ރައްޔިތުންގެ ބާރުތައް ފޭރި ގަތުމަށް މުއިއްޒަށް ސްޕްރީމްކޯޓުން ފުރުޞަތު ނުލިބިދާނެތީ، އުޝާމަށް ބަވާލައިފިއެވެ. މިއަދުގެ ސްޕްރީމް ކޯޓުގެ އަޑު އެހުމުގައި ކޯޓުގެ އިއްޒަތްތެރި ފަނޑިޔާރުން ކުރި ސުވާލް ތަކަށް ބަންޑާރަ ނައިބު އުޝާމުގެ ފަރާތުން ދިޔަ ވަކީލުންނަށް ޖަވާބެއް ނުދެވުނެވެ.
ޖަވާބު ނުދެވުނީ، ދޭނެ ޖަވާބެއް ނެތީމައެވެ. ރައްޔިތުންގެ ވޯޓުން ރައްޔިތުން ހޮވި މަޖިލީސް މެމްބަރުންގެ ބާރުތައް ފޭރިގަނެ، އެ ބާރުތައް މުށުތެރެއަށް ލުމުން، ރައްޔިތުން އެކަން ސުޕްރީމް ކޯޓާއި ހަމައަށް ގެންދިޔުމުން، ކޯޓަށް ގޮސް ޤާނޫނީ ވަކީލުންނަށް މުއިއްޒު ދިފާޢުކޮށް ވަކި ދެއްކޭނެ ހުއްޖަތެއް އޮންނާނެތޯއެވެ.
ޚަބަރު ލިބޭ ގޮތުގައި، އާންމު އުސޫލުން މާ މޮޅު ޤާނޫނީ ވަކީލަކަށް ހެދިގެން އުޅޭ އާޒިމާ ޝުކޫރު މުއިއްޒަށް ގުޅައި، އުޝާމު މި މައްސަލާގައި ކޯޓުގައި ދައްކާފައިވަނީ ވަރަށް ބަލިކަށި ވާހަކަތަކެއް ކަމަށް ބުނެ ވަނީ ފިތުނަ އުފައްދާފައެވެ. އާޒިމާ އަކީ ކަނޑު ގެއްލުނު ކޯލިޝަންގައި އިން ޤާނޫނީ ވަކީލެެކެވެ. ކަނޑު ގެއްލުނު ކަމަށް ބުނެ އެތައް ދޮގެއް ލައިވްކޮށް އެތައް ހާސް ރައްޔިތުންގެ ކުރިމަތީ އެންމެ އެސްފިޔައެއްވެސް ޖަހާ ނުލައި މުތުލަގަށް ދޮގު ހެދި ފަރާތެކެވެ.
މައުލޫމާތު ލިބޭ ގޮތުގައި، އޭޖީ ވަކީލުން ދަނީ، އުޝާމު ސްޕްރީމް ކޯޓަށް ގޮސް ވަކާލާތު ކުރުމަށް އެދިފައެވެ. ރައްޔިތުންނަށް އަނިޔާވެރިވުމަށް، ޤައުމުގެ ބަންޑާރަނައިބުގެ އޮފީހުން ގޮސް ސީދާ މުއިއްޒަށް ފައިދާ އޮތް މައްސަލައެއް ދިފާޢު ކުރުމަކީ ރައްޔިތުންގެ ޙައްޤަށް ކަނޑައެޅިގެން އުޝާމު އަރައިގަތުމެވެ. ވަކި ފަރުދުންގެ ޙައްޤުތައް ހަނިކޮށް، ޚުދުމުހުތާރުކަން ގެނެސް، އަނިޔާވެރި ވެރިކަމަކަށް މަގުފަހި ކޮށްދިނުމަށް އުޝާމު ވަނީ ބަންޑާރަނައިބުގެ މަގާމު ޣައިރު ޤާނޫނީ ގޮތުން އަދާކޮށް ގިނަ ބިލްތަކެއް ޑްރާފްޓް ކޮށްފައެވެ.
މިގޮތުން ނޫސްވެރިންގެ ޝަކުވާ އިތުރުވެގެން އަނބުރާ ނެގި މީޑިޔާ ބިލަކީވެސް އުޝާމު ތައްޔާރުކޮށް، މިނިވަން މެމްބަރެއް ލައްވައި މަޖިލީހަށް ހުށައެޅި އަނިޔާވެރި ބިލެކެވެ.
ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަތުމުގައި އުޝާމު ކުޅެމުންދާ ރޯލަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ލިޔެވިގެންދާނެ، އަދި އޭނާގެ މުޅި ހަޔާތުގައި ޖެހިގެންދާނެ ބޮޑު ލައްގަނޑެކެވެ. ﷲ އިރާދަފުޅާއި އެކު ބާކީ އޮތް 4 އަހަރެވެ. ކިތަންމެ އަނިޔާވެރި ވިޔަސް ރައްޔިތުން މި ރާއްޖެއަކު އެ އަނިޔާވެރިކަމަކަށް ފުރުޞަތު ނުދޭނެއެވެ. އެކަން އޮޅިގެން އުޅޭނީ މުއިއްޒު އާއި އުޝާމު އަށެވެ.