މުއިއްޒަށް ގޮތް ހުސްވެގެން، އަބްދުއްރަހީމުގެ މަދަދު ބޭނުންވެގެން މުލިއާގެއަށް ގެންގޮސްފިއެވެ. މުލިއާގެއަށް ވަޑައިގަތީ މުއިއްޒު ދައުވަތު ދެއްވައި އެދި އާދޭސް ކޮށްގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ، މިއަދު ރައީސް އޮފީހަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުވުމަކީ ދެ ބޭފުޅުންގެ ދެމެދުގައި އުފެދިފައިވާ ކަމަށް ބެލެވޭ ހިތްހަމަނުޖެހުންތަކަށްފަހު ބޭއްވުނު ފުރަތަމަ ރަސްމީ ބައްދަލުވުމެވެ.
ދެ ބޭފުޅުންގެ ގުޅުމަށް ބުރޫ އަރަން ފެށީ ޖެނުއަރީ 28 ގައި އަބްދުއްރަހީމްގެ ދަރިކަލުން، އިބްރާހިމް ފައިސަލް، ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ. އެދުވަހު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވެފައިވަނީ ރައީސް މުއިއްޒުއާ އޮތް ގުޅުން ރަނގަޅު ނަމަ، ފައިސަލް މަގާމުން ވަކިނުކުރައްވާނެ ކަމަށެވެ.
އަބްދުއްރަހީމްއާ ގާތް ފަރާތްތަކުން ބުނާ ގޮތުގައި، ދެ ބޭފުޅުންގެ ގުޅުން ރެނދުލާން ފެށީ އަބްދުއްރަހީމް "އެކަހެރިކޮށްލުމުން" ނެވެ. އެފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ރައީސް މުއިއްޒު އަބްދުއްރަހީމް ދުރުކޮށްލެއްވީ އޭނާގެ ސިޔާސީ އަމާޒުތައް މަތިވެރިވުމުންނެވެ.
މީގެ އިތުރުން، ޕީއެންސީގެ ލީޑަޝިޕް އަދި ކެމްޕޭން ހަރަކާތްތަކުންވެސް އަބްދުއްރަހީމް އެކަހެރިވެވަޑައިގެންފައިވެއެވެ. މިމަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންގެ ކެމްޕޭނުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިނުގަންނަވައެވެ.
ނަމަވެސް، މިދިޔަ އާދީއްތަ ދުވަހު އަބްދުއްރަހީމް ޕީއެންސީގެ ރަސްމީ ޖަގަހައަށް ވަޑައިގެންނެވި އެވެ. އެދުވަހު މީޑިއާގެ ފަރާތްތަކުން ކުރި ސުވާލުތަކަށް ޖަވާބުދެއްވުމަށް އިންކާރުކުރެއްވި އެވެ.
މިއަދުގެ ބައްދަލުވުމުގެ މަޤްޞަދާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު މި ބައްދަލުވުމަކީ، ކޯޓުގައި އޮތް މައްސަލަ ނިންމާ ގޮތަކުން އަބްދުއްރަހީމް މުއިއްޒު އާއި ދެކޮޅު ވެދާނެ ކަމަށް ބަލައި، ކަންކަން ހަމައަކަށް އެޅުވުމަށް މުއިއްޒު އަށް މަޖުބޫރު ވެގެން އަބްދުއްރަހީމް އަށް ތައުވަތު ދެއްވައިގެން މުލިއާގެއަށް ގެންދެވި ގެންދިޔުމެކެވެ.