ޚަބަރު

ކޯޓުގައި ރައްޔިތުންގެ ޙައްޤުތަކާއި ގުޅޭ މައްސަލައެއް ފަށާއިރަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރާނެ ކަމަށް ބުނުމަކީ ގޯހެއް

ދިޔަވަރު
ކޯޓުގައި ރައްޔިތުންގެ ޙައްޤުތަކާއި ގުޅޭ މައްސަލައެއް ފަށާއިރަށް  އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރާނެ ކަމަށް ބުނުމަކީ ގޯހެއް

ކޯޓުގައި ރައްޔިތުންގެ ޙައްޤުތަކާއި ގުޅޭ މައްސަލައެއް ފަށާއިރަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރާނެ ކަމަށް ބުނުމަކީ ގޯހެއް ކަމަށް ސިޔާސީ ގިނަ ފަރާތްތަކުން ހާމަ ކުރަން ފަށައިފިއެވެ. ވަކީލުކަމާ އަލަށް ގުޅުނު ވަކީލުން ހުވާކުރަން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އެ މަނިކުފާނަކީ ދުވަސްވީ ބޭފުޅެއް ކަމަށާއި އެފަދަ ޖަލްސާތަކުން ކުރިއަށް އޮތްތަނުގައި ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެެވެ. ނަމަވެސް ރިޓަޔަރ ކުރައްވާނެ ވަކި ދުވަހެއް އެ މަނިކުފާނު ވިދާޅެއް ނުވެއެވެ.

ރައްޔިތުންގެ ޙައްޤުތަކަކާއި ގުޅިފައިވާ، އަދި އަނިޔާވެރި ވެރިއަކު އޭނާގެ ވެރިކަމުގެ ބާރުތައް ވަރުގަދަ ކޮށް، ސުޕްރީމް ކޯޓުގެ އިޙްތިޞާސް އޭނާ ކުރާ ކަންކަމުގެ މައްޗަށް ނުފޯރާނެ ކަމަށް ދޭހަވާހެން އޭޖީ ވަކީލުން މެދުވެރިކޮށް މިއަދު ކަނޑައެޅިގެން ސުޕްރީމް ކޯޓުގައި ބުނެފައިވަނިކޮށް، އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރާނެ ކަމަށް އޭގެ ގަޑި އިރުތަކެއް ފަހުން ބުނުމަކީ ކަންބޮޑުވާ ކަމެކެވެ.

ޤާނޫނު އަސާސީ ގައި ވަނީ ސުޕްރީމް ކޯޓުގެ މައްސަލަތައް ބަލަން ވާނީ އޮނަހިރި ޢަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ ޓީމަކުންނެވެ. މިއަދު އޮތް މައްސަލާގައި 7 ފަނޑިޔާރުން ތިއްބެވިއެވެ. އެ ފަނޑިޔާރުން ކުރެ، އުއްތަމަ ފަނޑިޔާރު ވަޤާމުން ވަކިވެވަޑައިގެންފިނަމަ، މައްސަލައިން ތަނާޒުލްވެވުނީއެވެ. އޭރުން އުފެދޭނެ ހާލަތަކީ 6 ފަނޑިޔާރުން އެކުލެވޭ އޮނަހިރު ނޫން އަދަދެކެވެ.

ސުޕްރީމް ކޯޓް އެކުލެވިގެން ވަނީ އުއްތަމަ ފަނޑިޔާރު ހިމެނޭހެން ކަމަށް ވުމާއި އެކު އަދި އޮނަހިރި އަދަދެއް ހަމަ ނުވުމާއި އެކު، އެހިސާބުން އާ ފަނޑިޔާރަކު އައްޔަން ކުރުމަށް މުއިއްޒު ހުރަސް އަޅައި، ދިގު ދެއްމުމަކީ މި މައްސަލައަށް ބޮޑު ގޮންޖެހުމެއް ކުރިމަތި ވެދާނެ ހާލަތެކެވެ.

މީގެ އިތުރުން، ރައީސް މުއިއްޒު ބޭނުންވާ މީހަކު އުއްތަމަ ފަނޑިޔާރަށް އިސްކޮށް، މި މައްސަލައަށް ނުފޫޒު ފޯރުވުމަކީ ވެސް އުފެދިގެން ހިނގައިދާނެ ހާލަތެކެވެ.

ރައްޔިތުންނާއި ގުޅިފައިވާ، ދިވެހިރާއްޖޭގެ ހުރިހާ ލޯތަކެއް އެ މައްސަލައަށް ހުޓިފައިވާ ހައްސާސް މައްސަލައެއް ބަލަމުންދާ ދަނޑިވަޅެއްގައި އެއްވެސް ސަބަބެއް މެދުވެރިވެގެން އިސްތިއުފާ ދެއްވިއަސް، ރައްޔިތުންނަށް ޤަބޫލު ކުރެވޭނީ އުއްތަމަ ފަނޑިޔާރުގެ އިސްތިއުފާ ދިނީ މުއިއްޒުގެ ނުފޫޒުންކަމަށެވެ. ސީދާ މި މައްސަލައަށް މުއިއްޒު ބޭނުންވާ ނުފޫޒު ފޯރުވުމަށް އުއްތަމަ ފަނޑިޔާރު ކުރިކަމެއް ކަމަށެވެ. އެފަދަ ކަމަކަށް ދޮރު ހުޅުވާލުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެކެވެ. ޝަރުއީ ދާއިރާގައި 32 އުއްތަމަ ފަނޑިޔާރު މުއުތަސިމް ކުރެއްވި މަސައްކަތް ފެންނަން އޮންނާނީ މި މައްސަލަ ނިމޭ ގޮތަކަށެވެ. އެހެން ކަމުން، އުއްތަމަ ފަނޑިޔާރު އެފަދަ ކަމަކަށް ޖާގަ ނުދެއްވާށެވެ. ތެދުވެރިވާށެވެ. މުއިއްޒު ދައްކާ ވާހަކަ އާއި އަމަލާއި ދިމާ ނުވާނެ ކަން ދިވެހި ހުރިހާ ރައްޔިތުން މިއަދު ދަނެއެވެ. ސުޕްރީމް ކޯޓު ނަގައި ޖީބަށް ޖަހާލަން މުއިއްޒު ހުންނެވީ ނިކަން ރަނގަޅަށް ތައްޔާރުވެގެންނެވެ.