ސިޔާސީ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ސުޕްރިމް ކޯޓުން ބާތިލް ނުކޮށްފިނަމަ, މުއިއްޒު ސުޕްރިން ކޯޓުގެ ބެންޗު ބަދަލުކޮށް, 4 ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ނިންމާފައިވާކަން ”ދިޔަވަރު އޮންލައިން“އަށް ވަނީ ކަށަވަރު ކުރެވިފައެވެ.
އެހެންނަމަވެސް, އެ އިސްލާހު ސުޕްރިމް ކޯޓުން ބާތިލް ކޮށްފިނަމަ, މިހާރު މަޖިލީހުގައި އޮތް ޕީއެންސީގެ ސުޕަރ މެޖޯރިޓީ އެޕާޓީއަށް ގެއްލިގެންދާނެއެވެ. އޭގެ މާނައަކީ މުއިއްޒުއަށް މިހާރުގެ މަޖިލިހުގައި އޮތް ސުޕަރ މެޖޯރިޓީ ގެއްލިގެންދާނެއެވެ. އެއާއެކު ގާނޫނު އަސާސީ ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލިހުގައި ބޭނުންވާ އަޢުލަބިއްޔަތުވެސް މަޖިލިހުގައި މުއިއްޒުއަށް ގެއްލިގެން ދާނެއެވެ.
ގޮނޑި ގެއްލޭ އިސްލާހު ސުޕްރިމް ކޯޓުން ބާތިލްކުރާ ހިސާބުން, މަޖިލިހުގެ މިހާރުގެ ކޮންޕޮޒިޝަނަށް ބޮޑު ބަދަލެއް އަންނާނެއެވެ. ރައްޔިތުންގެ މަޖިލިސް މިހާރު މަރުތަޅުގައި އޮތް ނަމަވެސް, އެންޓި ޑިފެކްޝަން އިސްލާހު ސުޕްރިމް ކޯޓުން ބާތިލްކުރާ ހިސާބުން މަޖިލިހުގައި މުއިއްޒު މަޖިލިހުގައި އަޅުވާފައިވާ "މަރުތަޅު" ނެއްޓިގެން ގޮސް, ގިނަ އަދަދެއްގެ މެމްބަރުން ވެރިކަންކުރާ ޕީއެންސީ ދޫކޮށް ދާނެއެވެ.
އެގޮތުން "ދިޔަވަރު އޮންލައިން"އަށް ކަށަވަރު ވެފައިވާ ގޮތުގައި, ގާނޫނު އަސާސީއަށް ގެނެސްފައިވާ އެންޓި ޑިފެކްޝަން އިސްލާހު ބާތިލްވުމާއެކު, މުއިއްޒުއާއި މިހާރު ޚިޔާލު ތަފާތުވެފައިވާ އަބުދުއްރަހީމުއާއެކު 10 މެމްބަރުން މަސައްކަތް ކުރަން ފަށާނެއެވެ. އަދި ޕީއެންސީން ވަކިވެ, އިދިކޮޅު އެމްޑީޕީއަށް 9 މެމްބަރު ގުޅިވަޑައިގަންނަވާއިރު, މުއިއްޒުއާއި ޚިޔާލު ތަފާތުވެ އާ ޕާޓީއެއް އުފައްދާވައިގެން ސިޔާސީ ހަރަކާތް މިހާރު ކުރިޔަށް ގެންދަވާ ކުރީގެ ރައީސް ޔާމިންއާއެކު 12 މެމްބަރުން މަސައްކަތް ކުރަން ފަށާނެއެވެ.
މި ކޮމްޕޮޒިޝަނަށް ބަލާއިރު, އެންޓި ޑިފެކްޝަން އިސްލާހު ބާތިލްވާ ހިސާބުން, ގާނޫނު އަސާސީއަށް ބޭނުންވާހާ ބަދަލެއް ގެނައުމުން އިޚްތިޔާރު މުއިއްޒުއަށް ގެއްލިގެންދާއިރު, ސުޕްރިމް ކޯޓުގެ ފަނޑިޔާރުން މަގާމް ދުރުކުރުމުގެ ބާރުވެސް މުއިއްޒުއަށް ގެއްލިގެން ދާނެއެވެ.
ސުޕްރިމް ކޯޓަށް މިމައްސަލަ ހުށަހެޅު ހިސާބުން ފެށިގެންވެ މުއިއްޒު ގެންދަވަނީ ސުޕްރިމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކަވަމުންނެވެ. ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރާނެކަމުގެ އިންޒާރު މަޖިލިސް މެމްބަރުން މެދުވެރިކޮށް މުއިއްޒު ގެންދެވީ އެކި ގޮތްގޮތުން ދެމުންނެވެ.
އެހެންކަމުން ސާފުވާން އޮތް އެއް ހަގީގަތަކީ ސުޕްރިމް ކޯޓުގެ ފަނޑިޔާރުންނަށްވެސް ސަލާމަތެއް ރައްކާތެރިކަމެއް އޮންނާނީ, ގާނޫނު އަސާސީއާއި ޚިލާފަށް, މުއިއްޒު އެ ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލް ކޮށްގެން ކަމެވެ. އަދި މުއިއްޒު މިހާރު ދެއްވާ ޔަގީންކަމަކަށް, މުއިއްޒު އަވާގައި ޖެހިވަޑައިގެން, ސުޕްރިމް ކޯޓުން އެންޓި ޑިފެކްޝަން އިސްލާހު ބާތިލް ނުކޮށްފިނަމަ, އެ ގާއިމް ވެގެން ވަަރަށްވެސް ނުރަގަޅު ގަނޫނީ "ޕްރިސީޑެންޓަކަށް" ވުމުގެ އިތުރުން އެއީ ސުޕްރިމް ކޯޓުގެ ފަނޑިޔާރުންވެސް, މަޖިލިސް މެމްބަރުން ފަދައިން އަމިއްލައަށް އަރުވައިގެން ތިއްބެވި ގޮފިގަޑު އަމިއްލައަށް ކަނޑާލުމެވެ.
އެހާތަނުން, މިހާރުގެ މަޖިލިސް މެމްބަރުންނަށް ލިބިފައިވާ "ކޮޅު ކެހި" ސުޕްރިމް ކޯޓުގެ ފަނޑިޔާރުންނަށްވެސް ލިބުނީއެވެ. ފަނޑިޔާރުން ވަޒީފާގެ ޔަގީންކަންވެސް ގެއްލިގެން ދިޔައީއެވެ. އެ ފަނޑިޔާރުން މިދައުރުގެ ބާކީ އޮތްތަން ހޭދަކުރާން ޖެހޭނީ ތޫނު ކަނޑިއެއްގެ މިޔަ ދަށުގައެވެ.
އެހާލަތުގައި ޔަގީނުންވެސް މުއިއްޒު މިހާރު ތިއްބެވި ފަނޑިޔާރުން މަގާމުން ދުރު ކުރާނެއެވެ. އޭގެ ސަބަބަކީ, މުއިއްޒު ދެވަނަ ދައުރެއް ކަށަވަރު ކުރުމަށް, ގާނޫނު އަސާސީއާއި ޚިލާފަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ ބޮޑެތި އިސްލާހުތައް އެ ގާނޫނު އަސާސީއަށް ގެނައުމަށް ގޮނޑިކޮއްކު ސުޕްރިމް ކޯޓެއް އޮތުމަށް މުއިއްޒުއަށް ބޭނުންވާނެތީވެސް މެއެވެ. އެނޫން ހާލަތެއްގައި, މުއިއްޒުއަށް ދެވަނަ ދައުރެއް ލިބޭނެ ހަމަ އެއްވެސް މަގެއް ފެންނާކަށް ނެތެވެ. އަދި ދައުރުގެ ކުރިޔަށް އޮތް ތާގައި މުއިއްޒުގެ ވެރިކަމަކީ އާރެއް ބާރެއްނެތް ވެރިކަމެއްގެ ގޮތުގައި ތަމްސީލުވެގެންދާނެތީވެސްމެއެވެ.
އެހެންކަމުން ހަގީގަތުގައިވެސް މިއަދު މިއީ ދިވެހިރާއްޖޭގެ ސުޕްރިމް ކޯޓު ގައުމަށްޓަކާ ހަށިފޮޅާލަންވީ ވަގުތެވެ. މުޠުލަގަށް ގާނޫނު އަސާސީއާއި ޚިލާފަށް މުއިއްޒު ސިޔާސީ ބާރުވެރިކަން ހޯދުމަށް މުށުތެރެއަށް ލުމަށް ގާނޫނު އަސާސީއަށް ގެނައި މިއިސްލާހު ބާތިލްކޮށް, ރައްޔިތުންގެ މަޖިލިސް މިނިވަންކޮށް, ސުޕްރިމް ކޯޓުގެ ފަނޑިޔާރުންނަށްވެސް މުއިއްޒު ބިރުދެއްކުން ހުއްޓުމަކަށް ގެނައުމަށް ސުޕްރިމް ކޯޓަށްވެސް މިއަށްވުރެ ރަގަޅު ރަނުގެ ފުރުސަތެއް ލިބިގެން ނުދާނެއެވެ.
މި މައްސަލަ ބައްލަވަނީ އުއްތަމަފަނޑިޔާރު އަޙްމަދު މުއުތަސިމް އަދުނާންގެ ރިޔާސަތުގެ ދަށުން ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗަކުންނެވެ. މާދަމާގެ އަޑުއެހުމުގައި އެމްޑީޕީން ޖަވާބުދާރީވުން އޮންނާނެއެވެ.