މުއިއްޒްގެ ސިންގަޕޫރު ދަތުރާއި ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް އާންމުކޮށްފައި ނުވާއިރު މި ދަތުރުގައި ޗައިނާ ސަރުކާރުގެ އިސް ބަޔަކާއި ސިއްރު ބައްދަލުވުމެއް ދިޔަކަށް މިނޫހަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
މިގޮތުން ޕީޕީއެމް ކުރީ ސަރުކާރާއި ޗައިނާއާއި އޮތް ގާތްގުޅުމާއި، އަދި އެގުޅުން ޚަރުދަނާ ކުރުމާއި ގުޅޭ ގޮތުން ވާހަކަ ދެކެވިފައި ވާކަމަށް މަޢުލޫމާތު ލިބެއެވެ.
މިގޮތުން ރައީސް ޔާމީނުގެ ދަޢުރުގައި ފޭދޫ ފިނޮޅުގައި މިލިޓަރީ ބޭސްއެއް އެޅުމަށް ކުރެވިފައިވާ މަޝްވަރާތަކާއި އެއްގޮތަށް މިލިޓަރީ ބޭސް އެޅުމުގެ ކަންތައް ހަމަ ޖެއްސުމަށް ޗައިނާއިން އެދިފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ޗައިނާއިން ވަނީ މުއިއްޒުގެ ކެމްޕެއިނަށް ބޮޑެތި ޚަރަދުތަކެއް ކޮށްފައެވެ. އަދި ކުރިއަށް އޮތްތާގައި ޗައިނާއިން މީގެ ބަދަލެއްގެ ގޮތުގައި މަޝްރޫޢުތަކަށް އެހީ ވެދިނުމާއި، ޗައިނާގެ ލޯނުތައް ރީސްޓްރެކްޗަރ ކޮށްދޭނެކަމަށް ބުނެފައިވެއެވެ.
އޭރު ޗައިނާ ސަރުކާރުން ވަނީ 38،000 އަކަމީޓަރުގެ ފޭދޫ ފިނޮޅު، 100،000 އަކަ މީޓަރަށް ބޮޑު ކޮށްފައެވެ. އަދި މިކަން ރައީސް ޔާމީނު ސަރުކާރުން ކޮށްފައިވަނީ އޭރު ކޮން ސަބަބަކާއި ގުޅިގެން ކަމެއް ހާމަ ކޮށްފައި ނުވެއެވެ. އަދި އޭރު ފޭދޫ ފިނޮޅު ޗައިނާއަށް ކުށްޔަށް ދީފައިވާ ސަބަބުވެސް ވަނީ ސިއްރު ކުރެވިފައެވެ. އަދި މިކަން ސިއްރު ކޮށްފައިވާއިރު، ބޭރު ގައުމުތަކުން ޗައިނާއިން ފޭދޫ ފިނޮޅުގައި މިލިޓަރީ ބޭހެއް އެޅުމަށް މަސައްކަތްކުރާކަމަށް އޭރު ވަނީ ތުހުމަތުކޮށްފައެވެ.
ދެކުނު އޭޝިއާގައި ޗައިނާގެ ނުފޫޒު ގަދަކުރުމަށް ޗައިނާއިން ކުރާ މަސައްކަތުގެ ދަށުން ޕާކިސްތާނުގައި މިހާރުވެސް ވަރުގަދަ ގުޅުންތަކެއް ގާއިމުކޮށް، ޕްރޮޖެކްޓައް މެދުވެރިކޮށް ސްރީލަންކާއަށް ޗައިނާގެ ނުފޫޒު ފޯރުވަމުންދާކަމަށް އެޤައުމުގެ ސިޔާސީ ފަރާތްތައް ހާމަކުރެއެވެ.
ޗައިނާގެ މިލިޓަރީ ބޭހެއް އެޅުމަށް މުއިއްޒުގެ ފަރާތުން ޗައިނާއަށް އެއްވެސް ޔަގީން ކަމެއް ދިންކަމެއް ސާފުވެފައި ނުވެއެވެ. ޕީޕީއެމް ސަރުކާރުން، ބޭރުގެ ބައެއް ޤައުމުތަކާއި ސިއްރު ގުޅުންތައް މީގެ ކުރިންވެސް ބާއްވާފައިވެއެވެ. މީގެ ކުރިން ފ އަތޮޅު، އެއްކޮށް ވިއްކާލުމަށްވެސް ޕީޕީއެމް ސަރުކާރުން ވަނީ މަސައްކަތް ކޮށްފައެވެ. އަދި މުއިއްޒު އިސްކޮށް ހުންނަވައިގެން ހދ. އަތޮޅުން މީހުން ބޭލުމަށް މަސައްކަތްކޮށް އެކަމަށް ރަށްތަކުން ތަރުހީބު ނުލިބުމުން އެ މަސައްކަތް މަޑުޖައްސާލާފައިވެއެވެ.