ދުނިޔެ އިޒްރޭލާއި ދެކޮޅުވެ، އެކަމުން އަރައި ނުގަނެވިދާނެތީ، ޣާޒާއަށް ހަމަލާދިނުން ހުއްޓާލުމަށް ރައީސް ނަޝީދު ޓްވީޓް ކޮށްފިއެވެ. މި ގޮތަށް ރައީސް ނަޝީދު ޓްވީޓް ކޮށްފައިވަނީ، ފަލަސްތީނާއި ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކާއި މެދު އެއްވެސް އެއްޗެއް ނުބުނެ، 33 ދުވަސް ފާއިތުވެފައި ވަނިކޮށެވެ. އަދި އިޒްރޭލާއި ދެކޮޅަށް ދުނިޔޭގެ ގިނަ ގައުމުތަކުން އެއްވެ އަޑު އުފުލަމުން ދަނިކޮށެވެ.
މި ޓްވީޓްވެސް ކޮށްފައިވަނީ ފަލަސްތީނުގެ ހައްޤުގައި އެއްވެސް ބަހެއް ނަޝީދު ނުބުނާތީ، އެކަމާއި ގުޅިގެން ޓްވިޓަރ އެކައުންޓަކުން ފާޑު ކިޔައި، އެކަން ކުރުމަށް އެދުމުންނެވެ.
ރައީސް ނަޝީދު ވަނީ މީގެ ކުރިން އެބޭފުޅާ ގެންގުޅުއްވާ ނުރަސްމީ ޓްވިޓަރ އެކައުންޓް ހަސަންކުރުސިން ހަމާސް އަކީ ޓެރަރިސްޓް ޖަމާޢަތެއްކަމަށް ބުނެވެސް ޓްވީޓްކޮށްފައެވެ.
ރައީސް ނަޝީދަކީ ފާޅުގައި އިޒްރޭލާއި ގުޅުން ގާއިމު ކުރަން ގޮވާލާފައިވާ ހަމަ އެކަނި ސިޔާސީ ފަރާތެވެ. އެމަނިކުފާނުގެ ވެރިކަމުގައި އިޒްރޭލާއި ގުޅުން ގާއިމު ކުރުމަށް ފާޅުގައި ގޮވާލައި އެމަސައްކަތް ކުރަނިކޮށް ވެރިކަން ވެއްޓުމުން ޑރ. ވަހީދު ސަރުކާރުންވަނީ، ރައީސް ނަޝީދު އިޒްރޭލާއި ޤާއިމު ކުރި ގުޅުން ކަނޑާލާފައެވެ.