ޚަބަރު

ގޮނޑި ގެއްލޭ އިސްލާހުގެ ދުސްތޫރީ މައްސަލަ ސުޕްރިމް ކޯޓުން ނިންމުމުގެ ކުރިން, ސުޕްރިމް ކޯޓުގެ 4 ފަނޑިޔާރަކު ވަކިކުރުމަށް މަޖިލީހަށް ހުށަހަޅަނީ!

ދިޔަވަރު
ގޮނޑި ގެއްލޭ އިސްލާހުގެ ދުސްތޫރީ މައްސަލަ ސުޕްރިމް ކޯޓުން ނިންމުމުގެ ކުރިން, ސުޕްރިމް ކޯޓުގެ 4 ފަނޑިޔާރަކު ވަކިކުރުމަށް މަޖިލީހަށް ހުށަހަޅަނީ!

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އެ ފަނޑިޔާރުން ވަކިކުރުމުގެ ކަންކަން ކުރަން ޕީޕީއެމް/ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުން އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ ކިބައިން މިއަދު އެދިއްޖެ އެވެ. ސުޕްރިމް ކޯޓުގެ 4 ފަނޑިޔާރަކު ފަނޑިޔާކަމުން ވަކިކުރުމަށް, ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހެޅުމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން މަޝްވަރާ ކޮށްފައިވަނީ, ސުޕްރިމް ކޯޓުގައި މިހާރު އޮތް, ގޮނޑި ގެއްލޭ ދުސްތޫރީ މައްސަލަ އެ ކޯޓުން ނިންމުމުގެ ކުރިންނެވެ.

އެހެންނަމަވެސް ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިޔަށް ގެންދިއުމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައެއް މެމްބަރުން އެކަމަށް ދެކޮޅު ހެއްދެވި އެވެ.

ނަން ނުޖަހާ ގޮތަށް 'ދިޔަވަރު އޮންލައިން'އާއި މައުލޫމާތު ހިއްސާކުރި ބައެއް މެމްބަރުން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގައި އޮތް ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުުގައި ބައިވެރިވެވަޑައިގަތީ ކޮމިޓީތަކުގައި ހިމެނޭ ޕީއެންސީގެ މުގައްރިރުންނާއި ނައިބު މުގައްރިރުންނާ އެކު މިއަދު 1:15ގަ އެވެ.

މި ބައްދަލުވުމުގައި ޕީޖީ ލީޑަރު އިބްރާހިމް ފަލާހް އެދިވަޑައިގަތީ، އެނގިފައިވާ ގޮތުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ބަލަން ގަރާރެއް ހުށަހެޅުމަށެވެ. ނަމަވެސް ފަނޑިޔާރުންގެ މައްސަލަ ބަލާނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ކަމަށް ގިނަ ބޭފުޅުން ވިދާޅުވެ، އެކަމާ ދެކޮޅު ހެއްދެވުމުން ގޮތެއް ނުނިމި ބައްދަލުވުން ވަނީނިންމާލާފައެވެ.

"ދިޔަވަރު އޮންލައިން" އާ ވާހަކަދެއްކެވި ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުންވަނީ ސުޕްރީމް ކޯޓުގައި މިހާރު އޮތް މަޖިލީހުގެ ގޮނޑި ގެއްލޭ މައްސަލައިގެ ކުރިން ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ގަރާރުތަކެއް ހުށަހަޅާށެވެ.

މުޅި މައްސަލައަށް ގިނަ މެމްބަރުންގެ ކަންބޮޑުވުން ހުރިނަމަވެސް, ޕީއެންސީގެ ޕީޖީ ގުރޫޕުން އެއްބަސް ވެފައިވަނީ މަޖިލީހަށް ހުށަހަޅާ ގަރާރު ފާސްކޮށްގެން ފަނޑިޔާރުންގެ މައްސަލަ ބަލަން ޖޭއެސްސީއަށް އެންގުމަށެވެ.

ހަމަ އެއާއެކު, މެމްބަރުންގެ ހިޔާލު ތަފާތުވުމުން މިއަދުގެ ބައްދަލުވުމުގައި ހުރުމާއެކު, އެކަމާ ގުޅޭ ގޮތުން ރައީސް މުހައްމަދު މުއިއްޒުއާ މަޝްވަރާ ކުރެއްވުމަށް ފަހު ގޮތެއް ނިންމުމަށް ގިނަ މެމްބަރުން އެއްބަސް ވެފައި ވެއެވެ.

ޕީއެންސީގެ ޕީޖީ ގުރޫޕުން ނިންމާފައިވަނީ ސުޕްރިމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ތިރީގައި މިވާ ފަނޑިޔާރުން މަގާމުން ވަކި ކުރުމަށެވެ.

  1. ފަނޑިޔާރު ޑރ. އަޒްމިލްދާ ޒާހިރު
  2. ފަނޑިޔާރު ހުސްނުއްސޫދު
  3. ފަނޑިޔާރު އަލީ ރަޝީދު ހުސެއިން
  4. ފަނޑިޔާރު މަހާޒު އަލީ ޒާހިރު

ސުޕްރިމް ކޯޓުގެ 4 ފަނޑިޔާރުން މަގާމުން ވަކިކުރުމަށްފަހު, ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ޕީއެންސީގެ ޕީޖީ ގުރޫޕުން ނިންމާފައިވަނީ ތިރީގައި މިވާ ބޭފުޅުންނެވެ.

  1. މުހުތާޒު މުހުޒިން, ކުރީގެ ޕީޖީ
  2. އަހުމަދު އުޝާމް, ބަންޑާރަ ނައިބު
  3. އައްބާސް ޝަރީފް, މިހާރުގެ ޕީޖީ
  4. އަބުދުއްالله ދީދީ, ކުރީގެ ފަނޑިޔާރު

ގާނޫނު އަސާސީ ބުނާ ގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ އެ ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލައި ވަކިކޮށްދިނުމަށް އެދި ޖޭއެސްސީން މަޖިލީހަށް ފޮނުވައި، މަޖިލިހުގެ ތަޅުމުގައި ވޯޓު ނަގައިގެންނެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ގަރާރެއްގެ ގޮތުގައި މަޖިލީހަށް ހުށަހަޅަން މެމްބަރުންގެ ކިބައިން އެދިފައި މިވަނީ އިންތިހާބުވާ ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުތައް ބާތިލްކުރަން ސްޕްރީމް ކޯޓަށް ހުށައަޅައި، އެ މައްސަލަ ކުރިއަށް ދަނިކޮށެވެ.

އެއީ ކޯޓުގައި ބެލޭނެ މައްސަލައެއް ނޫން ކަމަށް ބަންޑާރަނައިބުގެ ފަރާތުން ވަކާލަތުކުރެއްވި ނަމަވެސް ފަނޑިޔާރުން ނިންމީ މައްސަލަ ބެލޭނެ ކަމަށެވެ. ކެންދޫ ދާއިރާގެ މެމްބަރުކަން ދެ ދައުރު ކުރެއްވި އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ހުށައެޅުއްވި މައްސަލަ ބަލަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

އިދިކޮޅު އެމްޑީޕީން ތުހުމަތުކުރަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ވަކިކޮށް، ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މި ވަގުތު ތިއްބެވި ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން އުޅޭ ކަމަށެވެ. އެހެންވެ އަލީ ހުސައިން ވަނީ މައްސަލާގައި ގޮތެއް ނުނިމެނީސް ފަނޑިޔާރުންގެ މައްސަލަތައް ބެލުން ހުއްޓުވަން ވަގުތީ އަމުރަކަށް ވެސް އެދިވަޑައިގެންފަ އެވެ.