ހުރިހާ ގައުމެއްގަވެސް ތައުލީމީ ނިޒާމަކީ އެގައުމެއްގެ މުސްތަގުބަލް ބައްޓަންކޮށްދެ އެންމެ މުހިންމު އަސާސްއެވެ. މަދުރަސާތަކަކީ ގައުމުގެ ޒުވާން ޖީލު އެ ހިޔާވަހިތަކުން ތަރުބިއްޔަތުވެ, މާދަމާގެ އާރުކާޓީންގެ ގޮތުގައި ދަރިވަރުން ބައްޓަންކުރާ އެނދުރުގެތަކެވެ.
އެހެންކަމުން, ވެރިކަމަށް އަންނަ ކޮންމެ ވެރިޔަކުވެސް އަބަދުވެސް ވެރިކަމަށް އަންނަނީ ތައުލީމީ ނިޒާމަށް ޚާއްސަ އެޖެންޑާއަކާ އެކީއެވެ. ތައުލީމީ ނިޒާމު ބައްޓަންކުރުމަށް ވިސްނުންތެރި ސިޔާސަތުތަކެއް އެކުލަވާލައިގެންނެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން, ފާއިތުވި 15 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައިވެސް, ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ކޮންމެ ރައީސަކުވެސް ތައުލީމީ ވުޒާރާއާއި ގުޅޭގޮތުން ދެކެވަޑައިގެންފައިވަނީ ޚާއްސަ ނަޒަރިއްޔާތަކުންނެވެ. އެވުޒާރާގެ ހިންގުމާ ހަވާލު ކުރައްވާފައިވަނީ ގާބިލް, ތައުލީމީ ނިޒާމުގެ އެފުށް މިފުށް ދަންނަ ވަޒީރަކާއެވެ. ރައީސް ނަޝީދުގެ ދައުރުން ފެށިގެން, ނިމިދިޔަ ރައީސް ސާލިހުގެ ވެރިކަމާއި ހަމައަށް މި ހަގީގަތް މި ގޮތުގައި ސާބިތުވެ ފެންނާން އޮތްކަމީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ.
އެހެންނަމަވެސް, މިހަގީތަތް މިގޮތުގައި ދެމި އޮވެފައިވަނީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަންނެވި ހިސާބަށްކަމަށްވެސް މިއަދު މިވަނީ ދަންނަވާން މަޖުބޫރު ވެފައެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވީ ވަރަށް އަރިސް ބޭފުޅުން ކެބިނެޓަށް ގެންނެވުމަށެވެ. އެގޮތުން ރައީސް މުއިއްޒު އަރިސް ބޭފުޅުން ކެބިނެޓަށް ގެންނެވުމަށް ގެންގުޅުއްވި ވިސްނުންފުޅުގެ ތެރެއިން, އާ ސަރުކާރުގެ އިސް މަގާމުތައް އަތުރާ ނިންމަވާލެއްވިއިރު, ކުރީސަފުން މުޅީންވެސް ފެންނާން ތިބީ ހައުސް މޭޓުންނާއި, ރޫމް މޭޓުންނާއި, ކްލާސް މޭޓުންނެވެ. ސިޔާސީ އެއްވެސް ތަޖުރިބާއެއް ނެތް އަރިސް ބޭފުޅުންނެވެ.
އޭގެ ތެރެއިންވެސް ވަކީން ޚާއްސަ ގޮތެއްގައި ފާހަގަވާން ހުރި އެއް ބޭފުޅަކީ އެޑިއުކޭޝަން މިނިސްޓްރީގެ ހިންގެވުން ރައީސް މުއިއްޒު ހަވާލު ކުރެއްވި, ޑރ. އިސްމާއިލް ޝަފީއުއެވެ. އޭނާއަކީ މުއިއްޒު އަދާލަތު ޕާޓީގަ އުޅުއްވި ދުވަސްވަރުއްސުރެ މުއިއްޒުއާ ގާތްކަން އޮންނަ ފަރާތެކެވެ. އޭނާގެ ރަށް ކަމުގައިވާ ގދ. ގައްދޫއަށް މުއިއްޒު ވަޑައިގެންފިނަމަ ހުންނަވަނީ ޝަފީއުގެ ގޭގައެވެ. ވިޔަފާރިއާއި އެނޫން ކަންކަމުގައިވެސް އެތައް އަހަރެއް ވަންދެން މުއިއްޒުއާއި ޝަފީއުއާ ދެބޭފުޅުންނަކީ ޒާތީ އެތައް މުއާމަލާތެއް ކުރައްވަމުން ގެންދެވި ދެބޭފުޅުންނެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން, އަނެކުންނަށް އިތުބާރު ނުކުރެވުމުގެ ބަލިމަޑުކަން އަމިއްލަފުޅު ނަފްސުގައި ހުންނަ މުއިއްޒުއަށް ކެބިނެޓަށް ގެންނަވަން އެންމެ ފުރަތަމަވެސް ފެނިވަޑައިގެންނެވި އެއް ބޭފުޅަކަށް ވެގެން ދިޔައީ އިސްމާއިލް ޝަފީއުއެވެ.
އެނގިފައިވާ ގޮތުގައި މުއިއްޒު އެންމެ ފުރަތަމަ ބޭނުންފުޅުވީ އިސްމާއިލް ޝަފީއު ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފުގެ މަގާމަށް ގެންނަވާށެވެ. އެެހެންނަމަވެސް, އިސްމާއިލް ޝަފީއު ބޭނުންވީ ތައުލީމީ ވުޒާރާގެ ވަޒީރުކަމެވެ. އެއާއެކު, އަނެކުންނަށް އިތުބާރު ނުކުރުމުގެ ބަލިމަޑުކަން އަމިއްލަފުޅު ނަފްސުގައި ހުރި, މުއިއްޒުއަށްވެސް އިސްމާއިލް ޝަފީއު ވެގެން ދިޔައީ ތައުލީމީ ވުޒާރާފަދަ މުހިންމު ވުޒާރާއަށް އައްޔަން ކުރަން އެންމެ އެކަށީގެންވާ ބޭފުޅާގެ ކަމުގައެވެ. ޒަމާނުއްސުރެ ގާތް ގުޅުމެއް އޮތް އިސްމާއިލް ޝަފީއުއަކީ އިތުބާރު ކުރެވޭ ބޭފުޅަކަށް ވާތީއެވެ.
އެހެންނަމަވެސް, ސިޔާސީ ތަޖުރިބާއެއް ނެތަސް "އިތުބާރުގެ ފަލްސަފާ"ގެ މައްޗަށް އެކަނި ކެބިނެޓަށް ކުލާސް މޭޓުންނާއި ހައުސް މޭޓުންނާއި ރޫމް މޭޓުން ލައްވައިގެން ވެރިކަން ކުރައްވަން ފެއްޓެވި މުއިއްޒުގެ ވެރިކަމަށް ދޮޅު އަހަރު ވެގެންދާއިރު މިއަދު ހަގީގަތަކީ ކޮބައިތޯއެވެ.
މިއަދު މި ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނީ ތައުލީމީ ދާއިރާއަށެވެ. އެއްވެސް ކުރިއެރުމެއް ނައިސް ސްކޫލްތަކުގެ ވެރިންނާއި މުދައްރިސުން ހާސްކަމެއްގެ ތެރެއަށް ވެއްޓެމުންދާ ދިއުމަށް އެދެވޭ އިޖާބެއް ތައުލީމީ ވުޒާރާއިން މިއަދާއި ހަމައަށްވެސް ދީފައެއް ނުވެއެވެ.
ޑރ. އިސްމާއީލް ޝަފީއުއަކީ ސަރުކާރުގެ އެންމެ ބޮޑު ފެއިލިއަރ އެވެ. އޭނާގެ ބޮޑާކަމާއި ކިބުރުވެރިކަމާއި ގޮތްދޫނުކުރުމާއި މަމޮޅުކަމަކީ މުޅި ސިޔާސީ މައިދާނުގައި ތިބި އެންމެން ދަންނަކަމެއްގެ އިތުރުން މުޅި ތައުލީމީ ނިޒާމުގެ ގިނަ މީހުންނަށް ހާމަވަމުންދާ ކަމެކެވެ.
ރައީސް މުއިއްޒުއަށް އެންމެ ގިނައިން ހުށަހެޅޭ ޝަކުވާއަކީވެސް އޭނާ ވަކިކޮށްދިނުމުގެ ޝަކުވާއެވެ. އެގޮތުން މަޖިލިސް މެންބަރުންގެ ތެރެއިން ހުރިހާ އެންމެން ކަހަލަ ގޮތަކަށް އޭނާ ވަކިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށެހެޅިއެވެ. އެހެންނަމަވެސް އޭނާއަކީ ރައީސްގެ އެންމެ އަރިސް ބޭފުޅާވީމާ އޭނާއަށް އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައެއް ނުވެއެވެ. އަދިކިއެއްތަ، ދުވަހުންދުވަހަށް އޭނާގެ އަރިސްކަން ވަނީ އިތުރެވެ.
ޑރ. އިސްމާއީލް އަންގާފައިވާ ގޮތުންނަމަ، މަޖިލިސް މެންބަރުންނަކީ އެއްވެސް ބައެއް ނޫނެވެ. ކައުންސިލަރުންނަކީ ތަނެއްދޮރެއް ދަންނަ ބައެއް ނޫނެވެ. އޭނާއާ ބައްދަލުކުރުމަށް އަންނަ މަޖިލިސް މެންބަރުންނާއި ކައުންސިލަރުންނާއި ބައްދަލުނުކުރާނެކަމަށް ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ. އަދި އޭނާ ބުނާގޮތުން ރަށެއްގެ ސްކޫލެއްގެ މައްސަލައަކާ މަޖިލިސް މެންބަރު ނުވަތަ ކައުންސިލަރަކު ގުޅައިފިނަމަ، އެ ސްކޫލުގެ ޕްރިންސިޕަލަށް ފިޔަވަޅު އަޅަންޖެހޭނެއެވެ. އަދި މެންބަރުން ބުނާ ކަންތައް ކޮށްނުދިނުމަށް އެ ވުޒާރާގައި ތިބޭ އޭނާގެ އައުވާނުންނަށްވެސް ވަނީ އަންގާފައެވެ.
ތައުލީމީ ވުޒާރާގައި 40 އަށް ވުރެ ގިނަ ސިޔާސީ މީހުން ތިބެއެވެ. އޭގެ ތެރޭގައި 5 ސްޓޭޓް މިނިސްޓަރުން ތިބެއެވެ. އެއީ ޑރ.މުއިއްޒު އެތަނަށް ލެއްވި 6 ސްޓޭޓް މިނިސްޓަރުންގެ ތެރެއިން އެކަކު ކަމުގައިވާ ސްޓޭޓް މިނިސްޓަރ ސަފޫރާ ޑިފެންސަށް ބަދަލުވުމުންނެވެ. ސަފޫރާ ޑިފެންސަށް ބަދަލުވީ ވަޒީރު ޝަފީއުގެ ދުއްތުރާ ބޮޑުވެގެން އެތާގައި އުޅެން ދަތިވެގެންނެވެ.
އަދި މިއަށްވުރެ ބޮޑު ހިތާމައަކީ ޑރ.ޝަފީއު ސިޔާސީ މީހުންނާއެކު މަޝްވަރާ ބައްދަލުވުމެއް ނުބާއްވާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުންނަމަ އެ ވުޒާރާގެ ޑިވިޝަންތަކުގެ އިސްވެރިންނާއެކުވެސް އޭނާ ބައްދަލުވުމެއް ނުބާއްވާތާ އެތައް މަހެއް ވެއްޖެއެވެ. އެ މިނިސްޓަރީ ހިންގަނީ އަމަރު-އަކްބަރު-އެންތަނީ މި ތިން މީހުންނެވެ. އެ މިނިސްޓަރީ ތެރޭގައި އަޑު ފެތުރިފައި އޮންނަގޮތުންނަމަ މިނިސްޓަރަކީ ޑރ.ޝަފީއުކަމުގައި ވިޔަސް، އޭނާއާއެކު ”ކުޑަ މިނިސްޓަރާ“ ނުލާ އެއްވެސްކަމެއް އޭނާއަށް ނުނިންމެއެވެ. މާސިންގާ ތައުލީމީ ވުޒާރާއެއްގެ ކަންތައް މަޝްވާއެއް ނެތި، ކުއްލިކުއްލިއަށް ނިންމަމުން އަންނަ ކަމީ ހިތާމަހުރިކަމެކެވެ.
ބޮޑު މިނިސްޓަރީ އެއްގެ ހިންގުން އެންމެ 3 މީހުންގެ މައްޗަށް ބަރޯސާކޮށްފައި އޮތުމުން ކަންތައްތައް ނުނިމި ލަސްވެ ފުނިޖެހިފައިވާކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. އަދި މިނިސްޓަރީ އާއި ސްކޫލްތަކުގައި އަލަށް ނަގާ މަގާމްތަކަށް ޑރ.ޝަފީއުއާއި ޕީއެސް ގެ އެކުވެރިން ނަގަމުން އަންނަނީ އޭގެ ހިތިނަތީޖާ ވަޒަންކުރުމެއް ނެތިއެވެ. އަދި ބައެއް ސްކޫލްތަކުގެ މަގާމުތަކަށް ޕީއެއްސްއާއި މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން މުވައްޒަފުން ބަދަލުކުރަނީވެސް ވަޒީފައަކީ އެވެރިން ބޭނުންގޮތަކަށް ހިލަން އޮން ކުޅިބައެއްކަމަށް ބަލައިގެންނެވެ.
އަދި ކިއެއްތަ، ކޮންމެ ޖަލްސާއަކަށް އަރާ ދަރިވަރުންގެ ފެންވަރު ދަށްވާވާހަކަ ތަކުރާރުކޮށް ދައްކައެވެ. އަދި އީ ޓީޗަރުންގެ ފެންވަރު ނެތުމުންކަމަށް ތަކުރާރުކޮށް ބުނެއެވެ. ނަމަވެސް، ކަންކަން އިސްލާހްކުރާނެ ގޮތެއް ކިޔައެއް ނުދެވެއެވެ. އިންގިލާބީ ބަދަލެކޭ ކިޔައެވެ. ނަމަވެސް އެއީ ބޭރުގެ ފަންޑު ހޯދުމަށް ކިޔާ ލަވައެކެވެ. އަމިއްލަ ވިސްނުމެއް ނެތެވެ. އަމާޒެއް ނެތެވެ. ތަސައްވުރެއް ނެތެވެ.
އެންއައިއީ ބޮއްސުންލައިފިއެވެ. އެންމެ ޕޮލިސީއެއް ރޯލްއައުޓް ނުވެއެވެ. ނިޒާމީ ގޮތެއްގައި މަޝްވަރާއެއް ނުކުރެއެވެ. ސިޔާސީ މީހުންނަށް މަސްއޫލިއްޔަތެއް ނުދެއެވެ. ޕްރޮޖެކްޓްތައް ވަނީ ހުއްޓިފައެވެ. ސްކޫލްތައް އޮޅުން ބޮޅުން ވެއްޖެއެވެ. ޕްރިންސިޕަލުންނަކީ އަގެއް ނެތް ބަޔަކަށް ހަދައިފިއެވެ. ސަހަރޯއެވެ.
އާދޭހެވެ! މި ބޮޑާ، ކިބުރުވެރި, ހައްދުފަހަނައެޅި ވަޒީރު ހުންނެވީ، މުއިއްޒުގެ އަރިސް ބޭފުޅަކަށްވީމާ ވަޒީރު ކަމަކީ މި 5 އަހަރަށް ހިބަކޮށް ލިޔެދީފަ އޮތް ވަޒީފާއެއްކަމަށް ހިތުލައިގެންނެވެ. މުއިއްޒުއާއި އޮންނަ ގާތްކަމެއްގެ ބޮޑުކަމުން, މި ވަޒީރު ޖަވާބުދާރީ ކުރުވޭނެ ގޮތެއް ނެތެވެ. ޝަކުވާއެއްގެ އަޑު އޭނާގެ ކަންފަތަށް އިއްވޭނެ ގޮތެއް ނެތެވެ. މައްސަލައެއްގެ ހައްލު ހޯދުމަށް އޭނާއާއި މަޝްވަރާ ކުރެވޭނެ ގޮތެއް ނެތެވެ. ތައުލީމީ ވުޒާރާއަކީ އޭނާ ހިތުހުރި ގޮތަކަށް މޮޑެން އޮތް ފުށްގަޑަކަށް ވެގެން ހިގައްޖެއެވެ.
އެހެންނަމަވެސް, މުއިއްޒު މިއަދު ގަބޫލުރައްވަން ވީ ހަގީތަކީ, ސިޔާސީ ތަޖުރިބާއެއް ނެތް, ހައުސް މޭޓުންނާއި, ރޫމް މޭޓުންނާއި ކުލާސް މޭޓުން ލައިގެން ގައުމު ހިންގެން ނެތްކަމެވެ. ބޮޑާ ކަމާއި, ހަރުކަށިކަމާއި, ކިބުރުވެރިކަމުން ފޯވަފައި ހުރި މިވަޒީރުގެ ފަރާތުން މުއިއްޒުއަށް ހާސިލްވާ ސިޔާސީ އެއްވެސް މަންފާއެއްވެސް ނެތްކަމެވެ. އޭނާއާއި ހެދި ހަނާ ވަމުން ދަނީ ތައިމީލީމީ ނިޒާމުކަމެވެ. ވަގުތު ފާއިތުވުމުގެ ކުރިން ފިޔަވަޅު އަޅުއްވާށެވެ.