ވެރިކަމަށް ވަޑައިގެންނެވިތާ ދޮޅު އަހަރު ފުރިގެންދާއިރު, މުއިއްޒު މީޑިއާތަކާ ބައްދަލު ނުކުރާތާ 14 މަސްދުވަސް ފާއިތުވެގެން ހިގައްޖެއެވެ.
މިއީ ރާއްޖޭގެ ރައީސަކު މީޑިއާތަކާއި ބައްދަލުނުކޮށް, މައުލޫމާތު ހާމަނުކޮށް, މީޑިއާތަކަށް ފިއްލަވައިގެން އުޅުއްވާފައިވާ އެންމެ ދިގު މުއްދަތެވެ.
“ދިޔަވަރު އޮންލައިން”އާއި މައުލޫމާތު ހިއްސާކުރި ރައީސް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ރައީސް މީޑިއާތަކާއި ބައްދަލު ނުކުރައްވާ ސަބަބެއް އެނގިފައެއް ނުވެއެވެ. އަދި މީޑިއާތަކާއި ބައްދަލު ކުރެވުމަށް ވަކި ދުވަހެއް އަދި ހަމަޖައްސާފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުއިއްޒު އެންމެ ފަހުން މީޑިއާތަކާއި ބައްދަލު ކޮށްފައިވަނީ, ވެރިކަމަށް ވަޑައިގަތުމަށްފަހު, 2024 ވަނަ އަހަރު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެން, އެއަހަރު ޖެނުއަރީމަހުގެ 13 ވަނަ ދުވަހު ރާއްޖޭގެ އެއަރޕޯޓުގައެވެ.
މުއިއްޒު މީޑިއާތަކާއި ބައްދަލު ކޮށްފައި ނުވާރުއިރު, މިސަރުކާރުގެ ކޮރަޕްޝަންވަނީ އިންތިހާއަށް މަތިވެގެން ގޮސްފައެވެ. އަދި ޚަރަދު ކުޑަކުރުމުގެ ގޮތުން, މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާއާއި ޕްރޮމޯޝަންއާއި, އެހެނިހެން އިނާޔަތްތައްވެސް ހިފަހައްޓާފައިވިނަމަވެސް, މިސަރުކާރުން ދަނީ ބޮޑެތި މުސާރަ ލިބޭ ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ކުރަމުންނެވެ. އަދި މި ސަރުކާރުގެ އިސް އޮފިޝަލުން ފަސްޓު ކުލާހުގައި ރާއްޖެއިން ބޭރަށް ކުރަމުންދާ ދަތުރުތައްވެސް މަދު ކޮށްފައެއް ނުވެއެވެ. ގައުމުގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެ, ގައުމު ބަނގުރޫޓު ވެދާނެކަމުގެ ބިރު ހީވެފައިވާއިރު, ކުރިމަތިވެފައިވާ އިގްތިސަދީ ގޮންޖެހުންތަކުގެ ހަގީގީ އަސްލަކީ މުއިއްޒެ ވެރިކަމަށް ވަޑައިގެންނެވުމަށް ކޮށްފައިވާ ބޮޑެތި އިސްރާފްތަކެވެ.
އަދި މި ސަރުކަރުންވަނީ ސިޔާސީ މަގާމްތަކުގެ އަދަދު ސިއްރު ކޮށް, އެހެންނަމަވެސް އޭގެ ތެރެއިން 228 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާކަމަށްވެސް މީގެކުރިން ވަނީ ބުނެފައެވެ. އެހެން ހަމަ އެ މުވައްޒަފުންނަށް ދައުލަތުގެ ކުންފުނިތަކުން ވަޒީފާ ދިނުމަށް, މަޖިލީހަށް ފާއިތުވި އަހަރު ފަހުކޮޅު ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓުގައި 400 މިލިއަން ރުފިޔާ ހިމަނާފައި ވެއެވެ. އެއަށްފަހު މިއަދާއި ހަމައަށްވެސް މި ސަރުކާރުން ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ.
އޭގެ ތެރެއިން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ކޮށްފައި ނުވާކަންވެސް ފަހުން ވަނީ އެނގި ކަށަވަރު ވެފައެވެ.
ހަމައެއާއެކު, މިސަރުކާރުން ހިންގަމުންދާ ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކުގެ ފަހަތުގައި ހުރީވެސް ސީދާ މުއިއްޒުކަން މިހާރުވަނީ ހާމަވެފައެވެ. އެގޮތުން ސަރުކާރު ކުންފުނިތަކުގެ އެމްޑީންގެ ފަރާތުން ކޮރަޕްޝަންގެ ފައިސާ, އެހެން އެއްވެސް ފަރާތެއް މެދުވެރިނުކޮށް, ސީދާ މުއިއްޒުއަށް ފޯރުކޮށްދެމުންދާކަންވެސް ވަނީ ހާމަވެގެން ގޮސްފައެވެ.
ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން މުއިއްޒު ވިދާޅުވެފައިވަނީ, ނޫސްވެރިންނާއި ގާތް ގުޅުމެއް ބާއްވާނެކަމަށާއި, ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމުގައެވެ.
މުއިއްޒު ފާހަގަ ވެފައިވަނީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ދެއްކެވި ވާހަތަކާއި އަމަލާ ދިމާނުވާ, މުޡުލަގަށް ދޮގު ހައްދަވާ ބޭފުޅެއްގެ ގޮތުގައެވެ.