ޚަބަރު

މަޖިލީސް ހިސޯރު ކޮށްގެން އުޅޭ މައްސަލާގައި އޭޖީ އޮފީހުން ކޯޓުގައި ދެއްކި ވާހަކަތަކުން ސިފަވީ އުޝާމު އުޅޭނީ މުއިއްޒު ރަސްކަލަކަށް ނުހެދިގެންކަން! ކޯޓުން ނިންމާ ގޮތަކުން މުއިއްޒަށް ރަސްކަލެއްގެ ބާރު ލިބުމަކީ އެކަށީގެންވާ ކަމެއް!

ދިޔަވަރު
މަޖިލީސް ހިސޯރު ކޮށްގެން އުޅޭ މައްސަލާގައި އޭޖީ އޮފީހުން ކޯޓުގައި ދެއްކި ވާހަކަތަކުން ސިފަވީ އުޝާމު އުޅޭނީ މުއިއްޒު ރަސްކަލަކަށް ނުހެދިގެންކަން! ކޯޓުން ނިންމާ ގޮތަކުން މުއިއްޒަށް ރަސްކަލެއްގެ ބާރު ލިބުމަކީ އެކަށީގެންވާ ކަމެއް!

ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ޕާޓީ ބަދަލުވުމުގެ މައްސަލައިގައި ބަންޑާރަ ނައިބުގެ އޮފީހުން ކޯޓުގައި ދެއްކި ލަދުވެތި ވާހަކަތަކުން ސިފަވީ އުޝާމު އުޅޭނީ މ. ދިމްޔާތު, މުހައްމަދު މުއިއްޒު ރަސްކަލަކަށް ނުހެދިގެންކަމެވެ. އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޤާނޫނީ ވަކާލާތުތަކުގައި ފެނިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އިޚްތިޔާރުތައް އިންތިހާއަށް ފުޅާކުރަން ބޭނުންވާ ކަމެވެ. ޚާއްޞަކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކުރެއްވި ސުވާލުތަކަށް ދެއްވި ބަލިކަށި ޖަވާބުތަކުން ދޭހަވީ، ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ދުސްތޫރީ ގޮތުން ވަކިކޮށްފައިވާ މިންވަރަށްވުރެ މާ ފުޅާކޮށް، ރަސްކަލެއްގެ އިޚްތިޔާރުތަކާ އެއްފަދަ އިޚްތިޔާރުތަކެއް ދިނުމަށް މަގުފަހިކުރަން މަސައްކަތްކުރާ ތަނެވެ. އެހެންކަމުން ކޯޓުން މި މައްސަލަ ނިންމާ ގޮތުން މުއިއްޒަށް ރަސްކަލެއްގެ ބާރު ލިބުމަކީ އެކަށީގެންވާ ކަމެކެވެ.

ބަންޑާރަނައިބުގެ އިއުތިރާޒާމެދު ދިޔަވަރުން ދެކޭގޮތް:

ދައުލަތުން މި މައްސަލައިގައި ކުރި އިއުތިރާޒުތަކަށް ބަލާއިރު، މައިގަނޑު ގޮތެއްގައި ދެ ކަމެއް ފާހަގަކޮށްފައިވެއެވެ. އެއީ ސުޕްރީމް ކޯޓަށް މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ނެތް ކަމަށާއި، އަދި މިވަގުތު މި މައްސަލަ މާނަކުރަން ޖެހޭ ހާލަތެއް މެދުވެރިވެފައި ނުވާކަމަށެވެ. ނަމަވެސް މި ދެ އިއުތިރާޒަކީވެސް ޤާނޫނީ ގޮތުން ވަރަށް ބަލިކަށި އިއުތިރާޒުތަކެއް ކަމަށް ދެކެމެވެ.

އެންމެ ފުރަތަމަ ކަމަކަށް، ސުޕްރީމް ކޯޓަކީ ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓެވެ. ޤާނޫނުއަސާސީ މާނަކުރުމާއި، އެއާ ގުޅުންހުރި މައްސަލަތައް ބެލުމުގެ އެންމެ އިސް ފަރާތަކީވެސް ސުޕްރީމް ކޯޓެވެ. އެހެންކަމުން މިފަދަ މުހިންމު ދުސްތޫރީ މައްސަލައެއް ބެލުމުގެ ބާރު ސުޕްރީމް ކޯޓަށް ނެތް ކަމަށް ބުނުމަކީ ޤާނޫނުއަސާސީގެ ރޫހާ މުޅިން ޚިލާފު ވާހަކައެކެވެ.

ދެވަނަ ކަމަކަށް، މައްސަލައެއް މެދުވެރިވުމުގެ ކުރިން އެކަމެއް ހައްލުކުރުމަކީ ޤާނޫނީ ގޮތުން ބަލައިގަނެވިފައިވާ އުސޫލެކެވެ. މިހާރު މި ގެނެވުނު އިސްލާހުގެ ސަބަބުން ކުރިމަގުގައި ނުރަނގަޅު ނަތީޖާތަކެއް ނުކުމެދާނެކަމުގެ ބިރު އެބައޮތެވެ. މިސާލަކަށް، ސަރުކާރު ހިންގާ ޕާޓީން އެ ޕާޓީގެ ހުރިހާ މެންބަރުން ނުވަތަ ގިނަ ބަޔަކު ވަކިކޮށްފިނަމަ، މުޅި މަޖިލީހުގެ މަސައްކަތް ހުއްޓުމަކަށް އައިސް، ދައުލަތް ހިންގުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވެދާނެއެވެ. އެހެންކަމުން މިފަދަ ކަންކަން ދިމާވުމުގެ ކުރިން ހައްލުކުރުމަކީ މުހިންމު ކަމެކެވެ.

މީގެ އިތުރުން، ޤާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ދުސްތޫރީ މައްސަލަތައް ހުށަހެޅުމުގެ ހައްގު ލިބިދީފައިވެއެވެ. އަދި މިފަދަ މައްސަލަތައް ވީހާވެސް ފުޅާ ދާއިރާއެއްގައި ބެލޭނެ މަގު ތަނަވަސްވެފައި އޮތުމަކީ ޑިމޮކްރަސީއެއްގައި ކޮންމެހެން މުހިންމު ކަމެކެވެ. އެހެންކަމުން މިފަދަ މުހިންމު މައްސަލައެއްގައި ދައުލަތުން މި ކުރި އިއުތިރާޒުތަކަކީ ބަލައިގަނެވޭނެ އިއުތިރާޒުތަކެއް ނޫން ކަމަށް ދެކެމެވެ.

ދައުލަތުގެ މި އިއުތިރާޒުތަކަކީ ޤާނޫނީ ހަމަތަކާއި، ދުސްތޫރީ އުސޫލުތަކާއި، އަދި މުޖުތަމަޢުގެ މަސްލަހަތާވެސް ފުށުއަރާ އިއުތިރާޒުތަކެކެވެ. އެހެންކަމުން މި މައްސަލަ ކުރިއަށް ގެންގޮސް، މައުޟޫޢީ ގޮތުން މައްސަލަ ބަލައި، ގޮތެއް ނިންމުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ.

ބަންޑާރަ ނައިބަށް ޖަވާބު ނުދެވުނު ސުވާލުތައް

ޤާނޫނުއަސާސީގެ ބައެއް އަނެއް ބަޔާ ފުށުއަރާ ހާލަތުގައި، އެކަން ނިންމާނީ ކޮން ފަރާތަކުންކަން ދައުލަތަށް ބުނެދެވިފައެއް ނުވެއެވެ. ފަނޑިޔާރު ސުޖޫން ކުރެއްވި މި ސުވާލަށް ދައުލަތުގެ ވަކީލުންނަށް އެއްވެސް ސާފު ޖަވާބެއް ނުދެވުނެވެ. ހަމަ ޔަގީނުންވެސް އެއީ ދައުލަތުގެ އިދާރީ ބާރުގެ މައްޗަށް (ރައީސުލްޖުމްހޫރިއްޔާ) އަށް އޮތް ކަމެއް ނޫނެވެ. މިއީ ވަރަށް މުހިންމު ނުކުތާއެކެވެ. އެއީ ޤާނޫނުއަސާސީއާ ގުޅޭ މައްސަލަތައް ބެލުމުގެ އެންމެ މަތީ ބާރު އޮތް ފަރާތަކީ ސުޕްރީމް ކޯޓު ކަމުގައި ވާހިނދު، އެފަދަ މައްސަލަތައް އެހެން ފަރާތަކަށް ފުރުޞަތެއް ނޯންނާނެއެވެ. ނަމަވެސް އެއީ މުއިއްޒަށް އޮތް ބާރެއް ކަމަށް ދޭހަވާހެން އޭޖީ އިއުތިރާޒު އޮތުމަކީ މުއިއްޒު ރަސްކަލަކަށް ނެހެދިގެން އުޝާމު އުޅޭކަން ހާމަވެގެން ދިޔަ ކަމެކެވެ.

ދެވަނަ ކަމަކަށް، ފަނޑިޔާރު ހުސްނުއްސުއޫދު ކުރެއްވި ސުވާލަކީ ވަރަށް ފުންކޮށް ވިސްނަންޖެހޭ ސުވާލެކެވެ. އެއީ ޤާނޫނުއަސާސީގެ އެންމެ އަސާސީ މާއްދާތަކަށް (މިސާލަކަށް އިސްލާމްދީން ދައުލަތުގެ ދީންކަމުގައި ކަނޑައަޅާ މާއްދާ) ބަދަލު އަތުވެއްޖެނަމަ، އެކަން ބަލާނީ ކޮން ފަރާތަކުންތޯއެވެ. ދައުލަތުގެ ވަކާލާތު ޤަބޫލުކޮށްފިނަމަ، މިފަދަ މުހިންމު މައްސަލަތައް ބަލާނެ އެއްވެސް ފަރާތެއް ނޯންނާނެއެވެ. މިއީ ޤާނޫނުގެ ވެރިކަމުގެ އަސާސްތަކާ ސީދާ ފުށުއަރާ ކަމެކެވެ. އެހެންކަމުން މާދަން މުއިއްޒު އަންގައިގެން ރާއްޖޭގެ ދީނަކީ ބުދު ދީނު ކަމުގައި ޤާނޫނު އަސާސީގައި، ލިޔުނަސް ސްޕްރީމް ކޯޓަކަށް ކުރެވޭނެ ކަމެއް ނޯންނާނެއެވެ. އަދި ދިވެހިން ބުދަށް އަޅުކަން ނުކޮށްފި ނަމަ، ޖަލަށްލައި، މަރާ ހެދިޔަސް ކުރެވޭނެ ކަމެއް ނޯންނާނެއެވެ.

ދައުލަތުގެ ވަކާލާތުން އަނެއް ބޮޑު މައްސަލައަކަށް ވެގެންދަނީ ޤާނޫނުއަސާސީގެ މާއްދާތަކުގެ މެދުގައި ދަރަޖަ ކަނޑައެޅުމަށް މަގުފަހިވާ ގޮތަށް ވާހަކަދެއްކުމެވެ. މިއީ ޤާނޫނުއަސާސީގެ އަސާސީ އުސޫލުތަކާ ސީދާ ފުށުއަރާ ކަމެކެވެ. އަދި ދައުލަތުގެ ވަކީލު ތަކުރާރުކޮށް ވިދާޅުވި ފަދައިން، މިކަމުގެ ސަބަބުން އިތުރު "ޕްރެކްޓިކަލް މައްސަލަތައް" ވެސް ދިމާވެދާނެއެވެ. މިސާލަކަށް މީގެ ސަބަބުން ރައްޔިތުންގެ އަސާސީ ޙައްޤުތަކަށްވުރެ ސަރުކާރުގެ ބާރުތަކަށް އިސްކަންދެވި، ވެރިކަން ހިންގާ ފަރާތްތަކަށް ބޭނުން ގޮތަކަށް ޤާނޫނުއަސާސީގެ މާއްދާތައް މާނަކުރުމުގެ ފުރުސަތު ލިބި، ޤާނޫނުއަސާސީގެ އެންމެ މައިގަނޑު މަޤްޞަދު ކަމުގައިވާ ހަމަހަމަކަން ގެއްލިގެން ހިނގައިދާނެތީއެވެ. އަދި މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެއީ ކޯޓުތަކުން މައްސަލަތައް ނިންމުމުގައި ވެސް މިފަދަ ތަފާތުކުރުންތައް ގެންގުޅެން ފަށައިފިނަމަ، އޭގެ ސަބަބުން މުޅި ޑިމޮކްރަސީގެ ނިޒާމަށް ހުރިހާ ދިމާލަކުން ހީނަރުކަން އަތުވެދާނެތީއެވެ. މި މޭރުމުން ދައުލަތުގެ ވަކީލުން ވާހަކަ ދައްކާފައިވަނީ ސީދާ ރަސްކަމަކަށް މުއިއްޒުގެ ވެރިކަން ގެންދިޔުމަށް އޭޖީ އުޝާމު އަންގައިގެންނެވެ.

ރަސްކަމަކަށް ވެރިކަން ބަދަލު ކުރުން

ދައުލަތުގެ ވަކާލާތު ބަލައިގަނެ ސުޕްރީމް ކޯޓުން މި މައްސަލަ ނުބެލުމަށް ނިންމައިފިނަމަ، އޭގެ ސަބަބުން ކޯޓަށް ލިބިފައިވާ ދުސްތޫރީ މުރާޖަޢާގެ ބާރު އިންތިހާއަށް ގެއްލި، ޤާނޫނުއަސާސީގެ މާއްދާތަކަށް ގެނެވޭ ބަދަލުތަކާމެދު ގޮތް ނިންމުމުގެ ބާރު އެހެން ފަރާތަކަށް (މުއިއްޒަށް) ބަދަލުވެގެންދާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ބާރު މިހާރު އޮތްގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ޕާޓީއަށް މަޖިލީހުގެ މެންބަރުން ވަކިކުރުމުގެ ބާރު ލިބި، އެކަމުގައި ކޯޓުން ވެސް އަތްނުލެވޭ ހާލަތަކަށް ކަންކަން ބަދަލުވެގެންދާނެއެވެ. އަދި މީގެ އެންމެ ނުރައްކާތެރި ނަތީޖާއަކަށް ވެގެންދާނީ ކުރިމަގުގައި ޤާނޫނުއަސާސީގެ އަސާސީ މާއްދާތަކަށް (މިސާލަކަށް އިސްލާމްދީނާ ގުޅޭ މާއްދާ) ގެނެވޭ ބަދަލުތައް ވެސް ބަލާނެ ފަރާތެއް ނެތި، ދުސްތޫރީ ވެރިކަމުގެ ހަމަތަކަށް ބޮޑެތި އުނިކަން އައުމެވެ. އެހެންކަމުން މިއީ ހަމައެކަނި މި މައްސަލައަށް އަންނާނެ ބަދަލެއްގެ ގޮތުގައި ނުބެލެވޭނެއެވެ. އޭގެ ބަދަލުގައި މިއީ މުޅި ދައުލަތުގެ ނިޒާމަށާއި ޑިމޮކްރަސީގެ އަސާސްތަކަށް ވެސް ގެނެސްދޭނެ ވަރަށް ނުރައްކާތެރި ބަދަލުތަކެކެވެ. މިކަމުގެ ސަބަބުން މުއިއްޒުގެ މައްޗަށް ރަސްކަލެއްގެ ބާރު އަރައި، ރައްޔިތުން އިންތިހާއަށް ނިކަމެތިވެ، ދިވެހި ޖުމްހޫރިއްޔާގެ ނިމުން އަންނާނެއެވެ.