ޚަބަރު

ބެންޗުން ވަކި ކުރުމަށް މުއިއްޒު ނިންމާފައިވަނީ އަޒްމިރަލްދާއާއި މަހާޒު! އެހެން ހުރިހާ ފަނޑިޔާރުން ވަނީ މުއިއްޒުއަށް "ޑީލެއް" ދިނުމަށް އެއްބަސް ވެފަ!

ދިޔަވަރު
ބެންޗުން ވަކި ކުރުމަށް މުއިއްޒު ނިންމާފައިވަނީ އަޒްމިރަލްދާއާއި މަހާޒު! އެހެން ހުރިހާ ފަނޑިޔާރުން ވަނީ މުއިއްޒުއަށް "ޑީލެއް" ދިނުމަށް އެއްބަސް ވެފަ!

ސުޕްރީމް ކޯޓު ބެންޗުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހަޅާފައިވާ ބިލް މަޖިލީހުން ފާސް ކުރުމަށްފަހު, ބެންޗުން ވަކިކުރުމަށް މުއިއްޒު ނިންމާފައިވަނީ ސުޕްރިމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަޒްމިރަލްދާއާއި ފަނޑިޔާރު މަހާޒުކަން "ދިޔަވަރު އޮންލައިން"އަށް ކަށަވަރު ކުރެވިއްޖެއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން, ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރަކު ވިދާޅުވީ, މިހާރު ސުޕްރިމް ކޯޓުގައި ކުރިޔަށްދާ, ގޮނޑި ގެއްލޭ އިސްލާހުގެ ދުސްތޫރީ މައްސަލަ ސަރުކާރުން ބޭނުންވާ ގޮތަށް ނިންމުމަށް މުއިއްޒުއާއި "ނެގޯޝިއޭޓް" ކުރުމަށް ފަނޑިޔާރުންގެ ތެރެއިން ދެކޮޅު ހައްދަވާފައިވަނީ ފަނޑިޔާރު އަޒްމިރަލްދާއައި ފަނޑިޔާރު މަހާޒުކަމުގައެވެ. އަދި ދެން ތިއްބެވި ފަނޑިޔާރުންވެސް ތިއްބެވީ މުއިއްޒުއަށް "ވޭ އައުޓެއް" (ސަލާމަތް ވެވޭނެ މަގެއް) ފަހިކޮށްދޭނެކަމުގެ ޔަގީންކަން ދެއްވައިގެންކަމަށްވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ޕީއެންސީގެ މަޖިލިސް މެމްބަރު ވިދާޅުވެފައި ވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ ފަނޑިޔާރު އަޒްމިރަލްދާއާއި ފަނޑިޔާރު މަހާޒު ބެންޗުން ވަކިކުރުމުން, ދެން ތިއްބެވި ފަނޑިޔާރުންގެ ފުރިހަމަ އަޢުލަބިއްޔަތުން ސަރުކާރުން ބޭނުންވާގޮތަށް ގޮނޑި ގެއްލޭ އިސްލާހުގެ ދުސްތޫރީ މައްސަލަ ނިމިގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒުއަށް އޮތް ކަމުގައެވެ.

އެހެންނަމަވެސް ގާނޫނު އަސާސީގައި ބުނެފައިވަނީ, ސުޕްރިމް ކޯޓުގެ ބެންޗުގެ އެއްވެސް ފަނޑިޔާރަކު, އެފަނޑިޔާރަކު ކުށެއް ނުކުރަނީސް މަގާމުން ދުރު ނުކުރެވޭނެކަމުގައެވެ. އަދި ގާނޫނު އަސާސީއާއި ޚިލާފަށް, ފަނޑިޔާރުންގެ މަގާމް ގެއްލުމާލުމަށް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތާއި ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ގިނަ މެމްބަރުންވަނީ ދެކޮޅުވެސް ހަދާފައެވެ.

އެހެންނަމަވެސް ސުޕްރީމް ކޯޓު ބެންޗުގައި ތިއްބަވާ ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކޮށް، ބެންޗު ފަސް ފަނޑިޔާރުންނަށް މަދުކުރުމުގެ ބިލަށް ވެރިކަން ކުރާ ޕީއެންސީގެ ހުރިހާ މެންބަރުން ވެސް ތާއިދު ކުރުމަށް އެ ޕާޓީގެ ލީޑާޝިޕުން މިރޭ ވަނީ ޕީޖީ ގުރޫޕުގެ މެމްބަރުންނަށް އަންގާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ސަރުކާރުގެ ފަރާތުން، ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވަނީ މިއަދު ބިލެއް މިއަދު ހުށަހަޅުއްވާފައެވެ. އެ ބިލުގެ އިބުތިދާއީ ބަހުސް މާދަމާއަށް ވަނީ އެޖެންޑާކޮށްފައެވެ.

ޕީއެންސީ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އެ ޕާޓީގެ ޕީޖީގެ ވަޓްސްއެޕް ގުރޫޕަށް މިރޭ ފޮނުއްވި މެސެޖެއްގައި ބުނެފައިވަނީ، އެ ބިލު މަޖިލީހުން ބަލައިގެން އެ ބިލަށް ޕީއެންސީގެ ޕީޖީން ތާއީދު ކުރާން ޕީއެންސީ ލީޑާޝިޕުން ނިންމައިފައިވާ ކަމަށެވެ. އެހެންވެ، ޕީއެންސީގެ ހުރިހާ މެންބަރުން ވެސް އެ ބިލަށް ތާއިދުކޮށް، ބަހުސް މަރުހަލާގައި ވެސް ބިލަށް ތާއީދުކޮށް ވާހަކަ ދެއްކެވުމަށް ފަލާހު އެދިވަޑައިގެންފައިވެއެވެ.

މަޖިލީހުގައި ޕީއެންސީއަށް ސުޕަމެޖޯރިޓީ އޮތުމާއެކު، ގާނޫނަށް ބަދަލު ގެނެސްގެން އެ ޕާޓީއަށް ފަނޑިޔާރުން ވަކިކުރުމުގެ ފުރުސަތު އެބައޮތެވެ.

އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމާ ދެކޮޅަށް ޕީއެންސީގެ ގިނަ މެންބަރުންތަކެއް ތިބިކަން ޕީއެންސީގެ ޕީޖީން މިއަދު ބޭއްވި ބައްދަލުވުމެއްގައި ވަނީ ހާމަވެފައެވެ. އެ ބައްދަލުވުމުގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް އަދި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ފަދަ މެންބަރުން ބިލާ ދެކޮޅަށް ވާހަކަދައްކާފައިވެއެވެ.

އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ބައިވެރިވި ގިނަ މެންބަރުން ވަނީ ފާޅުގައި އެ ބިލަށް ދެކޮޅު ހަދައިފައެވެ. ނަމަވެސް ސަރުކާރުން ބޭނުންވާ ގޮތަށް ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ގިނަ މެންބަރުން އިއްތިފާޤުވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޕީއެންސީން މި ބިލު ހުށަހަޅާފައިވަނީ، ޕާޓީން ވަކިކުރެވޭ ނުވަތަ އަމިއްލައަށް ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް މަޖިލީހުން ފާސްކުރި އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅިފައިވާ ދަނޑިވަޅެއްގައެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބަލަމުންދަނިކޮށް މިފަދަ ބިލެއް ހުށަހަޅާފައިވަނީ ޖުޑިޝަރީއަށް ނުފޫޒު ފޯރުވައި، ބިރުދެއްކުމުގެ ގޮތުން ކަމަށް އިދިކޮޅުން ބުނެފައިވެއެވެ.

މި ތުހުމަތުތަކަށް ރައްދުދެމުން ޕީއެންސީން ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ކަނޑާލުމުގެ ބިލެއް ހުށަހެޅުމަކީ މަޖިލިސް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުން ނޫންކަމަށާއި އެފަދަ ވާހަކަތައް ބަލައިނުގަނެވޭނެ ކަމަށެވެ.