ޚަބަރު

މަހުޖަނު ގާސިމް ކުއްލި ގޮތަކަށް މުއިއްޒުއަށް ކޮޅުނެތްކޮޅަށް ސަނާ ވިދާޅުވެ ތައުރީފް ކުރައްވަން ފެއްޓެވީ, ކާޑެއްދޫ އެއަރޕޯޓަށް ބޮޑު ބަދަލެއް ހޯދަން!

ދިޔަވަރު
މަހުޖަނު ގާސިމް ކުއްލި ގޮތަކަށް މުއިއްޒުއަށް ކޮޅުނެތްކޮޅަށް ސަނާ ވިދާޅުވެ ތައުރީފް ކުރައްވަން ފެއްޓެވީ, ކާޑެއްދޫ އެއަރޕޯޓަށް ބޮޑު ބަދަލެއް ހޯދަން!

ފައިސާވެރިޔާ އަދި މަހުޖަނު ގާސިމް އިބުރާހިމް މިފަހަކަށް އައިސް, ކުއްލި ގޮތަކަށް ރައީސް މުއިއްޒުއަށް ސަނާ ވިދާޅުވެ, މި ސަރުކާރު ދިފާއު ކުރައްވަން ފައްޓަވާފައިވަނީ ކޮން މަގުސަދެއްގައިކަން ހާވެގެން ހިގައްޖެ ކަމުގައި ގިނަބަޔަކު ވިދާޅުވާން ފައްޓަވައިފިއެވެ.

އެގޮތުން ގާސިމްވަނީ ފަހަކަށް އައިސް, މިސަރުކާރު ދިފާއުކޮށް, އަދި އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް ރައީސް މުއިއްޒުއާއެކު ރައްޔިތުން ދެމިތިބެންޖެހޭނެކަމަށްވެސް ވިދާޅުވެފައެވެ. އަދި ރައީސް މުއިއްޒު އެންމެ ފަހުން ދިން ރިޔާސީ ބަޔާނަށްވެސް މަހުޖަނުވަނީ ކޮޅުނެތްކޮޅަށް ތައުރީފްކޮށް, ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއަކީވެސް ކުރީ ސަރުކާރުތަކުން އަމަލުކުރި ގޮތުގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތެއްކަމުގައި ވިދާޅުވެފައެވެ. އަދި މިފަދައިން ވިދާޅުވިއިރު, މިމަހުޖަނަކީ އެއިން ކޮންމެ ސަރުކާރަކަށް ނިސްބަތްވީ, އެ ސަރުކާރުތަކުގެ ކޯލިޝަން ޕާޓްނަރެއްކަމެއްވެސް މަހުޖަނު ހަނދުމަފުޅަކު ނެތެވެ.

ސަރުކާރަށް ކުއްލިގޮތަކަށް ކޮޅުނެތްކޮޅަށް ސަނާކިއުމަށްފަހު, މިހަފްތާގައި މަހުޖަނު ގާސިމް ވަނީ, ސަރުކާރުން ވަކި ގޮތެއް ބޭނުންވާ ނަމަ އެގޮތަކަށް އެއްބަސްވެ، ކާޑެއްދޫ އެއާޕޯޓު ދޫކޮށްލުމަށް ވިލާ އެއާއިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ގާސިމް ކުއްލި ގޮތަކަށް ސަރުކާރަށް ކޮޅުނެތްކޮޅަށް ސަނާ ކިޔަންފެށީ ސަރުކާރުން ބޮޑު ”ޑީލެއް“ ނިންމަން ކަމުގައެވެ.

ކާޑެއްދޫ އެއާޕޯޓާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ އާ ގުޅިގެން އިގުތިސޯދީ ކޮމިޓީގެ މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ވިލާ އެއާގެ ބޭފުޅުން ވަނީ ހާޒިރުކޮށްފަ އެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓު ހިންގަމުން ދަނީ ބޮޑު ހަރަދެއް ކޮށްގެން ކަމަށެވެ. އެއާޕޯޓުގައި ބޭނުންކުރަމުންދާ ޖެނެރޭޓަރުތަކާ އަދި އެ ނޫން ވެސް ކުރިމަތިވެފައިވާ ބައެއް މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އާ އަދި ކަމާ ގުޅުންހުރި ފަރާތްތަކާ އެކު އޮތް ގުޅުން ރަނގަޅު ކަމަށާއި ކަންކަމުގައި މަޝްވަރާ ކުރެވެމުންދާކަން ފާހަގަކުރެއްވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ވެސް އަޅުގަނޑު ކައިރީ ވިދާޅުވި އެ ތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެއްދެވުމުގައި މަސައްކަތް ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ދެ ފަހަރެއްގެ މަތިން. އަޅުގަނޑު ދެންނެވިން. އާދޭހޭ. އަޅުގަނޑުމެން މަސައްކަތް ކުރާ ގޮތަށޭ މި ތިބީ،"

އެ ވާހަކަތައް ދެކެވުނީ މީގެ ދުވަސްތަކެއް ކުރިން ކަމަށާއި ވިލާއިން ތިބީ އެ ވިސްނުމުގައި މަސައްކަތް ކުރިއަށް ގެންދާ ގޮތަށް ކަމުގައި ގާސިމް ވިދާޅުވި އެވެ.

މި ވަގުތު ކުންފުނީގެ ހާލަތު ހުރި ގޮތުންނާއި ދުނިޔޭގެ އިގުތިސޯދަށް އަންނަ ބަދަލުތަކާ ގުޅިގެން ފައިނޭންސް ހޯދުމުގައި ދަތިތަކެއް ހުރި ކަމަށެވެ. އެހެންނަމަވެސް އޮތް ހިތްހަމަޖެހުމަކީ އެއާޕޯޓެއް ތަރައްގީ ކުރަން ބޭނުންވާ ސާމާނު ކުންފުނީގައި ހުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ އިންޓެންޝަން އޮތީ އެކަން ކުރާ ގޮތަށް. އެހެންނަމަވެސް ސަރުކާރުން ވަކި ގޮތެއް ބޭނުންފުޅުވެގެން މިވެނިހެން އެވެނިހެން ވިދާޅުވާން ވެއްޖިއްޔާ އަޅުގަނޑުމެން މި ތިބީ އެކަން އެ ފަރާތަކަށް ރީޒަނަބަލް ގޮތަކަށް ކަމަށް ވަންޏާ، އަޅުގަނޑުމެންނަށް ވެސް ގެއްލުމެއް ނުވަންޏާ އެ ތަން ދޫވެސް ކޮށްލާ ގޮތަށް. އަޅުގަނޑުމެން ޖަދަލު ކުރުމެއް ނެތް. އެއީ މިކަން އޮތް ގޮތަކީ،"

ގާސިމް އެހެން ވިދާޅުވިއިރު، މިދިޔަ ހަފުތާގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ކާޑެއްދޫ އެއާޕޯޓާ ގުޅޭގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ފޮނުވި ސިޓީއަކަށް ވަނީ މަޝްވަރާކޮށްފަ އެވެ.

ކޮމިޓީ ބައްދަލުވުމުގައި ތިނަދޫ އުތުރު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވީ ކާޑެއްދޫ އެއާޕޯޓުގެ ތަރައްގީ ހިނގަމުންދާ ގޮތް ބެލުމަށް އެސެސްމެންޓެއް ހަދާފައިނުވާކަން ސިވިލް އޭވިއޭޝަނުން ކޮމިޓީއަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވާ ކަމަށެވެ.

އެކަމަކު އެސެެސްމެންޓެއް ހަދާފައި ނެތަސް އެ އެއާޕޯޓުގެ ކަންކަން އޮތީ ސިވިލް އޭވިއޭޝަންގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތަށް ނޫން ކަމަށް ސައުދު ވިދާޅުވި އެވެ.

އެއާޕޯޓު ތަރައްގީވެގެން ދިއުމަކީ އެ ސަރަހައްދުގެ ރައްޔިތުންގެ ބޮޑު އުއްމީދަކަށްވާއިރު، ސައުދު ދެކިވަޑައިގަންނަވާ ގޮތުގައި ވިލާއިން އެތަން އަތުލައިގެން ވިޔަސް މައްސަލައަށް ހައްލު ހޯދަން ޖެހެ އެވެ.

"ވާހަކަ ދައްކައިގެން ވިޔަސް ޝަރީއަތަށް ގޮސްގެން ވިޔަސް އެކަން ކުރަން ޖެހޭ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ" ވިލާ އާއެކު ހަދާފައިވާ އެގްރީމެންޓުގެ ދަށުން 7 އަހަރު ދުވަހުގެ ތެރޭގައި އެއާޕޯޓު ތަރައްގީކުރަން ޖެހޭއިރު ވެސް ހަވާލުކުރި ވަރަށް ވުރެ ވެސް އެ ތަނުގެ ފެންވަރު ދަށްކަން ތަކުރާރުކޮށް ސައުދު ފާހަގަކުރެއްވި އެވެ.

"އެ ބޭފުޅުންވެސް [ވިލާ] ވިސްނުމެއް ނެތް އެ ތަން ތަރައްގީ ކުރާކަށް" އޭނާ ވިދާޅުވެފައިވެ އެވެ.

ގާސިމް އިބުރާހިމަށް ކާޑެއްދޫ އެއަރޕޯޓު ދޫކޮށްފައިވަނީ އެތަން ތަރައްގީ ކުރުމަށެވެ. އެހެންނަނަމަވެސް އެތައް އަހަރެއް ވަންދެން އެ އަރޕޯޓުން ފައިދާ ނެގުމަށްފަހު އެތަން ތަރައްގީ ކުރުމަށް ގާސިމް އެންމެ ލޯލާރިއެއްވެސް ހޭދަ ކޮށްފައެއް ނުވައެވެ.

އަދި މިހާރު މަހުޖަނު ގާސިމް ބޭނުންވަނީ ސަރުކާރުން ބޮޑު ބަދަލެއް ހޯދުމަށްފަހު އެ އަރޕޯޓު ދޫކޮށްލުމަށެވެ.

ގާސިމްއަކީ އަންނަ ކޮންމެ ސަރުކާރެެއްގެ ކުރީކޮޅު އެ ސަރުކާރަކަށް ސަނާ ކިޔައިގެން, މާލީ ބަދަލާއި, ބަދަލުގެ ގޮތުގައި ބޮޑެތި ބިންތަކާއި, އެނޫންވެސް އެތައް މަންފާއެއް ހާސިލްކުރާ މަހުޖަނެކެވެ. އެ ހުރިހާ މަންފާއެއް ހާސިލް ކުރުމަށްފަހު ދައުރު ނިމިގެން ދާއިރު މިމަހުޖަނު އަބަދުވެސް އަރަނީ މޮޅުވާނެހެން ހީވާ ކޮޅަކަށެވެ.

އަދި މި މަހުޖަނަކީ, އަބަދުވެސް އަންނަ ކޮންމެ ސަރުކާރަކަށް ސަނާ ކިޔައިގެން, ރިޝްވަތު ދީގެން ސިޔާސީ ކަންކަން ހާސިލް ކުރަމުންދާ ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ.