މުއިއްޒު އަށް ބާރު ލިބޭ ގޮތަށް މަޖިލީހުގެ މައްސަލަ ނިންމާ މަތިން، ހުސްނުއް ސުއޫދުއަށް އުއްތަމަ ފަނޑިޔާރުކަން މުއިއްޒު ހުށައަޅައިފި ކަމަށް މާލެ ތެރޭގައި އަޑުތައް ފެތުރެން ފަށައިފިއެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރަން އުޅޭ ކަމުގެ ވާހަކަ ލޯޔަރުންގެ މެދުގައި ދެކެވޭތާ މަސްތަކެއް ވެފައި ވަނިކޮށް، އެމަނިކުފާނު ރިޓަޔާ ކުރަން އުޅޭކަން އެވަނީ ދާދި ފަހުން ހާމަ ކޮށްފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ހުސްނުއްސުއޫދުވެސް ރިޓަޔަރ ވުމުގެ ޚިޔާލު ގެންގުޅުއްވައެވެ. ނަމަވެސް، ރިޓަޔަރ ކުރެއްވުމުގެ ކުރިން އުއްތަމަ ފަނޑިޔާރުގެ މަގާމު އަދާ ކުރުމަކީ ހުސްނުއްސުއޫދު ބޭނުންފުޅުވާ ކަމެއް ކަމުގައި ވެއެވެ.
މިހެން މިކަން އޮއްވާ، ރައީސް މުއިއްޒު ފަނޑިޔާރު ހުސްނުއްސުއޫދުއަށް އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމު ހުށައެޅުއްވި ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އެކަމަކަށް ބާރު ފޯރުވުން، ޤާނޫނީ ގޮތުން ކުށަކަށްވާ ކަމެއް ކަމުގައި ވީނަމަވެސް، "އަލީ ހުސެއިން ވ. ދައުލަތް" މި މައްސަލަ މުއިއްޒަށް ފައިދާ ވާގޮތަށް ނިންމައިފިނަމަ، ހުސްނުއް ސުއޫދަށް އުއްތަމަ ފަނޑިޔާރުކަން ހުށައެޅިކަމަށް މާލެތެރޭގައި ދަނީ ވާހަކަ ދެކެވެމުންނެވެ. އަދި މިކަމަށް މަގުފަހި ކުރުމަށް ރައީސް މުއިއްޒުގެ އެދުމަށް، މަޖިލީހުގެ ނާއިބް ރައީސް ނާޒިމް ޖުޑިޝިއަރީގެ އެކި ފަރާތްތަކާއި ބައްދަލު ކުރަމުންދާ ވާހަކަވެސް ވަނީ ފެތުރިފައެވެ.
ފާއިތުވި ތާގައި މި މައްސަލާގައި، ދައުލަތުގެ ވަކީލުންނަށް މުހިންމު ސުވާލުތަކެއް ހުސްނުއްސުއޫދު ކުރިމަތި ކުރައްވާފައި ވީ ނަމަވެސް، ހުސްނުއްސުއޫދާއި މެދު ޤާނޫނީ ދާއިރާގެ ބައެއް ފަރާތްތަކެއް އިތުބާރު ނުކުރާ ކަމަށާއި، އިންސާފަށް ވުރެ، އަމިއްލަ މަސްލަހަތު އިސްކޮށްފާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ދެކެމުންނެވެ. އަދި މިކަމުގެ ސަބަބުން އެތައް ބައެއްގެ ޙައްޤުގެއްލި ރައްޔިތުން އަނިޔާވެރި ކަމެއްގެ ތެރެއަށް ދިޔުމަކީ އެކަށީގެންވާ ކަމެކެވެ.
އެހެންނަމަވެސް ބޭއިންސާފުން އެއްވެސް މައްސަލައެއް، ހާއްސަކޮށް އާންމު ރައްޔިތުންނާއި ގުޅި ލާމެހިފައިވާ މިފަދަ ހައްސާސް މައްސަލައެއް ހުސްނުއްސުއޫދު ބޭއިންސާފުން މުއިއްޒު އާއި އެއްކޮށް ނިންމަފާނެ ކަމަކަށް ދިޔަވަރު ނޫހަށް ޤަބޫލެއް ނުކުރެވެއެވެ.