ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ވެރިކަން ކުރާ ޕީއެންސީން ރައްޔިތުންނަށް ބޮޑު މާހެފުމުގައި މިރޭ މުއިއްޒު ބައިވެރިވެވަޑައި ނުގެންނެވިއެވެ.
މިއީ ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ފަރާތުން އިންތިޒާމްކޮށްގެން، އާޓިފިޝަލް ބީޗުގައި ބޭއްވި މާހެފުމެކެވެ.
މި މާހެފުމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެހެންނަމަވެސް އެނގިފައިވާ ގޮތުގައި, މި މާހެފުމަށް މުއިއްޒު ވަޑައިގަންނަވާގޮތަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް, މުއިއްޒުވަނީ އެންމެ ފަހުވަގުތު މާހެފުމަށް ވަޑައިނުގަންވާގޮތަށް ހަމަޖައްސަވާފައެވެ. އަދި އަބުދުއްރަހީމް ކުރިން މާހެފުމުގައި ބައިވެރިވެވަޑައި ނުގަންނަވާނެކަން އަންގާވަފައިވިނަމަވެސް, އަބުދުއްރަހީމް މާހެފުމަށް ވަޑައިގަންނަވާކަން އަންގަވާފައިވަނީ ވަގުތުޖެހެން ވަރަށް ކައިރިވެފައިވަނިކޮށްކަމަށް, "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރެއްވި ޕީއެންސީގެ އިސް ބޭފުޅަކު ވިދާޅުވެފައިވެއެވެ.
މި ހަފްލާގައި ހުރާ ދާއިރާގެ ޕީއެންސީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ ރަމަޟާން މަހަކީ އެހެން މަސްތަކާއި އަޅާބަލާއިރު ގިނަ ސަވާބާއި ދަރުމަ ލިބޭ މަހެއް ކަން ފާހަގަ ކުރެއްވިއެވެ. އެހެންވެ، ކޮންމެ ދުވަހަކު ވެސް ހިފާ ރޯދަ އެންމެ ފުރިހަމަ ގޮތުގައި ހިފުން މުހިންމު ކަމުގައި އަނާރާ ވިދާޅުވިއެވެ.
އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް ވިދާޅުވީ ރަމަޟާން މަސް ދިވެހިންނާ ބައްދަލު ކުރާއިރު، ނޫސްތަކާއި ޓީވީތަކާއި ސޯޝަލް މީޑިއާ ފަދަ ތަންތަނުގައި ދޮގު ހަބަރު ފެތުރުމާއި ފިތުނަ ފަސާދަ އުފެދޭ ވާހަކަތައް ދެއްކުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ހުރިހާ އެންމެން ވެސް ގައުމުގައި އޮތް ހަމަޖެހުމަށް އިސްކަން ދިނުމަށާއި ހަމަނުޖެހުން ނަގާލަން މަސައްކަތް ނުކުރަން ފަލާހް އެދިވަޑައިގެންނެވިއެވެ.
އަބުދުއްރަހީމްގެ ދޮށީ ފިރިހެން ދަރިކަލުން އިބުރާހިމް ފައިސަލް ވަޒީރުކަމުން ވަކިކުރި މައްސަލާގައި އަބުދުއްރަހީމްއާއި މުއިއްޒުގެ ގުޅުންވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެހެންނަމަވެސް ދާދިފަހުން މުއިއްޒުގެ އެދުމަށް އަބުދުއްރަހީމްވަނީ ރައީސް އޮފީހުގައި މުއިއްޒުއާއި ބައްދަލު ކުރައްވާފައެވެ.
އެނގިފައިވާ ގޮތުގައި މުއިއްޒުވަނީ ޕީއެންސީގެ އެއްވެސް މަޖިލިސް މެމްބަރަކު އަބުދުއްރަހީމްއާއި ބައްދަލު ނުކުރުމަށް އަންގަވާފައެވެ. އެގޮތުން, އަބުދުއްރަހީމް ދިރިއުޅުއްވާ މުރައިދޫ ގެއަށް ޕީއެންސީގެ އެއްވެސް މަޖިލިސް މެމްބަރަކު މިހާރު ވަޑައި ނުގަންނަވާކަމަށް ވަނީ އެނގިފައެވެ. އަދި މުއިއްޒު އަދިވެސް އަބުދުއްރަހީމްގެ ފޯން ކޯލަކަށްވެސް, މެސެޖަކަށްވެސް ޖަވާބު ނުދެއްވާކަމަށް, އަބުދުއްރަހީމް ގާތް ބޭފުޅަކު "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާ ކުރައްވަމުން ވިދާޅުވެފައި ވެއެވެ.