ޚަބަރު

ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މިހާތަނަށް ރާއްޖޭގެ އެއްވެސް އުފެއްދުމެއް ބޭރު ނުކުރެވި ޤައުމަށް ބޮޑު ގެއްލުމެއް

ދިޔަވަރު
ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މިހާތަނަށް ރާއްޖޭގެ އެއްވެސް އުފެއްދުމެއް ބޭރު ނުކުރެވި ޤައުމަށް ބޮޑު ގެއްލުމެއް

ދިވެހިރާއްޖެއާއި ޗައިނާގެ މެދުގައި ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ތަންފީޒުކުރަން 2024 ގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށުމާއެކު، މިހާތަނަށް ފެންނަމުންދަނީ އެއްފަރާތުގެ ވިޔަފާރީގެ މުޢާމަލާތްތަކެވެ.

މި އެއްބަސްވުމުގެ ދަށުން މިހާތަނަށް ދިވެހިރާއްޖެއަށް 1.9 މިލިއަން ރުފިޔާގެ މުދާ ޗައިނާއިން އެތެރެކޮށްފައިވީ ނަމަވެސް، ރާއްޖެއިން އެއްވެސް އުފެއްދުމެއް ޗައިނާއަށް އަދި އެކްސްޕޯޓް ކުރެވިފައެއް ނުވެއެވެ. މީގެ ތެރޭގައި ހިމެނެނީ 882,381 ރުފިޔާގެ 9 ވައިގެ ޝިޕްމަންޓާއި 1.04 މިލިއަން ރުފިޔާގެ 3 ކަނޑުމަގުގެ ޝިޕްމަންޓެވެ.

އެއްބަސްވުމުގެ އަމާޒަކީ ވިޔަފާރީގެ ހުރަސްތައް ކުޑަކޮށް، ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން ބަދަހިކުރުން ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް މި އެއްބަސްވުމުގެ ސަބަބުން ޗައިނާއިން އެތެރެކުރެވޭ މުދަލުގެ 70 އިންސައްތަ ޑިއުޓީ މާފުކުރެވި، 5 އަހަރުގެ ތެރޭގައި މި އަދަދު 90 އިންސައްތައަށް އިތުރުވާނެކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ލަފާކުރެއެވެ.

2017 ގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ސޮއިކުރެވުނު މި އެއްބަސްވުން 7 އަހަރު ލަސްވުމަށްފަހު ތަންފީޒުކުރަން ފެށުމުގައި، ކަމާބެހޭ ވިޔަފާރިތަކާ އެކަށީގެންވާ މަޝްވަރާއެއް ނުކުރެވި، ރައްޔިތުންގެ މަޖިލީހުންވެސް އަވަސްއަރުވާލައިގެން ފާސްކުރިކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.

އިޤްތިޞާދީ މާހިރުންގެ ކަންބޮޑުވުންތައް:

  • ޗައިނާ ފަދα ބޮޑު ގައުމަކާއެކު ވެވުނު މި އެއްބަސްވުމުގެ މަންފާ ލިބޭނީ ހަމައެކަނި ޗައިނާއަށް
  • ދައުލަތަށް ލިބެމުންއައި ޑިއުޓީގެ އާމްދަނީގެ ބޮޑުބައެއް ގެއްލޭނެ
  • ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ނޭދެވޭ އަސަރުކުރާނެ

ސަރުކާރުން ބުނާގޮތުގައި ރާއްޖެއިން ޗައިނާއަށް ކުރެވޭ އެކްސްޕޯޓުތަކަށް 95 އިންސައްތައިގެ ޑިއުޓީ މާފު ލިބި، ދެ ޤައުމުގެ މެދުގައި ވިޔަފާރީގެ މުޢާމަލާތްތައް އިތުރުވެގެންދާނެއެވެ. ނަމަވެސް މިހާތަނަށް މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން އެއްވެސް މުދަލެއް ޗައިނާއަށް އެކްސްޕޯޓް ކުރެވިފައެއް ނުވެއެވެ.