ޚަބަރު

ގޮނޑިގެއްލޭ އިސްލާހު ބާތިލް ނުކޮށްފިނަމަ, މުއިއްޒު ސުޕުރިމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކި ކުރާނެ! ސުޕްރިމް ކޯޓަށް ވެސް, މަޖިލިހަށްވެސް ސަލާމަތްތެރިކަމެއް އޮތީ އިސްލާހު ބާތިލް ކޮށްގެން!

ދިޔަވަރު
ގޮނޑިގެއްލޭ އިސްލާހު ބާތިލް ނުކޮށްފިނަމަ,  މުއިއްޒު ސުޕުރިމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކި ކުރާނެ! ސުޕްރިމް ކޯޓަށް ވެސް, މަޖިލިހަށްވެސް ސަލާމަތްތެރިކަމެއް  އޮތީ އިސްލާހު ބާތިލް ކޮށްގެން!

ސިޔާސީ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ސުޕްރިމް ކޯޓުން ބާތިލް ނުކޮށްފިނަމަ, މުއިއްޒު ސުޕްރިން ކޯޓުގެ ބެންޗު ބަދަލުކޮށް, 4 ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ނިންމާފައިވާކަން "ދިޔަވަރު އޮންލައިން"އަށް ވަނީ ކަށަވަރު ކުރެވިފައެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިންއެވެ. މިއަދު ކުރިއަށް ގެންދެވުނު މިމައްސަލާގެ ފުރަތަމަ އަޑުއެހުމުގައި އަލީ ހުސައިންގެ ވަކީލު މަހްފޫޒު ސައީދު ވިދާޅުވެފައިވަނީ ދައުލަތުގެ ހުރިހާ ބާރުތަކެއް ފެށި، ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައި ކަމަށާއި، މަޖިލީހުގެ މެންބަރުން މަސައްކަތްކުރަންޖެހޭނީ އެއްވެސް ފަރާތެއްގެ ނުފޫޒަކާ ނުލައި ކަމަށެވެ.

މީގެ އިތުރުން، ސިޔާސީ ޕާޓީތަކުގެ ދައުރާއި ހައިސިއްޔަތު ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާކަމަށާއި، ރިޔާސީ ނިޒާމެއްގައި މެންބަރަކު ޕާޓީ ބަދަލުކުރުމުން ސަރުކާރު ހިންގުމަށް ދުސްތޫރީގޮތުން އަންނަ ހުރަހެއް ނެތްކަމަށް ވަކީލު މަހްފޫޒު ފާހަގަކުރެއްވިއެވެ. އަދި މި އިސްލާޙުގެ ސަބަބުން މެންބަރުން ރައްޔިތުންގެ މަސްލަޙަތަށްވުރެ ޕާޓީގެ ފިކުރަށް އިސްކަންދޭންޖެހޭކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ނަމަވެސް، ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ފާތިމަތު ހަލީމް ވިދާޅުވެފައިވަނީ ގާނޫނުއަސާސީއަށް ބަދަލު ގެނައީ އިޖުރާއަތުތައް ފުރިހަމަކޮށް 78 މެމްބަރުން ވޯޓު ދެއްވައިގެން ކަމަށާއި، މި އިސްލާޙު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުކުރައްވާފައި ކަމަށެވެ.

އެހެންނަަމެވެސް, މިހާރު އަޑުއެހުންތައް ދިވެހިރާއްޖޭގެ ސުޕްރިމް ކޯޓުގައި ކުރިޔަށްދާ މިމައްސަލައަކީ ބާތިލް ނޫން އިސްލާހެއްކަމަށް ސުޕްރިމް ކޯޓުން ނިންމައިފިނަމަ, މަޖިލިހުގައި މިހާރުއޮތް ސުޕަރ މެޖޯރިޓީ އެކީއެކަށް އަބަދަށްޓަކާ މުއިއްޒުގެ މުށުތެރެއަށް މެހިގެން ދާނެއެވެ.

އޭގެ މާނައަކީ އެ އިސްލާހު ބާތިލް ކުރަން ދާނެ އިތުރު ކޯޓެއް ދެން ނެތި, އާންމު ރައްޔިތުން ވޯޓު ލައިގެން ހޮވާ މެމްބަރުން ވެގެންދާނީ ބޭކާރު ބައެއްގެ ގޮތުގައެވެ. މުއިއްޒުގެ ރުހުމާނުލާ މެމްބަރަކަށް ހިރިވެސް ނުލެވޭނެއެވެ. މުއިއްޒު ބޭނުންވާ މެމްބަރަކު މެމްބަރުކަމުން ވަކިކުރުމުގެ ހުރިހާ ބާރެއްވެސް މުތުލަގަށް އޮންނާނީ މުއިއްޒުގެ މުށުތެރޭގައެވެ.

އެހެންނަމަވެސް, ގާނޫނު އަސާސީއަށް ގެނެސްފައިވާ އެއިސްލާހަކީ ސައްހަ އިސްލާހެއްކަމަށް ނޫންކަމަށް ސުޕްރިމް ކޯޓުން ނިންމައިފިނަމަ, އެހާތަނުން, ގާނޫނު އަސާސީއާއި ޚިލާފަށް މުއިއްޒު މުށުތެރެއަށް ލައްވައިގެން އުޅުއްވާ, މެމްބަރުން އަޅުވެތި ކުރުމުގެ ބާރު މުއިއްޒުގެ މުށުތެރެއިން ދޫވެގެން ދާނެއެވެ.

އެހާލަތުގައި އިދިކޮޅު އެމްޑީޕީއާއި ގުޅެން ތައްޔާރަށް ސުޕަރ މެޖޯރިޓީގެ ބައެއް މެމްބަރުން ތިބިއިރު, މުއިއްޒު މިހާރު ދުރަށް ލައްވާފައިވާ, ކުރީގެ ރޯލް މޮޑެލް, މަޖިލިސް ރައީސް އަބުދުއްރަހީމްގެ ފަހަތަށް ރަގަޅު އަދަދެއްގެ މެމްބަރުން އަރާނެއެވެ. ސަބަބަކީ އަބުދުއްރަހީމްއަކީ މިހާރުވެސް ޕީއެންސީގެ ޗެއަރމަންއަށް ވުމުގެ އިތުރުން އޭނާއަކީ އަދިވެސް ޕީއެންސީގެ އެކްޓިވިސްޓުންގެ މެދުގައި މުއިއްޒުއަށްއަށްވުރެ ބޮޑު މަގޫބޫލުކަމެއް އޮތް ބޭފުޅަކަށް ވުމެވެ.

ހަމަ އެއާއެކު, މުއިއްޒު މެމްބަރުންނަށް އެއްވެސް އެހީތެރިކަމެއް މިހާތަނަށް ފޯރުކޮށް ނުދީ މަކަރާއި ހީލަތް ހަދާފައި ވުމުގެ ނަތީޖާއެއްގެ ގޮތުން, ގާނޫނު އަަސާސީއަށް ގެންސްފައިވާ އެންޓި ޑިފެކްޝަން އިސްލާހު ސުޕްރިމް ކޯޓުން އުވާލުމާއެކު ރައީސް ޔާމިންގެ އަރިހަށް ވަޑައިގެންނަވާނެ 9 މެމްބަރަކު ޕީއެންސީގެ ސުޕަރ މެޖޯރިޓީގައި މިހާރުވެސް ހިމެނެއެވެ.

އެހާތަނުން, ފަނޑިޔާރުން މަގާމުން ދުރުކުރުމަށް މުއިއްޒު ބޭނުންވާ 2/3 ގެ މެޖޯރިޓީއެއް ކަށަވަރު ކުރާނެ އެއްވެސް ގޮތެއް މުއިއްޒުއަށް ފެންނާކަށް ނޯންނާނެއެވެ.

އެހެންކަމުން މިއަދު މިއީ ދިވެހިރާއްޖޭގެ ސުޕްރިމް ކޯޓު ގައުމަށްޓަކާ ހަށިފޮޅާލަންވީ ވަގުތެވެ. މުޠުލަގަށް ގާނޫނު އަސާސީއާއި ޚިލާފަށް މުއިއްޒު ސިޔާސީ ބާރުވެރިކަން ހޯދުމަށް މުށުތެރެއަށް ލުމަށް ގާނޫނު އަސާސީއަށް ގެނައި މިއިސްލާހު ބާތިލްކޮށް, ރައްޔިތުންގެ މަޖިލިސް މިނިވަންކޮށް, ސުޕްރިމް ކޯޓުގެ ފަނޑިޔާރުންނަށްވެސް މުއިއްޒު ބިރުދެއްކުން ހުއްޓުމަކަށް ގެނައުމަށް ސުޕްރިމް ކޯޓަށްވެސް މިއަށްވުރެ ރަގަޅު ރަނުގެ ފުރުސަތެއް ލިބިގެން ނުދާނެއެވެ.

މި މައްސަލަ ބައްލަވަނީ އުއްތަމަފަނޑިޔާރު އަޙްމަދު މުއުތަސިމް އަދުނާންގެ ރިޔާސަތުގެ ދަށުން ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗަކުންނެވެ. މާދަމާގެ އަޑުއެހުމުގައި އެމްޑީޕީން ޖަވާބުދާރީވުން އޮންނާނެއެވެ.