ޚަބަރު

އެއާޕޯޓަށް ބޭނުންވާ 80 މިލިއަން ޑޮލަރު ހަމަޖެއްސީ މި ސަރުކާރުން، މުއިއްޒުގެ ދަތުރަކުންނެއް ނޫން! : ސަރުކާރު

ދިޔަވަރު
އެއާޕޯޓަށް ބޭނުންވާ 80 މިލިއަން ޑޮލަރު ހަމަޖެއްސީ މި ސަރުކާރުން، މުއިއްޒުގެ ދަތުރަކުންނެއް ނޫން! : ސަރުކާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނިންމަން ބޭނުންވާ 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ ދަތުރެއްގައި ޔޫއޭއީއަށް ވަޑައިގެން ހަމަޖައްސެވި ކަމަށް ދޭހަވާ މޭރުމަކުން ފެތުރެމުންދާ ވާހަކަތައް މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްދު ދެއްވައިފި އެވެ.

އާދިއްތަ ދުވަހު ޕްރައިވެޓް ޖެޓެއްގައި ޔޫއޭއީއަށް ޑރ. މުއިއްޒު ވަޑައިގަތެވެ. ރޭގެ ވަގުތެއްގައި އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވިއިރު އެ ދަތުރާގުޅޭ ތަފްސީލުތަކެއް ހާމަކޮށްފައިނުވެ އެވެ.

އެހެން ނަމަވެސް, މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިގާލީ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވަނީ އިންތިހާބީ ރައީސްގެ އަމިއްލަ ދަތުރުގެ ތެރެއިން އެ ފައިސާ ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލުތައް ދެއްވަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިރުޒުލް ދެކޮޅު ހެއްދެވި އެވެ.

ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލްގެ ޑިޒައިނަށް ގެނެވުނު ބަދަލާއެކު މަސައްކަތް ނިންމުމަށް އިތުރު 200 މިލިއަން ޑޮލަރު ބޭނުންވެ އެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ފޯރުކޮދޭނީ ސައުދީ ފަންޑުންނެވެ.

"ވަރަށް ފަހުން ވެސް ސައުދީ ފަންޑުން އެއާޕޯޓު ނިންމަން އިތުރަށް ބޭނުންވާ 100 މިލިއަން ޑޮލަރު ވަނީ ހަމަޖައްސާފައި. އެއާޕޯޓު ތަރައްގީ ކުރަނީ އަރަބި ކޯޑިނޭޝަން ގްރޫޕުގެ ހުރިހާ މެމްބަރުން އިންވެސްޓު ކުރާ ޕްރޮޖެކްޓެއް މިއީ," އަމީރު ވިދާޅުވި އެވެ.

ޔޫއޭއީ ސަރުކާރުން އަބޫ ދާބީގެ ފަންޑު ފޯ ޑިވޮލެޕްމެންޓު (އޭޑީއެފްޑީ) މެދުވެރިކޮށް ހަމަޖައްސައި ދެނީ ބާކީ ބޭނުންވާ 100 މިލިއަން ޑޮލަރުގެ ތެރެއިން 80 މިލިއަން ޑޮލަރެވެ.

"މިއަހަރުގެ ތެރޭގައި ވެސް މިދިޔަ އަހަރުގެ ނޮވެމްބަރު ޑިސެމްބަރު ތެރޭގަައި ވެސް އަރަބި ކޯޑިނޭޝަން ގްރޫޕުގެ ބައްދަލުވުންތަކެއް ކުރިއަށް ގެންދިޔައިން. އޭގެ ތެރޭގައި ކޮމިޓްމެންޓު ދީފައި ވަނީ ޕްރޮޖެކްޓު ނިންމަން ބޭނުންވާ ހުރިހާ ފައިސާއެއް ރޭޝިއޯއެއްގެ ދަށުން ދޭން ޖެހޭ ފައިސާ ދޭނެ ކަމުގެ ޔަގީންކަން ދީފައި އޮތީ. އެގޮތަށް ހުރިހާ މެމްބަރުންނަށް ސިޓީ ވެސް ފޮނުވާފައި ވާނެ," އެކަމުގެ ތަފްސީލުތަކަށް ދަމުން އަމީރު ވިދާޅުވި އެވެ.

މީގެ ކުރިން މުއިޒުވަނީ، ބްރިޖް މަތީ ހަރުކޮށްފައިހުރި ސޯލާތައް ނަގާނެ ކަމަށް ބުނެ، މަލަމަތީގެ ރީތިކަން ގެއްލޭ ކަމަށް ބުނެފައެވެ. ފަހުން ސަރުކާރުން ހާމަކުރި މައުލޫމާތުން އެނގިގެން ދިޔައީ، ސޯލާ ޕެނަލްތައް އެތާ ހަރުކޮށްފައިވަނީ މުއިއްޒު އިންނެވި ކެބިނެޓުން ޔާމީނުގެ ދައުރުގައި ކަމެވެ. އަދި އެތަކެތި ބަދަލުކުރާނަމަ ހަރުކުރުމަށް ދިޔަ ޚަރަދަށްވުރެ ބަދަލުކުރުމަށް ޚަރަދު ދާނެކަމެވެ.