމުން ދަނީ ފުލުހުންގެ މުވައްސަސާގައި އެމުވައްސަސާއިން އުފައްދާފައި އޮތް ޖަމިއްޔާއެއް ނުވަތަ އެ މުވައްސަސާއަށް ރަސްމީގޮތުން ނިސްބަތްވާ ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)އިން ހިންގާފައިވާ ބިޔަ ބޮޑު ކޮރަޕްޝަންގެ ވާހަކައެވެ. ފުލުހުންގެ ޚިދުމަތުގައި ދެމިތިބޭ އެ މުވައްސަސާގެ މުވައްޒަފުންގެ އާއިލާތަކުން ދިރިއުޅުމަށް ދައުލަތުގެ މާލިއްޔަތުން ޚަރަދު ކޮށްގެން އަޅާފައިވާ ފްލެޓްތައް އެޅުމުގައި އެ ސޮސައިޓީން ހިންގާފައިވާ 355 މިލިއަން ރުފިޔާގެ ބިޔަ ބޮޑު ކޮރަޕްޝަންގެ އަމަލުގެ ވާހަކައެވެ.

މިކޮރަޕްޝަން ފެންމަތިވެފައިވަނީވެސް އޮޑިޓް އޮފީހުން ނެރުނި އޮޑިޓް ރިޕޯޓުންނެވެ. އެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢު ޕޮލްކޯއާ ހަވާލުކުރުމުން، ކުންފުނީގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވެއެވެ. އަދި މަޝްރޫޢު އޮޑިޓްކުރި ތާރީޚުގެ ނިޔަލަށް ޖުމުލަ 1.06 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ހަމަ އެއާއެކު އޮޑިޓް ރިޕޯޓުން ހާމަވާން ހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ޕޮލްކޯއިން ހިންގި ބްލޫސް ހައުސިން މަޝްރޫއުގައި ލިފްޓުތައް ފޯރުކޮށްދިނުމާއި ހަރުކުރަން 28 މިލިއަން ރުފިޔާ ހަރަދުކުރިއިރު, މާކެޓު ރޭޓުގައި މިކަމަށް ހަރަދުވާނީ 12 މިލިއަން ރުފިޔާއެވެ.

އޮޑިޓު އޮފީހުން މިއަދު މަޖިލިސް ކޮމިޓީގައި ބުނެފައިވަނީ މި ވަރު އިމާރާތެއްގައި ލިފްޓެއް ހަރުކުރުން ހިމެނޭހެން, ލިފްޓަކަށް ހަރަދު ވަނީ މިލިއަން ރުފިޔާ އެވެ. ނަމަވެސް މިހާތަނަށް ޕޮލްކޯއިން ލިފްޓުތަކަށް 28.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މިހާތަނަށް ލިބިފައިވާ ހަތް ލިފްޓަށް ޖެހޭ އަގަކީ ހަތަަރު މިލިއަން ރުފިޔާ އެވެ.

ޕޮލްކޯގެ ތިން ފްލެޓަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާއިރު, އެ މަޝްރޫއުގެ އޮޑިޓުން ދައްކާ ގޮތުގައި މިއީ މާކެޓު ރޭޓަށް ވުރެ 300 ވަރަކަށް މިލިއަން ރުފިޔާ އިތުރު އަގެކެވެ. މިކަމުގައި ހިޔާނާތް އެކުލެވޭ ކަމަށް ގަބޫލުކުރެވޭތީ އޮޑިޓު އޮފީހުން ވަނީ އެ މައްސަލަ ތަހުގީގުކުރަން އެންޓި ކޮޮރަޕްޝަން ކޮމިޝަނަށް ލަފާދީފަ އެވެ.

އޮޑިޓް ރިޕޯޓް ނެރުމަށްފަހު ޕޮލްކޯއިން ބައެއް ސިޓީތައް ފޮނުވާފައިވީ ނަމަވެސް، މަޝްރޫޢުގެ ބިޑިންގ ޕްރޮސެސް ކުރިއަށް ގެންދިޔަ ގޮތުގެ މަޢުލޫމާތު އެނގެން ނެތްކަމަށް އޮޑިޓަރ ޖެނެރަލް ކޮމިޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ.

ހަމަ އެއާއެކު އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައިވާ، 2013 ވަނަ އަހަރު ފުލުހުންނަށް ޚާއްޞަކޮށްގެން އެޅި މިފްލެޓް މަޝްރޫޢުގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް ޕޮލްކޯއިން މަސައްކަތް ކޮށްފައިވާ މައްސަލާގައި، އެ މަޝްރޫޢުގެ ލިޔެކިޔުންތައް ޕޮލްކޯގައި މިހާރު ނެތްކަމަށްވެސް އޮޑިޓް އޮފީހުން ބުނެފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ހާޒިރުވެ، އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ބިޑް އިވެލުއޭޝަނާ ގުޅޭ މަޢުލޫމާތު ހޯދަން މަސައްކަތްކުރި ނަމަވެސް، ޕޮލްކޯގެ ސާވަރަށް ދިމާވި މައްސަލައެއްގެ ސަބަބުން އެ ލިޔެކިޔުންތައް ފެންނަން ނެތްކަމަށް ފުލުހުންގެ އިސްވެރިން މަޢުލޫމާތު ދީފައިވެއެވެ. އަދި އެ މަޢުލޫމާތު ގެޒެޓުންވެސް ފެންނަން ނެތްކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

އެހެންނަމަވެސް 355 މިލިއަން ރުފިޔާގެ މި ބޮޑު ކޮރަޕްޝަންގެ އަމަލު ހިންގުމަށްފަހު, އެ މުއާމަލާތްތަކާއި ގުޅުންހުރި މައުލޫމާތު ސާވާއިންވެސް ފޮހެވިގެން ގޮސްފައިވާކަމަށް ފުލުހުންގެ ވެރިން މައުލޫމާތު ދިނުމުން ދެން އެކަން ހަނދާން ނައްތާލަންވީ ތޯއެވެ. ޓެކްނޮލޮޖީގެ މިއޮތްފަދަ ޒަމާނުގައި, އެ މައުލޫމާތު ކަރުދާހުގައިވެސް, އަދި ކްލައުޑް ސާވާގައިވެސް ނެތްކަމަށް ބުނެ, މި ބޮޑު ކޮރަޕްޝަނުން "ބޯ ދަމައިގަތުމުގެ" ފުރުސަތު ހަމަ ފުލުހުންގެ ވެރީންނަށް އޮންނަންވީ ތޯއެވެ.

މި ދެކެވެނީ, އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގަންދީ ހުވާކޮށްގެން ތިބި ބަޔަކު ހިންގައިގެން އުޅޭ ބޮޑު ކޮރަޕްޝަނެއްގެ ވާހަކައެވެ. ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ވާޖިބު ގާނޫނުން މަތިކޮށްފައި އޮތް މުވައްސާސަގެ ވެރިން ހިންގައިގެން އުޅޭ ބޮޑު ކޮރަޕްޝަނެއްގެ ވާހަކައެވެ. ލިޔެކިޔުންތައް ސާވާއިން ގެއްލިއްޖެ ކަމަށްބުނެ, މި ބޮޑު ކޮރަޕްޝަންގެ އަމަލު ހިންގުމުގައި ޝާމިލްވި, ފުލުހުންގެ މުއްސަސާގެ ވެރިންނަށް މިބޮޑު ކޮރަޕްޝަނުން "ބޯ ދަމައިގަތުމުގެ" ފުރުސަތު އޮވެގެން ނުވާނެއެވެ.

ކުށެއް ކުރުމުން އަދަބު ލިބެންވީ ރިހާހަކުރު ފުޅި ވަގަށް ނެގި މީހާއަށް އެކަންޏެއް ނޫނެވެ. ކުށުގެ އަދަބު ތަންފީޒު ކުރެވެންވާނީ މަތިން ތިރިއަށެވެ. އެނޫންކަމަށްވާނަމަ އެއޮތީ ބޮޑުންނަށް މޮޅުގޮތެވެ. ބޮޑުމަސް ކުޑަމަސް ކާލުމުގެ އުސޫލެވެ. އެއީ ކަނޑުގެ ގާނޫނެވެ.