ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައި މުއިއްޒު ވެވަޑައިގެންނެވި އެއް ވައުދަކީ ކޮންމެ ރޯދަމަހަކަށް އަމާޒުކޮށް ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް ހަނޑުލާއި ފުށް ”ރޯދަ ހަދިޔާ“އެއްގެ ގޮތުގައި ދެއްވާނެކަމަށް ވިދާޅުވެ ވީ ވައުދެވެ. އަދި އެއަށްފަހު މުއިއްޒު ނިނާމައިވަނީ ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސަދަޅު ކޭހެއް ފޯރުކޮށް ދިނުމަށެވެ.
އެއަށްފަހު, ސަރުކާރުގެ ސިޔާސީ މަގާމްތަކުގަ ތިބި ބައެއް މުވައްޒަފުން ގެންދަނީ, ގޭގެއަށް ހިލޭ ސާބަހަަށް ކާޑުގެ ބާވަތްތައް ބެހުމަށާއި, އަދި ފަހުން މަސްދަޅު ކޭސް ހިލޭ ބެހުމަށް ސަރުކާރުން ނިންމާފައިވަނީ ރައީސުލްޖުމުހޫރިއްޔާގެ ހެޔޮފުޅުކަމުން ކަމަށް ބުނެ ރައީސް މުއިއްޒު ޕްރޮމޯޓު ކުރުމަށް މަރުފަލި ޖައްސަވަމުންނެވެ.
އަދި މިއަދު ސަރުކާރުން ވަނީ މާލެއާއި ރާއްޖެތެރޭގެ ބައެއް ރަށްރަށުގައިވެސް ހިލޭ ފޯރުކޮށްދޭ މަސްދަޅުކޭސް ބަހަން ފަށާފައެވެ.
އެހެންނަމަވެސް ކުރިޔަށް ރޯދަމަސް އޮއްވާ, އެންމެ މަސްދަޅު ކޭހަކީ އާދައިގެ އާއިލާއެއްގެ ކިތައްދުވަހުގެ ކެއުންތޯ, ސަރުކާރަށް ވަޒަން ކުރެވުނިތޯ މިއަދު ހަގީގަތުގައިވެސް ކޮށްލާންޖެހޭ ސުވާލުކޮށްްލެކެވެ.
48 ދަޅުގެ މަސްކޭހެއްގެ އަގަކީ 600-700 ރުފިޔާއެވެ. އެހެންކަމުން ”ރޯދަ ހަދިޔާ“ގެ ނަމުގައި ރައީސް މުއިއްޒު ކޮންމެ ގޭބިސީއަކަށް ހިލޭ މިފޯރުކޮށްދެއްވަނީ ޖުމްލަ 700 ރުފިޔާގެ މަސްދަޅު ކޭހެކެވެ. އެ 700 ރުފިޔާގެ މަސްދަޅުކޭސް ހޯދުމަށް އެގޮތުން އާންމު ރައްޔިތުންނަށް މިއަދުވަނީ މަސްދަޅުކޭސް ބަހާ ބައެއް ލޮކޭޝަންތަކުގައި އެތައް ގަޑިރަކު ކިއުގައި ތިބެން ޖެހިފައެވެ. އަދި މާދަމާވެސް އާންމު ރައްޔިތުން ރަތްދަކަ އަވީގައި މަސްދަޅު ކޭސް ހޯދުމަށް ކިއުގައި ތިބޭނެއެވެ.
އެއާއެކުވެ, އެއްވެސް އިންތިޒާމެއް ނެތި, ގޭގެއަށް މަސްދަޅު ކޭސް ބެހުމަކީ ރައީސްގެ ހެޔޮފުޅުކަމުން ކޮށްދޭ ކަމެެއް ކަމަށް ބުނެ, އެކަން ރައީސް މުއިއްޒުގެ ޕްރޮމޯޝަނަކަށް ސަރުކާރުން ހަދާފައިވާއިރު, ޚުދު މުއިއްޒުގެ ދެމަފިރި ކަނބަލުންނަށްވެސް މަސްދަޅުކޭސް ލިބޭގޮތަށް މަސްދަޅު ކޭސްތައް ބަހާއިރު, އަސާސީ މި މުހިންމު ވަސީލަތް ފޯރުކޮށް ދިނުމުގައި އެންމެ އާދައިގެން ނިކަމެތި ރައްޔިތު މީހާގެ ހައްގުތަކާއި, މިއަދު މުއްސަދި މަހުޖަނުންގެ ގޮތުގައި ތިއްބެވި, ރައީސް މުއިއްޒުގެ ދެމަފިރި ކަނބަލުންގެ ހައްގުތައް އެއްހަމަޔަކުން މިނާނީ ކޮން އުސޫލަކުންތޯ މިއީ ހަގީގަތުގައިވެސް އުފެދިގެންދާ, އޭގެ ޖަވާބު ބޭނުންވާ ސުވާލެއްވެސް މެއެވެ.
އަދި އެންމެ 700 ރުފިޔާގެ މަސްދަޅު ކޭހެއް ގަތުމަށް ރައްޔިތުން ދުވާލުގެ ރަތްދަކަ އަވީގައި ތިބެން ޖެހި, ސަލާމް ޖަހައިގެން, ރައީސުލްޖުމުހޫރިއްޔާ ދެއްވުމުން މެނުވީ ކާޑުކޮޅުވެސް މަސްދަޅުކޭސްވެސް ނުލިބޭނެކަމަށް ރައްޔިތުންގެ ސިކުޑިތަކަށް ވެއްދުމަށް ރައީސް ގެންދަވަނީ ސަރުކާރުގެ ހުރިހާ ސިޔާސަތުތަކެއްވެސް އެމަގުން ބައްޓަން ކުރައްވަމުންނެވެ.
މިއީ ކޮމިއުންނިސްޓް ޗައިނާއާއި އެއަށްވުރެވެސް ޚުދުމުޚްތާރު ވެރިކަމެއް އޮތް އުތުރު ކޮރެއާގެ އޮތް ބާވަތުގެ ރައްޔިތުން އަޅުވެތިކުރާ ސަރުކާރެއް މިރާއްޖޭގައި ގާއިމްކުރުމުގެ ކެހިވެރި ސިއްރު އެޖެންޑާއެއްގެ ދަށުން މުއިއްޒު ތަންފީޒު ކުރަމުންދާ ސިޔާސަތެކެވެ.
ހަމައެއާއެކު ފާހަގަ ކޮށްލާންޖެހޭ އަނެއް ނުކުތާއަކީ, ރައްޔިތުންގެ ސިނކުޑިތަކަށް މުއިއްޒު ވަންދަން މަސައްކަތްކުރާ ވިސްނުމާއި ފިކުރެވެ. އެ ފިކުރަކީ އަޅުވެތިކަމުގެ ފިކުރެވެ. އާދައިގެ ނިކަމެތި ރައްޔިތުމީހާ ބަނޑުފުރާނަ މުއްތި ކުރުމަށް ބޭނުންވާ ކާޑުކޮޅު ނުވަތަ މަސްދަޅު ކޭހެއް ނަމަވެސް ލިބެން އޮތީ ރައީސް މުއިއްޒު ދެއްވިޔާކަން ރައްޔިތުންގެ ސިކުނޑިތަކަށް ވެއްދުމެވެ.
އެގޮތުން, ގޭގެއަށް އެއްމެ 700 ރުފިޔާގެ މަސްދަޅު ކޭހެއް ފޯރުކޮށް ދެވުމުން, ރައްޔިތުންގެ ހިތްތައް ގަނެލެވި, އިންތިޚާބުތަކުގައި މުއިއްޒު ތާއީދުކުރާ ކަނޑިޑޭޓުންނަށް ރައްޔިތުން އުފަލުން ވޯޓު ދޭނެކަމަށް ހީވެ, ވެރިކަމުގެ ދަހިވެތިކަމުގައި މުއިއްޒު އެހިސާބު އެބީދައިން ޖެއްސެވީކަމަށް ވެދާނެއެވެ.
އެހެންނަމަވެސް މުއިއްޒު ފޯރުކޮށްދޭ މަސްދަޅުކޭސް އިސާހިތަކު ހުސްވުމުން, އަނެއްކާވެސް އާދައިގެ ރައްޔިތުމީހާ އޭނާގެ ފަގީރު ދިރިއުޅުމަށް ރުޖޫއަވާން ވީއެވެ. މުއިއްޒު ނުދެއްވާނަމަ މަސްދަޅު ކޭހެއްހާ މިންވަރުވެސް ހޯދޭނެ މަގެއް ފަހިވާން ނެތީއެވެ. އަނގަޔާއި އަތާއި ދިމާނުވެ, ގޭ ކުއްޔާއި, ކަރަންޓު ބިލާއި ފެންބިލް ނުދެއްކިގެން ނިކަމެތި ރައްޔިތު މީހާ ބޯގާނަން ފަށަންވީއެވެ. ރައީސް މުއިއްޒުގެ ދެމަފިރިކަނބަލުން ތިއްބަވާނީ މުލިއާގޭގައި ކަރޯކޭ ކުޅުއްވާށެވެ.
މުއިއްޒުގެ ހަގީގީ ސިޔާސަތަކީ މިއީއެވެ. އާދައިގެ ނިކަމެތި ރައްޔިތުމީހާގެ ހާލަތު ރަގަޅުކުރުމަށް އެއްވެސް ސިޔާސަތެއް, ޚިޔާލާތެއް ނެތެވެ. ގައުމުގެ އިގްތިސާދީ ހާލަތު ބަދަލު ކުރުމުގެ ވިސްނުމެއް ފިކުރެއް ނެތެވެ. އެހާލަތު ބަދަލުކުރަން އަމުދުން ބޭނުންވެސް ނުވަނީއެވެ. ބޭނުންވަނީ, އަބަދުވެސް “ރައީސްގެ ހެޔޮފުޅުކަމުން” ދިރިއުޅޭ ރައްޔިތަކު ގައުމުގައި އޮތުމެވެ. ރައްޔިތުންނަށް ހިންދެމި ނުލެވޭނެގޮތަށް ސިޔާސަތުތައް ބައްޓަން ކޮށްފައި ބޭއްވުމެވެ.
އެހާލަތުގައި, ނޭފަތުކުރި ފެނުޖެހިފައި ތިބޭ ރައްޔިތުންތަކެއް ގައުމުގައި ތިބުމުން, ކޮންމެ އިންތިޚާބަކާއި ދިމާކޮށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ގޭބިސީތަކަށް ފޯރުކޮށްދީ, ނުވިތާކަށް "ރައީސްގެ ހެޔޮފުޅުކަމުން" ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ދިނީމަށް ވޯޓު ލިބޭނެކަމަށްވެސް މުއިއްޒުއަށް ހީވީއެވެ. ކުޑަ ކާޑުކޮޅަކުން ނުވަތަ މަސްދަޅު ކޭހަކުން ރިޝްވަތު ދީގެން ރައްޔިތުންގެ އިއްޒަތުއްނަފްސު ގަނެލެވިދާނެކަމަށް މުއިއްޒުއަށް ހީވީއެވެ.
އާދޭހެވެ! ދޮގާއި މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅަކަށް ވިންނޭނީވެސް އެ ބީދައިންނެވެ. އެހެންނަމަވެސް ރައީސް މުއިއްޒުއަށް ދަންނަވަމެވެ. 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށަށް, ނުވަތަ މަސްދަޅު ކޭހަކަށް ދިވެހި ރައްޔިތުން ހިތް ގަނެލެވިދާނެކަމަށް ހީ ނުކުރައްވާށެވެ. އެކަމެއް ނުކުރެވޭނެއެވެ. ރައްޔިތުންނަށް ރައީސް މުއިއްޒު ވީ ބޭވަފާގެ ނަތީޖާ ވަރަށްވެސް ހިތިވާނެއެވެ.