ޚަބަރު

ހަމްދީ އަގީލް މަގާމުން ވަކިކޮށްފައިވަނީ އޭނާއަކީވެސް "އަބުދުއްރަހީމްގެ މީހަކަށް" ވާތީ!

ދިޔަވަރު
ހަމްދީ އަގީލް މަގާމުން ވަކިކޮށްފައިވަނީ އޭނާއަކީވެސް "އަބުދުއްރަހީމްގެ މީހަކަށް" ވާތީ!

މުއިއްޒު ކުއްލި ގޮތަކަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް ހަމްދީ އަގީލް، މަގާމުން ވަކިކުރައްވާފައިވަނީ ފާއުތުވި ހަފްތާގައެވެ. އެހެންނަމަވެސް މިއަދާއި ހަަމައަށްވެސް މުއިއްޒު ޕީސީބީގެ ބޯޑުގެ ރައީސްގެ މަގާމުން ހަމްދީ ވަކިކުރެއްވި ސަބަބެއް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ހަމްދީ މަޤާމުން ވަކިކޮށްފައި މިވަނީ ސަރުކާރުގެ ކުންފުނިތަކަށް އަމާޒު ކުރައްވައިގެން ދެ ސާކިއުލާއެއް ނެރުއްވައިފައިވަނިކޮށެވެ. އެގޮތުން ކުރިއަށް އޮތް ރޯދަމަހު ކުންފުނިތަކުގެ މުވައްޒަފުންނަށް ދޭ ރޯދަ އިނާޔަތުގެ ފައިސާ ފިޔަވައި އިތުރު ހަދިޔާތައް ނުދިނުމަށް އަންގައި ނެރުނު ސާކިއުލާއަކާއި ކުންފުނިތަކުގެ ހަރަދު ކުޑަކުރުމާ ގުޅޭ ސާކިއުލާރ އެއް ނެރެފައިވެއެވެ.

ޕީސީބީގެ ރައީސަކަށް ހަމްދީ އައްޔަން ކުރައްވާފައި ވަނީ ނޮވެމްބަރު 22، 2023 ގައެވެ.

ހަމްދީ ވަނީ މީގެ ކުރިން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުކަމާއި މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ވެސް ފުރުއްވައިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމްދީއަކީ ރައީސް މުއިއްޒު ހޮވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އަދި ހަމްދީއަކީ މަޖިލިސް ރައީސް އަބްދުއްރަހީމްގެ ގާތް ބޭފުޅެއްވެސް މެއެވެ. އެގޮތުން ހަމްދީ އަގީލްއާއި އަބުދުއްރަހީމްއާއި ދެބޭފުޅުންގެ ގުޅުން އުފެދިގެން އައިސްފައިވަނީ މީގެ އެތައް އަަހަރެއް ކުރިން, އަބުދުއްރަހީމް މާލޭގައި ހުންނެވިއިރު, ހަމްދީ އަގީލްގެ ގޭގައި އަބުދުއްރަހީމް ހުންނެވި ހިސާބުން ފެށިގެންކަން އެނގިފައި ވެއެވެ.

މިސަރުކާރުގެ އިސް އޮފިޝަލަކު "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދީފައިވާ ގޮތުގައި ހަމްދީ އަގީލް މަގާމުން ވަކިކޮށްފައިވަނީ, ޕީސީބީގެ ރައީސްކަމުގައި ހުންނަވައިގެން, އޭނާ މެދުވެރިކޮށް, ސަރުކާރުގެ އިސްމަގާމްތަކަށް މީހުން އައްޔަން ކުރުމާއި ވަކިކުރުމުގައި އަބުދުއްރަހީމް ނުފޫޒު ފޯރުވާކަމަށް ރައީސް މުއިއްޒުއަށް ޝައްކު ކުރެވޭތީ ކަމުގައެވެ.

އަބުދުއްރަހީމްގެ ސިޔާސީ ބާރު ކުޑަކޮށް, "ފިޔަ ކޮށާލުމުގެ" ގޮތުން މުއިއްޒު ވަނީ އަބުދުއްރަހީމްގެ ދަރިފުޅު, ފައިސަލް ވަޒީރުކަމުން ވަކި ކުރައްވާފައެވެ. އަދު އެނޫންވެސް, އަބުދުއްރަހީމްގެ ބަސް ވިކޭކަމަށް ޝައްކުކުރެވޭ, ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ގިނަބަޔަކު ވަނީ މަގާމްތަކުން ވަކިކޮށް, އަނެއް ބަޔަކު އެހެން ވުޒާރާތަކަށް ބަދަލު ކޮށްފައެވެ.

ޕީސީބީ އަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް، އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑެވެ.