ޚަބަރު

ނުރައްކާތެރި ކުށްތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހުން ހިމެނޭހެން ކުށްވެރިންތަކެއް ދޫކޮށްލައިފި

ދިޔަވަރު
ނުރައްކާތެރި ކުށްތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހުން ހިމެނޭހެން ކުށްވެރިންތަކެއް ދޫކޮށްލައިފި

މާލޭގައި ހިނގަމުންދާ ސިލްސިލާ މާރާމާރީތަކުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ފަސް މީހުން އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ. ތަހުގީގަށް ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން މި ފަސް މީހުން ދޫކޮށްލާފައިވާއިރު، އޭގެ ތެރޭގައި ނުރައްކާތެރި ކުށްތަކުގެ ރެކޯޑު އޮތް މީހުން ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.

މިހާރު މާލޭގައި ހިނގަމުންދާ މާރާމާރީތަކަކީ ދެ ގޭންގެއްގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުމަކާ ގުޅިގެން ހިނގާ މާރާމާރީތަކެއްކަމަށް ވެއެވެ. މިގޮތުން މި މަހުގެ 4 ވަނަ ދުވަހުގެ ރޭ އައިޖީއެމްއެޗް ކައިރީގައި މީހެއްގެ ބޮލުގައި މަރުތޭލަކުން ޖަހާފައިވާ މައްސަލައިގެ މައިގަނޑު ތުހުމަތުކުރެވޭ ފަރާތް، މެލޭޝިއާއަށް ފިލަން އުޅެނިކޮށް ހައްޔަރުކޮށް މިއަދު ހެނދުނު ރާއްޖެ ގެނެވުނެވެ.

ފުވައްމުލަކު، ބަނަފްސާގޭ ހުސައިން އަރީޝް (31 އަހަރު) އަކީ މާފަންނު ސަރަހައްދުގައި ހަރަކާތްތެރިވާ ގޭންގެއްގެ އިސް މީހެއްކަމަށް ފުލުހުން ބުނެއެވެ. އޭނާގެ މައްޗަށް 26 ކުށުގެ ރެކޯޑު އޮތްއިރު، އޭގެ ތެރޭގައި 15 މާރާމާރީއާއި، 6 މަސްތުވާތަކެތީގެ މައްސަލައާއި، 3 މުދަލަށް ގެއްލުން ދިނުމުގެ މައްސަލައާއި، 2 ތޫނު ހަތިޔާރު ގެންގުޅުމުގެ މައްސަލަ ހިމެނެއެވެ.

މި މަހުގެ 8 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ރެހެންދި ޓާފް ދަނޑު ކައިރީގައި ހިނގި މާރާމާރީގެ މައްސަލައިގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ގދ. ފިޔޯރީ، ހީނާމާގޭ ރުސްތުމް އިބްރާހިމް (25 އަހަރު) އާއި ބ. ގޮއިދޫ ފިނިފެންމާގޭ ސައިފުﷲ ފައިސަލް (19 އަހަރު) ހައްޔަރުކޮށްފައިވަނީ ކޯރާޑިއަކުން މީހަކަށް ހަމަލާދިން މައްސަލައިގައެވެ. ސައިފުﷲ ވަނީ މައްސަލައިގެ ތަހުގީގާއި ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

މާރާމާރީތައް އިތުރުވުމާ ގުޅިގެން، ހެލްމެޓް އެޅުން ލާޒިމްނޫން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އުޅޭ ފަރާތްތަކުގެ ތެރެއިން ޝައްކުކުރެވޭ ފަރާތްތަކާ ސުވާލުކޮށް ބަލާ ފާސްކުރާނެކަމަށް ފުލުހުން ބުނެއެވެ.