ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސިޔާސީ ޕާޓީއަކުން ވަކިވުމުން ނުވަތަ ވަކިކުރުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހަކީ ރާއްޖޭގެ ރިޔާސީ ނިޒާމުގެ އަސާސީ ސިފަތަކާ ފުށުއަރާ އިސްލާހެއްކަމަށް ގާނޫނީ ވަކީލު މަހްފޫޒް ސަޢީދު ވިދާޅުވެއްޖެއެވެ.
ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުނު މި މައްސަލައިގައި މަހްފޫޒް ސަޢީދު ފާހަގަކުރެއްވި ގޮތުގައި، މި އިސްލާހުގެ ސަބަބުން ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ބާރުތައް ހަނިވެގެން ގޮސްފައިވެއެވެ.
"ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް އަންނަނީ ރައްޔިތުންގެ ކިބައިން. އަދި އެ ބާރުތައް ދެމިއޮންނާނީވެސް ރައްޔިތުންގެ ކިބައިގައި. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުން އިންތިޚާބުކުރާ ބައެއް. އެ މެންބަރުން މަސައްކަތްކުރަންޖެހޭނީ އެއްވެސް ފަރާތެއްގެ ނުފޫޒަކާ ނުލައި," މަހްފޫޒް ސަޢީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގާނޫނުއަސާސީން ލިބިދީފައިވާ ހިމާޔަތްތަކާއި މަސައްކަތުގެ ދާއިރާ ކަނޑައަޅާފައިވަނީ ރައްޔިތުންގެ ބާރުވެރިކަން ކަށަވަރުކުރުމުގެ ގޮތުންކަމަށް މަހްފޫޒް ސަޢީދު ވިދާޅުވިއެވެ.
"ގާނޫނުއަސާސީގެ އެންމެ މުހިންމު އެއް އަސާސަކީ ރައްޔިތުންގެ އަސާސީ ހައްގުތައް ރައްކާތެރިކުރުން. ދައުލަތުގެ އެންމެހައި ބާރުތައް ދެމިގެންދާންވާނީ ރައްޔިތުންގެ ކިބައިން. އެ ބާރުތައް ތަމްސީލުކުރާނީ ރައްޔިތުން އިންތިޚާބުކުރާ މެންބަރުން މެދުވެރިކޮށް," މަހްފޫޒް ސަޢީދު ކޯޓުގައި ވިދާޅުވިއެވެ.
ގާނޫނުއަސާސީގެ 5 ވަނަ މާއްދާއާއި 70 ވަނަ މާއްދާއިން ކަށަވަރުކޮށްދެނީ ރައްޔިތުންގެ މަޖިލީހަކީ އެއްވެސް ފަރާތެއްގެ ނުފޫޒުގެ ދަށުގައި އޮންނަ ތަނަކަށް ވެގެން ނުވާނެކަމެވެ. މިއީ ގާނޫނުއަސާސީގެ އަސާސީ ސިފައެއްކަމަށް އެ ވަކީލު ފާހަގަކުރެއްވިއެވެ.
މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދިނުމަކީ ގާނޫނުއަސާސީގެ އަސްލުތަކާ ފުށުއަރާ ކަމެއްކަން ފާހަގަކުރައްވަމުން، ދައުލަތުގެ ބާރުތައް ހިންގުމުގައި ސިޔާސީ ޕާޓީތަކުގެ ދައުރު ގާނޫނުއަސާސީގައި ކަނޑައަޅާފައި ނުވާކަން މަހްފޫޒް ސަޢީދު ފާހަގަކުރެއްވިއެވެ.
"ޕާޓީގެ ޓިކެޓް، ޕާޓީގެ ވިޕް، އަދި ޕާޓީ ލައިން، މިއީ ގާނޫނުއަސާސީ ދަންނަ ލަފުޒުތަކެއް ނޫން. ސިޔާސީ ޕާޓީއެއް އުފެއްދުމާއި ޕާޓީއެއްގެ މެންބަރަކަށްވުމުގެ ހައްގު އަސާސީ ހައްގެއްގެ ގޮތުގައި އޮތް ނަމަވެސް، ދައުލަތުގެ ބާރުތައް ހިންގުމުގައި ޕާޓީތަކުގެ ދައުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައެއް ނުވޭ."
ރިޔާސީ ނިޒާމެއްގައި، ބަރުލަމާނީ ނިޒާމާ ޚިލާފަށް، މެންބަރަކު ވަކި ޕާޓީއަކަށް ނިސްބަތްވުމަކީ ސަރުކާރު އެކުލަވާލުމާއި ހިންގުމަށް ދުސްތޫރީ ގޮތުން އަސަރުކުރާނެ ކަމެއް ނޫންކަމަށް މަހްފޫޒް ސަޢީދު ވިދާޅުވިއެވެ.
"ރާއްޖޭގައި އޮތީ ރިޔާސީ ނިޒާމެއް. މި މައްސަލަ ހައްލުކުރަން ބޭނުންނަމަ، އެކަން ކުރަންވާނީ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ޚިލާފުނުވާ ގޮތަށް. އޭގެ ތެރޭގައި މެންބަރަކު އޭނާގެ ޒިންމާއާ ޚިލާފުވެއްޖެނަމަ، އެ މެންބަރަކު މަގާމުގައި ބެހެއްޓުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދޭނެ ނިޒާމެއް އެކަށައެޅިދާނެ."
މި މައްސަލަ ހައްލުކުރުމަށް މީގެ ކުރިންވެސް ގާނޫނުއަސާސީއާ ޚިލާފު ގާނޫނެއް ވަނީ ހެދިފައިކަން ފާހަގަކުރައްވަމުން، މަހްފޫޒް ސަޢީދު ވިދާޅުވީ މިފަދަ މައްސަލަތައް ހައްލުކުރަންވާނީ ރައްޔިތުންނަށް ގާނޫނުއަސާސީން ލިބިދީފައިވާ ބާރުތައް ނުގެއްލޭނެ ގޮތަކަށް ކަމަށެވެ.
ޚުލާސާއެއްގެ ގޮތުން، މި މައްސަލައަކީ ހަމައެކަނި ސިޔާސީ ޕާޓީތަކުގެ މައްސަލައެއް ނޫންކަމާއި، މިއީ ރައްޔިތުންގެ އަސާސީ ހައްގުތަކާ ގުޅިފައިވާ މުހިންމު މައްސަލައެއްކަން ކޯޓުގައި ފާހަގަކުރެވުނެވެ. ސުޕްރީމް ކޯޓުން މި މައްސަލައާމެދު ގޮތެއް ނިންމުމަށް ބަހުސްތައް ކުރިއަށްދާއިރު، ރައްޔިތުންގެ ބާރުވެރިކަން ހިމާޔަތްކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަން ވަކީލު މަހްފޫޒް ސަޢީދު ވަނީ ފާހަގަކުރައްވާފައެވެ.