ޚަބަރު

ޗައިނާ އަށް ކަނޑު ވިއްކާލުން: ޗައިނާއަށް ދިވެހި މާ ކަނޑުގެ ސިއްރުތައް ދީ، އެ ކަނޑު ޖާސޫސް ކުރަން ޗައިނާ އަށް މުއިއްޒު ދީފި

ދިޔަވަރު
ޗައިނާ އަށް ކަނޑު ވިއްކާލުން: ޗައިނާއަށް ދިވެހި މާ ކަނޑުގެ ސިއްރުތައް ދީ، އެ ކަނޑު ޖާސޫސް ކުރަން ޗައިނާ އަށް މުއިއްޒު ދީފި

ޗައިނާގެ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝެނޮލޮޖީ އާއި ރާއްޖޭގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއާ ދެމެދު އިއްޔެ ވެވުނު އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ކަނޑުތަކުގެ މުހިންމު ސިއްރުތައް ހާމަވެ، ޖާސޫސީ މަސައްކަތަށް މަގުފަހިވެދާނެ އެއްބަސްވުމެއް ކަމަށް ކަމުގެ މާހިރުން ވިދާޅުވެއްޖެއެވެ.

އެ އެއްބަސްވުމުގެ ދަށުން ޗައިނާއިން ރާއްޖޭގެ ކަނޑުތަކުގައި ހަރުކުރާ ޑިވައިސްތަކަކީ ކަނޑުގެ އަޑީގައާއި މަތީ ފަށަލައިގައި ހަރުކުރެވޭ އާލާތްތަކެއް ކަމަށާއި، މި އާލާތްތަކުން ކަނޑުގެ އޮއިވަރާއި، ވައިގެ ބާރުމިނާއި، އަޑުތަކާއި، ލޮނުގަދަމިނާއި އަދި ފިނިހޫނުމިން ފަދަ މުހިންމު މަޢުލޫމާތުތައް އެއްކުރެވޭނެ ކަމަށް އެއްބަސްވުން ދިރާސާކުރި ތިން ފަރާތަކުން މި ނޫހަށް މަޢުލޫމާތު ދީފިއެވެ.

"އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ މި އެއްބަސްވުމުގެ ދަށުން ޗައިނާއަށް ލިބޭ ސޯނާ ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ ފުރުސަތު. މި ޓެކްނޮލޮޖީގެ ޒަރީއާއިން ސަބްމެރިންތަކާއި އަސްކަރީ މަނަވަރުތަކުގެ ހަރަކާތްތައް ވެސް ދެނެގަނެވޭނެ. އަދި ވަކި އުސްމިނެއްގައި ދަތުރުކުރާ މަތިންދާބޯޓުތައް ވެސް ފާހަގަކުރެވޭނެ،" ނަން ހާމަނުކުރުމުގެ ޝަރުތުގެ މަތިން އެއް މާހިރަކު ވިދާޅުވިއެވެ.

ސަރުކާރުން މި އެއްބަސްވުން ސިފަކުރައްވާފައިވަނީ ހަމައެކަނި ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވެވޭ އެއްބަސްވުމެއްގެ ގޮތުގައެވެ. ނަމަވެސް، އެއްބަސްވުމުގެ އިތުރު ތަފްސީލެއް މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.

މި އެއްބަސްވުމުގެ ދަށުން އެއްކުރެވޭ މަޢުލޫމާތުތައް އެހެން ފަރާތަކާ ހިއްސާކުރެވޭނީ ދެ ފަރާތުގެ ހުއްދައާ އެކުގައެވެ. އެހެންކަމުން، ރާއްޖެއަށް ލިބޭ މަޢުލޫމާތުތައް ވެސް ޗައިނާގެ ހުއްދަ ނެތި އެހެން ފަރާތަކަށް ދެވޭނެ ގޮތެއް ނޯންނާނެއެވެ.

ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝެނޮލޮޖީއަކީ ޗައިނާގެ އެންމެ ގާބިލު ކަނޑުވެށި ދިރާސާކުރާ މަރުކަޒުތަކުގެ ތެރެއިން އެއް މަރުކަޒެވެ. އެ މަރުކަޒުން ކަނޑުވެށީގެ ދިރާސާތަކަށް ޚާއްސަ އުޅަނދުފަހަރު ވެސް ބަނދެފައިވެއެވެ.

"ޗައިނާގެ މަގުސަދަކީ އެ ގައުމާ ގުޅުން އޮތް ގައުމުތަކުގެ އެހީގައި ވާދަވެރި ގައުމުތަކަށް ޖާސޫސްކުރުން ކަމަށް ބެލެވޭ. ޗައިނާގެ ޓެކްނޮލޮޖީ މެދުވެރިކޮށް އެހެން ގައުމުތަކަށް ޖާސޫސްކުރާ ކަމުގެ ތުހުމަތު އެ ގައުމަށް އަމާޒުވަމުންދޭ. ރާއްޖޭގައި އެފަދา ފުރުސަތެއް ދިނުމަކީ ސީރިއަސް މައްސަލައަކަށް ވެގެންދާނެ ކަމެއް،" ރާއްޖެއާއި ސަރަހައްދީ ސަލާމަތީ ކަންކަމުގެ ދިރާސާކުރާ ތަޖުރިބާކާރެއް ވިދާޅުވިއެވެ.

އިންޑިއާއަކީ ރާއްޖެއާ އެންމެ ގާތް ގުޅުން އޮތް ގައުމަށް ވެފައި، ޗައިނާއަކީ އިންޑިއާގެ ވާދަވެރި ގައުމަކަށް ވުމާއެކު، މި އެއްބަސްވުމުގެ ސަބަބުން ސަރަހައްދީ ގައުމުތަކާ ދެމެދު މައްސަލަތަކެއް ޖެހިދާނެ ކަމަށް އެ ތަޖުރިބާކާރު ލަފާކުރެއްވިއެވެ. އިންޑިއާގެ ސަލާމަތަށް ނުރައްކަލެއް ވެދާނެ ކަމަކަށް ރާއްޖެއިން ފުރުސަތު ދިނުމަކީ އެ ގައުމުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް އެ ތަޖުރިބާކާރު ފާހަގަކުރެއްވިއެވެ.

"މިއީ ސަރަހައްދީ ސިޔާސަތުގައި ވަރަށް ބޮޑު މައްސަލައަކަށް ވެގެންދާނެ ކަމެއް. ރާއްޖެއިން މިފަދަ ކަމެއް ކުރަން އެކަށީގެންވާ ވަގުތެއް ނޫން މިއީ. އަދި ރާއްޖެ ވަންނަން އެކަށީގެންވާ މައްސަލައެއްގެ ތެރެއަކަށް ވެސް ނޫން މިއީ،" އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ޗައިނާގެ އެންމެ ފާހަގަކޮށްލެވޭ ދިރާސާ އުޅަނދެއް ވަނީ ރާއްޖޭގެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށް އެ އުޅަނދު ރާއްޖޭގެ ސަރަހައްދުގައި ދަތުރުކޮށް، ތިލަފުށްޓަށް ވެސް ވަނީ ބަނދަރުކޮށްފައެވެ.

މި އެއްބަސްވުމާ ތަޢާރަޟުވާ ގޮތަށް، ރައީސް މުހައްމަދު މުއިއްޒު ވަނީ 2023 ވަނަ އަހަރުގެ ޑިސެންބަރު 16 ވަނަ ދުވަހު، ރާއްޖޭގެ "ކަނޑުއަޑީގެ ބަތާނަ" އެހެން ގައުމަކަށް ލިބުމަކީ ރާއްޖެއަށް މަސްލަހަތު ހުރި ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

"ރާއްޖޭގެ ކަނޑުއަޑީގެ ބަތާނަ އެހެން ދައުލަތަކުން ހޯދައި ކުރެހުމަކީ ދިވެހީންނަށް މަސްލަހަތު ހުރި ކަމެއް ނޫން. ދިވެހި ކަނޑުތަކުގެ މުއްސަނދިކަން ދެނެގަތުމަކީ ދިވެހީންގެ ހައްގެއް. ދިވެހީންގެ ގައުމީ ވާޖިބެއް،" ރައީސް މުއިއްޒު އޭރު ވިދާޅުވިއެވެ.

އަދި އިންޑިއާއާއި ޗައިނާގެ ބާރުގަދަ ގައުމުތަކުގެ ވާދަވެރިކަމުގެ ތެރެއަށް ރާއްޖެ ނުވަދެ ތިބުމަކީ އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތު ކަމަށް ވެސް ރައީސް މުއިއްޒު 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ ވިދާޅުވެފައެވެ.

"ރާއްޖެ އަދި މާ ކުޑަ، މިފަދަ ގްލޯބަލް ޕަވަރ ސްޓްރަގަލްގެ ތެރެއަށް ވަންނަން. އަޅުގަނޑުމެންގެ ސަރުކާރެއްގައި ނުވެސް ވަންނާނަން އެފަދަ ކަންކަމުގެ ތެރެއަށް،" ރައީސް މުއިއްޒު އޭރު ވިދާޅުވިއެވެ.

ނަމަވެސް މި އަމަލު ކުރަނީ ބުނާ ބަހާއި ދިމާ އިނދިކޮޅަށެވެ.