ޚަބަރު

700 ރުފިޔާގެ މަސްދަޅު ކޭހެއް ހޯދުމަށް ރައްޔިތުން އެތައް ގަޑިއިރަކު ކިއުގައި ތިބެން ޖައްސައިފި! "މުއިއްޒުގެ ހެޔޮފުޅު ކަމުން" ބަހާ މަސްދަޅު ކޭސް ހޯދުން ރައްޔިތުންނަށް ބޮޑު ގިލަންވެރިކަމަކަށް!

ދިޔަވަރު
700 ރުފިޔާގެ މަސްދަޅު ކޭހެއް ހޯދުމަށް ރައްޔިތުން އެތައް ގަޑިއިރަކު ކިއުގައި ތިބެން ޖައްސައިފި! "މުއިއްޒުގެ ހެޔޮފުޅު ކަމުން" ބަހާ މަސްދަޅު ކޭސް ހޯދުން ރައްޔިތުންނަށް ބޮޑު ގިލަންވެރިކަމަކަށް!

ރައިސް މުއިއްޒުގެ "ހެޔޮފުޅު ކަމުން" ކަމަށް ޕްރޮމޯޓްކޮށް, ރޯދަ ހަދިޔާގެ ގޮތުގައި މާލޭ ސަރަހައްދުގައި ދޫކުރާ މަސްދަޅުކޭސް ބެހުމުގައި އޮޅުވާލާ, މަސްދަޅު ކޭހުން ވައްކަން ކުރަމުންދާ ކަމުގައި ބުނެ, އަދި މަސްދަޅުކޭސް ހޯދުމަށް ރައްޔިތުން އެތައް ގަޑިއިރުތަކެއް ވަންދެން ކިއުގައި ތިބެންޖެހި, ރައްޔިތުންގެ ޝަކުވާތައް ފުނި ޖެހިއްޖެއެވެ.

މުއިއްޒުގެ އެންގެވުމަށް, "މުއިއްޒުގެ ހެޔޮފުޅުންކަމުން" ކަމަށް ޕްރޮމޯޓުކޮށް, މިހާރު ސަރުކާރުން ބަހަމުންދާ މަސްދަޅު ކޭސްތައް ރޭ އެސްޓީއޯއިންނާއި ސިޓީތަކާ ބެހޭ މިނިސްޓްރީން ބަހަން ފަށާފައިވާއިރު, މަސްދަޅު ކޭސްތައް ބެހުމުގައި އެކަށީގެންވާ އިންތިޒާމްތަކެއް ކަމާއި ގުޅުންހުރި މުވައްސަސާތަކުން ހަމަޖައްސާފައެއް ނުވެއެވެ.

އެގޮތުން ކޮންމެ ގޭބިސީއަކަށްވެސް ކަރަންޓު ބިލް ދެއްކުމުން މަސްދަޅު ކޭސް ދޫކުރާ ގޮތަށް ހަމަޖައްސާފައިވާއިރު, މާލޭ ސިޓީގެ ގެތަކުގެ އޯނަރުން ކަރަންޓު ބިލް ދައްކައިގެން ގެތަކުގައި ކުއްޔަށް އުޅޭ މީހުންގެ ނަމުގައިވެސް މަސްދަޅު ކޭސްތައް ދަނީ ނަގަމުންނެވެ. އެގޮތުން މި އުސޫލުން މަސްދަޅު ކޭސްތައް ނަގަމުންދަނީ, މަސްދަޅު ކޭސްތައް ބެހުމުގައި އިސްކޮށް އުޅޭ ފަރާތްތަކާއި ގުޅިގެންކަމަށްވެސް, ގިނަބަޔަކު ބުނަމުން ދެއެވެ.

ހަމަ އެއާއެކު, ރޭ މަސްދަޅު ކޭސްތައް ބަހަން ފަށާފައިވާއިރު, އެތައް ބަޔަކު ވަނީ, މަސްދަޅު ކޭސްތައް ހޯދުމަށް އެތައް ގަޑިއިރަކު ކިއުގައި ތިބެފައެވެ. އެގޮތުން ގިނަ މީހުން އެތައް ގަޑިއިރަކު ކިއުގައި ތިބެން ޖެހިފައިވަނީ, ކިއު ނަންބަރު ދޫކުރުމުހައި ހަމަހަމަ ކަމެއް ނެތި, އެތެރެ އެތެރެއިން ބޮޑުން ގާތް މީހުންނަށާއި އަދި އެނޫންވެސް ފަރާތްތަކަށް އިންސާފުން ބޭރުން ކިއު ނަމްބަރު ދޫކުރަމުން ދިއުމުގެ ސަބަބުންކަމަށްވެސް, މަސްދަޅު ކޭސް ބަލާ ދިޔަ ގިނަ ބަޔަކު ބުނެފައި ވެއެވެ.

އެއްވެސް އިންތިޒާމެއް ނެތި, ގޭގެއަށް މަސްދަޅު ކޭސް ބެހުމަކީ ރައީސްގެ ހެޔޮފުޅުކަމުން ކޮށްދޭ ކަމެެއް ކަމަށް ބުނެ, އެކަން ރައީސް މުއިއްޒުގެ ޕްރޮމޯޝަނަކަށް ސަރުކާރުން ހަދާފައިވާއިރު, ޚުދު މުއިއްޒުގެ ދެމަފިރި ކަނބަލުންނަށްވެސް މަސްދަޅުކޭސް ލިބޭގޮތަށް މަސްދަޅު ކޭސްތައް ބަހާއިރު, އަސާސީ މި މުހިންމު ވަސީލަތް ފޯރުކޮށް ދިނުމުގައި އެންމެ އާދައިގެން ނިކަމެތި ރައްޔިތު މީހާގެ ހައްގުތަކާއި, މިއަދު މުއްސަދި މަހުޖަނުންގެ ގޮތުގައި ތިއްބެވި, ރައީސް މުއިއްޒުގެ ދެމަފިރި ކަނބަލުންގެ ހައްގުތައް އެއްހަމަޔަކުން މިނާނީ ކޮން އުސޫލަކުންތޯ މިއީ ހަގީގަތުގައިވެސް އުފެދިގެންދާ, އޭގެ ޖަވާބު ބޭނުންވާ ސުވާލެއް ކަމުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެންމެ 700 ރުފިޔާގެ މަސްދަޅު ކޭހެއް ގަތުމަށް ރައްޔިތުން ދުވާލުގެ ރަތްދަކަ އަވީގައި ތިބެން ޖެހި, ސަލާމް ޖަހައިގެން, ރައީސުލްޖުމުހޫރިއްޔާ ދެއްވުމުން މެނުވީ ކާޑުކޮޅުވެސް މަސްދަޅުކޭސްވެސް ނުލިބޭނެކަމަށް ރައްޔިތުންގެ ސިކުޑިތަކަށް ވެއްދުމަށް މުއިއްޒު ގެންދަވަނީ ސަރުކާރުގެ ހުރިހާ ސިޔާސަތުތަކެއްވެސް އެމަގުން ބައްޓަން ކުރައްވަމުންނެވެ.

މިއީ ކޮމިއުންނިސްޓް ޗައިނާއާއި އެއަށްވުރެވެސް ޚުދުމުޚްތާރު ވެރިކަމެއް އޮތް އުތުރު ކޮރެއާގެ އޮތް ބާވަތުގެ ރައްޔިތުން އަޅުވެތިކުރާ ސަރުކާރެއް މިރާއްޖޭގައި ގާއިމްކުރުމުގެ ކެހިވެރި ސިއްރު އެޖެންޑާއެއްގެ ދަށުން މުއިއްޒު ތަންފީޒު ކުރަމުންދާ ސިޔާސަތެކެވެ.

ދޮގާއި މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި މުއިއްޒު ގެންދަވަނީ, 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށަށް, ނުވަތަ މަސްދަޅު ކޭހަކަށް ދިވެހި ރައްޔިތުން ހިތް ގަނެލެވިދާނެކަމަށް ހީކޮށް, ރައްޔިތުން ބޭނުން ޖެހިފައިވާ އަސާސީ ޚިދުމަތްތައްވެސް ސިޔާސީކޮށް, ރައްޔިތުންގެ ނިކަމެތިކަމުން ނާޖާއިޒު މަންފާ ހާސިލް ކުރަމުންނެވެ.