ޚަބަރު

#ރިޕޯޓު: ސުޕްރިމް ކޯޓުގެ ބެންޗު ބަދަލު ކޮށްގެން ވެރިކަން ކުރަން ދިމާކުރުމަކީ ގޮތް ހުސްވެއްޖެކަމުގެ އެންމެ ބޮޑު އަލާމާތް! ވެރިކަމަކީ ރައްޔިތުންގެ ހިތުލޯބި ލިބިގެން މެނުވީ ކުރެވޭނެ ކަމެއް ނޫން!

ދިޔަވަރު
#ރިޕޯޓު: ސުޕްރިމް ކޯޓުގެ ބެންޗު ބަދަލު ކޮށްގެން ވެރިކަން ކުރަން ދިމާކުރުމަކީ ގޮތް ހުސްވެއްޖެކަމުގެ އެންމެ ބޮޑު އަލާމާތް! ވެރިކަމަކީ ރައްޔިތުންގެ ހިތުލޯބި ލިބިގެން މެނުވީ ކުރެވޭނެ ކަމެއް ނޫން!

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ ދޮޅު އަހަރު ވެގެން ދަނީއެވެ. ވެރިކަމަށް ދޮޅު އަހަރު ވަމުންދާއިރު, މުއިއްޒުގެ ވެރިކަން މިއަދު ސިފަކުރާން ޖެހެނީ, އާ ގާނޫނު އަސާސީ ބަލައިގަތުމަށްފަހު ރާއްޖޭގެ ވެރިކަން ކުރެއްވި ވެރީންގެ ވެރިކަމުގައި, އަހަރެއް ނިމިގެންދިޔައިރު ތަރައްގީގެއް އެއްވެސް މަޝްރޫއެއް ނުހިންގޭ ހަމައެކަނި ވެރިކަމުގެ ގޮތުގައެވެ. ރައްޔިތުންގެ އިގްތިސާދީ ހާލަތު އެންމެ ދަށަށް ދިޔަ ވެރިކަމުގެ ގޮތުގައެވެ. ދައުލަތުގެ އެތެރޭގައި ކަރަޕްޝަނާއި ފަސާދަ އެންމެ ބޮޑަށް އަށަގަތް ވެރިކަމުގެ ގޮތުގައެވެ. ޚާރިޖީ ސިޔާސަތު ފެއިލްވެ, ބޭރުގެ އެއްވެސް ގައުމަކުން އެހިތެރިކަމެއް ނުލިބި, ގޮތް ހުސްވި ހަމައެކަނި ވެރިކަމުގެ ގޮތުގައެވެ.

އަދި ހަމަ އެއާއެކު, މުއިއްޒު ސިފަ ވެގެން ދަނީ, ވެރިކަމަށް އަހަރެއް ފުރިގެން ދިޔައިރު, ރައްޔިތުންގެ ހެވާއި ލާބައަށް އެއްވެސް ހެޔޮ ބަދަލެއް ނުގެނެވުނުތާގައި, ވީވައުދުތައް ނުފުއްދި މަތިމައްޗަށް ދޮގުހައްދަވަން މަޖުބޫރުވެ, މުތުލަގަށް ދޮގު ހައްދަވަމުން ގެންދަވާ ރައީސެއްގެ ގޮތުގައިވެސްމެއެވެ.

އާދޭހެވެ! އަމިއްލަ މުށުތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ސުޕަރ މެޖޯރިޓީ އޮވެމެ, މިހާ އަވަހަށް, މި ދަރަޖައަށް ފެއިލްވެގެންދިޔަ ރައީސަކު ހަގީގަތުގައިވެސް ދިވެހި ތާރީޚު ދެކެފައެއް ނުވެއެވެ. މުއިއްޒު މިއަދު ފާހަގަވެފައިވަނީ, އަމިއްލަ ހާލާއިގެން ވެރިކަން ކުރެވޭނެހާ ވަރުވެސް ނެތި, ދައުލަތުގެ މުވައްސަސާތަކައް އަތް ބާނުއްވައިގެން އެންމެފަހުން ވެރިކަން ކުރާން ދިމާކޮށްފަހުރި ރައީސެއްގެ ގޮތުގައެވެ.

ރައްޔިތުންގެ އިތުބާރު ގެއްލި, ރައްޔިތުންގެ ތާއީދު ތިމާއަށް ނެތްކަން އެނގި ކަށަވަރު ވުމުން, ވެރިކަންތަކުގައި ޚުދުމުޚްތާރުކަމުގެ ސިފަ ޖެހެން ފެށުމަކީ ދުނިޔޭގެ މަދުން ނަމަވެސް, ބައެއް ގައުމުތަކުން ފެނިގެން ގޮސްފައިވާ މަންޒަރު ތަކެކެވެ. އެހާލަތުގައި, ވެރިމީހާ ޚުދުމުޚްތާރުވެ, ރައްޔިތުންގެ މަޖިލިސް ގޮނޑިކޮއްކޮ މުވައްސަސާއަކަށް ހަދާ, އެއަށްފަހު, ދެން ދިމާކޮށްފައި ހުރީ ޝަރުއީ ކޯޓުތަކާއެވެ. އެންމެފަހުން, ގޮތް ހުސްވެ, ވެރިކަން ހިމާޔަތް ކުރުމަށް ގައުމުގެ ސުޕްރިމް ކޯޓަށް ކޮންޑިކޮއްކޮ ފަނޑިޔާރުން ލުން, މިއީ ޚުދުމުޚްތާރު ވެރީން, ވެރިކަން އުމުރަށް "ބައް ކުރުމަށް" އަމަލު ކޮށްފައިވާ އުސޫލުތަކެވެ.

ޔޫރަޕުން ބެލަރޫސްއަށް ބެލިކަމުގައި ވިނަމަވެސް, ޕުޓިންގެ ރަޝިއާއަށް ބެލިކަމުގައިވިނަމަވެސް މި ހަގީގަތް މި ގޮތުގައި މިއަދު ފެންނާން އެބަހުއްޓެވެ.

ދިވެހިރާއްޖެއިންވެސް މިއަދު ފެންނާން މިފެށީ މިހަގީގަތެވެ. މުއިއްޒުގެ ވެރިކަމަށް އެންމެ އަހަރެއް ފުރިގެންދިޔައިރު, މުއިއްޒުއަށް ހަމަޖެހިލައިގެން ވެރިކަން ކުރެއްވޭކަމަށްވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހަތަރެސްފައި ބަނދެގެންނެވެ. ގާނޫނު އަސާސީ ބަދަލުކޮށް, ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަކީ ޕާޓީގެ އަޅުންނަށް ހަދައިގެންނެވެ.

އެވަރުންވެސް, މުއިއްޒުއަށް ހަމަޖެހިލައިގެން ވެރިކަން ކުރެވޭކަމަކަށް ނުވިއެވެ. އެންމެ ފަހުން ދިމާކޮށްލެއްވީ ސުޕްރިމް ކޯޓާއެވެ. އެކޯޓުގެ ބެންޗު ބަދަލު ކޮށްލާށެވެ.

މުއިއްޒުގެ އެންގެވުމަށް ޕީއެންސީގެ ޕީޖީ ގުރޫޕުން މިހާރު ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިގެން ސުޕްރިމް ކޯޓުގެ ބެންޗު ބަދަލު ކުރުމަށެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ އެ ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލައި ވަކިކޮށްދިނުމަށް އެދި ޖޭއެސްސީން މަޖިލީހަށް ފޮނުވައި، މަޖިލިހުގެ ތަޅުމުގައި ވޯޓު ނަގައިގެންނެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ގަރާރެއްގެ ގޮތުގައި މަޖިލީހަށް ހުށަހަޅަން މެމްބަރުންގެ ކިބައިން އެދިފައި މިވަނީ އިންތިހާބުވާ ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުތައް ބާތިލްކުރަން ސްޕްރީމް ކޯޓަށް ހުށައަޅައި، އެ މައްސަލަ ކުރިއަށް ދަނިކޮށެވެ.

އެއީ ކޯޓުގައި ބެލޭނެ މައްސަލައެއް ނޫން ކަމަށް ބަންޑާރަނައިބުގެ ފަރާތުން ވަކާލަތުކުރެއްވި ނަމަވެސް ފަނޑިޔާރުން ނިންމީ މައްސަލަ ބެލޭނެ ކަމަށެވެ. ކެންދޫ ދާއިރާގެ މެމްބަރުކަން ދެ ދައުރު ކުރެއްވި އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ހުށައެޅުއްވި މައްސަލަ ބަލަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

އިދިކޮޅު އެމްޑީޕީން ތުހުމަތުކުރަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ވަކިކޮށް، ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މި ވަގުތު ތިއްބެވި ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން އުޅޭ ކަމަށެވެ. އެހެންވެ އަލީ ހުސައިން ވަނީ މައްސަލާގައި ގޮތެއް ނުނިމެނީސް ފަނޑިޔާރުންގެ މައްސަލަތައް ބެލުން ހުއްޓުވަން ވަގުތީ އަމުރަކަށް ވެސް އެދިވަޑައިގެންފަ އެވެ. 

ވެރިކަމަށް ދޮޅު އަހަރު ވެގެންދާއިރު, މުއިއްޒުގެ ހާލަތު ވެއްޓުނީ, ސުޕްރިމް ކޯޓުގެ ބެންޗު ބަދަލު ކޮށްގެން މެނުވީ ވެރިކަމުގައި ދެމި ހުނުރެވޭ ހާލަތަށެވެ. އެހެންނަމަވެސް މުއިއްޒު ގަބޫލުކުރައްވަންވީ ހަގީގަތަކީ ވެރިކަމަކީ ގަދަބާރުން ކުރެއްވޭނެކަމެއް ނޫންކަމެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހަތަރެސްފައިގައި ކަސްތޮޅު އަޅުވައިގެންނާއި ކޯޓުތަކުގެ ބެންޗު ބަދަލުކޮށްގެން ވެރިކަން ނުކުރެވޭނެކަން ޚުދު ރާއްޖޭގެ ތާރީޚުންވެސް ފެންނާނެ އެބަހުއްޓެވެ.

ވެރިކަން ކުރެއްވޭނީ ރައްޔިތުންގެ ލޯބި ހޯއްދަވައިގެންނެވެ. އެނޫން ގޮތްގޮތުން ވެރިކަން ކުރައްވަން ދިމާކުރެއްވީމާ, މާދަމާ ރައްޔިތުން ނިކުމެ މިސަރުކާރު ޒިންމާދާރު ކުރުވާތަން ފެންނާން އޮންނާނީ މާދުރަކު ނޫނެވެ.