ފާއިތުވީ ރިޔާސީ އިންތިޚާބުގައި މުއިއްޒު ރައްޔިތުންނަށް ވީ ވައުދުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ވައުދަކަށް ވެގެން ދިޔައީ ޓެކްސީ ޑްރައިވަރުންގެ ޝަކުވާތަކަށް ހައްލު ހޯއްދަވާ ދެއްވުމެވެ.
އާންމު އުސޫލުން ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ޓެކްސީ ޑްރައިވަރުންވެސް މުއިއްޒުއާއި ބައްދަލުކޮށް އެމީހުންގެ ކަންބޮޑުވުންތައް ހިއްސާ ކޮށްފައި ވެއެވެ. ޓެކްސީ ޑްރައިވަރުންގެ ޝަކުވާތަކުގެ އަޑު އެއްސެވުމަށްފަހު މުއިއްޒު އޭރު ވިދާޅުވެފައިވަނީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވާ ދެއްވާނެ ކަމަށާއި, އެމީހުންގެ ހައްގުތަކަށް އަރައި ނުގަންނާނެ ކަމުގައެވެ.
އެހެންނަމަވެސް ވެރިކަމަށް ދޮޅު އަހަރު ފުރެމުންދާއިރު, މުއިއްޒު މިހާރު ނިންމަވާފައިވަނީ ސަރުކާރުން ޓެކްސީ ޚިދުމަތުގެ ތެރެއަށް ވަނުމަށެވެ. އެގޮތުން ސަރުކާރުން މިހާރުވަނީ މާލެ ސަރަހައްދުގައި އީވީ ޓެކްސީ ހިދުމަތް ފެށުމަށް ނިންމާފައެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ފެށުމަށް ނިންމާފައިވާ މި ހިދުމަތަށް 100 ޕަސަންޓު ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ބޭނުންކުރާނެއެވެ. މިއީ ރާއްޖޭގައި ފެންނަމުންދާ ޓެކްސީގެ ހިދުމަތުގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެފައިވއެވެ.
އެހެންނަމަވެސް ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ވަންނަން އުޅޭކަމަށް ބުނެ ޓެކްސީ ޑްރައިވަރުން މީގެކުރިން މުޒާހިރާވެސް ކޮށްފައި ވެއެވެ.
ޓެކްސީ ޑްރައިވަރުން ބުނާ ގޮތުގައި، ސަރުކާރުން މި ހިދުމަތުގެ ތެރެއަށް ވަނުމުން އޭގެ ގެއްލުން ޑްރައިވަރުންގެ އިތުރުން ޓެކްސީ ސެންޓަރުތަކާއި ގަރާޖުތަކަށް ވެސް ކުރާނެ އެވެ. ޑްރައިވަރުން މި ވަގުތު ތިބީ ޓެކްސީ ފްލީޓާ އެކު، އެ މީހުންގެ މުސްތަގުބަލަށް ވާނެ ގޮތަކާ މެދު ސުވާލު އުފެދިފަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައި ވަނީ، ޓެކްސީ ހިދުމަތުގެ ތެރެއަށް ސަރުކާރުން ވަދެ، އުސޫލުތަކާއި ގާނޫނުތަކެއް ހަދައިގެން ކޮންޓްރޯލް ނަގަން ޖެހޭ ކަމަށެވެ. އެކަން ނުކޮށްފި ނަމަ ވެހިކަލްތަކުން މާލެ "ބަންޑުންވާ" ހިސާބަށް ދާނެ ކަމަށާއި މިހާރު ވެސް ރައްކާތެރިކަން ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންނަމަވެސް ޓެކްސީ ޑްރައިވަރުންގެ ހައްގުތަށް ހިމާޔަތް ކޮށްދޭނެކަމަށް, ރިޔާސީ އިންތިޚާބުގައި އެތަކެއް ވައުދުތަކާއި އަހުދުތައް ވުމަށްފަހު ވެރިކަމަށް ދޮޅު އަހަރު ނުވަނީސް މުއިއްޒު މިވަނީ ވީ ވައުދުތަކުގެމަތިން ހަނދާން ނައްތާލާފައެވެ. ޓެކްސީ ޑްރައިވަރުންނަށް މުއިއްޒު މިވީ ޚިޔާނާތްތެރިއެވެ.
އާދޭހެވެ! މުއިއްޒު މި ފުނޑާލަނީ އާދައިގެން ރައްޔިތު މީހާ ބަނޑުފުރާނަ މުއްތި ކުރުމަށް ކުރަމުންދާ ހަލާލު ވިޔަފާރިއެވެ. އެމީހާގެ މުޅި ދިރިއުޅުމެވެ.