ޚަބަރު

ޝަފީއު މިނިސްޓްރީގެ ސިޔާސީ ވެރިންނާ ބައްދަލު ނުކުރާތާ އަހަރެއް ވެއްޖެ, ޑިވިޝަންތަކުގެ ވެރިންނާ ބައްދަލު ނުކުރާތާ އެތައް މަހެއް ވެއްޖެ, ޝަކުވާތައް ފުނިޖެހި މިނިސްޓްރީގެ ހިންގުން ބޮއްސުންލާފަ!

ދިޔަވަރު
ޝަފީއު މިނިސްޓްރީގެ ސިޔާސީ ވެރިންނާ ބައްދަލު ނުކުރާތާ އަހަރެއް ވެއްޖެ, ޑިވިޝަންތަކުގެ ވެރިންނާ ބައްދަލު ނުކުރާތާ އެތައް މަހެއް ވެއްޖެ, ޝަކުވާތައް ފުނިޖެހި މިނިސްޓްރީގެ ހިންގުން ބޮއްސުންލާފަ!

ތައުލީމީ ވަޒީރު ޑރ. އިސްމާއީލް ޝަފީއު އަކީ ރައީސް ޑރ. މުއިއްޒު އާއި އެންމެ އަރިސް އެއް ބޭފުޅާއެވެ. ނަމަވެސް މި ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވަނީވެސް ތައުލީމީ ދާއިރާއަށް އެއްވެސް ކުރިއެރުމެއް ނައިސް ސްކޫލްތަކުގެ ވެރިންނާއި މުދައްރިސުން ހާސްކަމެއްގެ ތެރެއަށް ވެއްޓެމުންދާ ދިއުމަށް އެދެވޭ އިޖާބެއް ތައުލީމީ ވުޒާރާއިން ނުދިނުމުންނެވެ.

ޑރ. އިސްމާއީލް ޝަފީއުއަކީ ސަރުކާރުގެ އެންމެ ބޮޑު ފެއިލިއަރ އެވެ. އޭނާގެ ބޮޑާކަމާއި ކިބުރުވެރިކަމާއި ގޮތްދޫނުކުރުމާއި މަމޮޅުކަމަކީ މުޅި ސިޔާސީ މައިދާނުގައި ތިބި އެންމެން ދަންނަކަމެއްގެ އިތުރުން މުޅި ތައުލީމީ ނިޒާމުގެ ގިނަ މީހުންނަށް ހާމަވަމުންދާ ކަމެކެވެ.

ރައީސް މުއިއްޒުއަށް އެންމެ ގިނައިން ހުށަހެޅޭ ޝަކުވާއަކީވެސް އޭނާ ވަކިކޮށްދިނުމުގެ ޝަކުވާއެވެ. އެގޮތުން މަޖިލިސް މެންބަރުންގެ ތެރެއިން ހުރިހާ އެންމެން ކަހަލަ ގޮތަކަށް އޭނާ ވަކިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށެހެޅިއެވެ. އެހެންނަމަވެސް އޭނާއަކީ ރައީސްގެ އެންމެ އަރިސް ބޭފުޅާވީމާ އޭނާއަށް އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައެއް ނުވެއެވެ. އަދިކިއެއްތަ، ދުވަހުންދުވަހަށް އޭނާގެ އަރިސްކަން ވަނީ އިތުރެވެ.

ޑރ. އިސްމާއީލް އަންގާފައިވާ ގޮތުންނަމަ، މަޖިލިސް މެންބަރުންނަކީ އެއްވެސް ބައެއް ނޫނެވެ. ކައުންސިލަރުންނަކީ ތަނެއްދޮރެއް ދަންނަ ބައެއް ނޫނެވެ. އޭނާއާ ބައްދަލުކުރުމަށް އަންނަ މަޖިލިސް މެންބަރުންނާއި ކައުންސިލަރުންނާއި ބައްދަލުނުކުރާނެކަމަށް ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ. އަދި އޭނާ ބުނާގޮތުން ރަށެއްގެ ސްކޫލެއްގެ މައްސަލައަކާ މަޖިލިސް މެންބަރު ނުވަތަ ކައުންސިލަރަކު ގުޅައިފިނަމަ، އެ ސްކޫލުގެ ޕްރިންސިޕަލަށް ފިޔަވަޅު އަޅަންޖެހޭނެއެވެ. އަދި މެންބަރުން ބުނާ ކަންތައް ކޮށްނުދިނުމަށް އެ ވުޒާރާގައި ތިބޭ އޭނާގެ އައުވާނުންނަށްވެސް ވަނީ އަންގާފައެވެ.

ތައުލީމީ ވުޒާރާގައި 40 އަށް ވުރެ ގިނަ ސިޔާސީ މީހުން ތިބެއެވެ. އޭގެ ތެރޭގައި 5 ސްޓޭޓް މިނިސްޓަރުން ތިބެއެވެ. އެއީ ޑރ.މުއިއްޒު އެތަނަށް ލެއްވި 6 ސްޓޭޓް މިނިސްޓަރުންގެ ތެރެއިން އެކަކު ކަމުގައިވާ ސްޓޭޓް މިނިސްޓަރ ސަފޫރާ ޑިފެންސަށް ބަދަލުވުމުންނެވެ. ސަފޫރާ ޑިފެންސަށް ބަދަލުވީ ވަޒީރު ޝަފީއުގެ ދުއްތުރާ ބޮޑުވެގެން އެތާގައި އުޅެން ދަތިވެގެންނެވެ.

އަދި މިއަށްވުރެ ބޮޑު ހިތާމައަކީ ޑރ.ޝަފީއު ސިޔާސީ މީހުންނާއެކު މަޝްވަރާ ބައްދަލުވުމެއް ނުބާއްވާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުންނަމަ އެ ވުޒާރާގެ ޑިވިޝަންތަކުގެ އިސްވެރިންނާއެކުވެސް އޭނާ ބައްދަލުވުމެއް ނުބާއްވާތާ އެތައް މަހެއް ވެއްޖެއެވެ. އެ މިނިސްޓަރީ ހިންގަނީ އަމަރު-އަކްބަރު-އެންތަނީ މި ތިން މީހުންނެވެ. އެ މިނިސްޓަރީ ތެރޭގައި އަޑު ފެތުރިފައި އޮންނަގޮތުންނަމަ މިނިސްޓަރަކީ ޑރ.ޝަފީއުކަމުގައި ވިޔަސް، އޭނާއާއެކު "ކުޑަ މިނިސްޓަރާ" ނުލާ އެއްވެސްކަމެއް އޭނާއަށް ނުނިންމެއެވެ. މާސިންގާ ތައުލީމީ ވުޒާރާއެއްގެ ކަންތައް މަޝްވާއެއް ނެތި، ކުއްލިކުއްލިއަށް ނިންމަމުން އަންނަ ކަމީ ހިތާމަހުރިކަމެކެވެ.

ބޮޑު މިނިސްޓަރީ އެއްގެ ހިންގުން އެންމެ 3 މީހުންގެ މައްޗަށް ބަރޯސާކޮށްފައި އޮތުމުން ކަންތައްތައް ނުނިމި ލަސްވެ ފުނިޖެހިފައިވާކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. އަދި މިނިސްޓަރީ އާއި ސްކޫލްތަކުގައި އަލަށް ނަގާ މަގާމްތަކަށް ޑރ.ޝަފީއުއާއި ޕީއެސް ގެ އެކުވެރިން ނަގަމުން އަންނަނީ އޭގެ ހިތިނަތީޖާ ވަޒަންކުރުމެއް ނެތިއެވެ. އަދި ބައެއް ސްކޫލްތަކުގެ މަގާމުތަކަށް ޕީއެއްސްއާއި މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން މުވައްޒަފުން ބަދަލުކުރަނީވެސް ވަޒީފައަކީ އެވެރިން ބޭނުންގޮތަކަށް ހިލަން އޮން ކުޅިބައެއްކަމަށް ބަލައިގެންނެވެ.

އަދި ކިއެއްތަ، ކޮންމެ ޖަލްސާއަކަށް އަރާ ދަރިވަރުންގެ ފެންވަރު ދަށްވާވާހަކަ ތަކުރާރުކޮށް ދައްކައެވެ. އަދި އީ ޓީޗަރުންގެ ފެންވަރު ނެތުމުންކަމަށް ތަކުރާރުކޮށް ބުނެއެވެ. ނަމަވެސް، ކަންކަން އިސްލާހްކުރާނެ ގޮތެއް ކިޔައެއް ނުދެވެއެވެ. އިންގިލާބީ ބަދަލެކޭ ކިޔައެވެ. ނަމަވެސް އެއީ ބޭރުގެ ފަންޑު ހޯދުމަށް ކިޔާ ލަވައެކެވެ. އަމިއްލަ ވިސްނުމެއް ނެތެވެ. އަމާޒެއް ނެތެވެ. ތަސައްވުރެއް ނެތެވެ.

އެންއައިއީ ބޮއްސުންލައިފިއެވެ. އެންމެ ޕޮލިސީއެއް ރޯލްއައުޓް ނުވެއެވެ. ނިޒާމީ ގޮތެއްގައި މަޝްވަރާއެއް ނުކުރެއެވެ. ސިޔާސީ މީހުންނަށް މަސްއޫލިއްޔަތެއް ނުދެއެވެ. ޕްރޮޖެކްޓްތައް ވަނީ ހުއްޓިފައެވެ. ސްކޫލްތައް އޮޅުން ބޮޅުން ވެއްޖެއެވެ. ޕްރިންސިޕަލުންނަކީ އަގެއް ނެތް ބަޔަކަށް ހަދައިފިއެވެ. ސަހަރޯއެވެ.

ސަރުކާރުން ނަތީޖާ ނެރެން ބޭނުންވާނަމަ، ވަޒީރު ޑރ.ޝަފީއު އެ މަގާމުން ވަކިކުރުމަކީ ޑރ.މުއިއްޒުގެ މައްޗަށް ލާޒިމްކަމެކެވެ.