ކުރީ ސަރުކާރުގެ ވެރިންގެ މައްޗަށް ޖިނާއި ތަހުގީގު އިހްސާނަށް ކުރެވޭނީ ހުވަފެނުގައި ކަމަށް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް އަންޑާ ސެކެޓަރީ އަހްމަދު މައުރޫފް ވިދާޅުވެއްޖެއެވެ.
ބެސްޓިނެޓް ކުންފުންޏާ ގުޅޭ މައްސަލައިގައި ކުރީގެ ސަރުކާރުގެ ވެރިންގެ މައްޗަށް ތަހުގީގު ހިންގުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ގަސްދުކުރައްވާކަމަށް ބުނެފައިވާއިރު، އެފަދަ ތަހުގީގެއް ހިންގޭނީ "ހުވަފެނުގައި" ކަމަށް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް އަންޑާ ސެކެޓަރީ އަހްމަދު މައުރޫފް ވިދާޅުވެއްޖެއެވެ.
މި މައްސަލައާ ގުޅިގެން މައުރޫފް ވިދާޅުވީ، ބެސްޓިނެޓް ކުންފުނިން ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ކުރީގެ ސަރުކާރުގެ ދުވަސްވަރު އެއްވެސް ގޮތަކުން ހުށަހަޅާފައި ނުވާކަމަށެވެ. "ގެއްލުމުގެ ބަދަލު ހޯދުމަށް އެދި އެއްވެސް ގޮތަކުން ހުށަހަޅާފައެއް ނުވޭ. ދައުވާއެއް ކޮށްފައެއް ނުވޭ. ސަރުކާރުގެ އެއްވެސް ތަނަކަށް ޝަކުވާއެއް ވެސް ހުށަހަޅާފައި ނުވޭ. ދެން މިހާރު ކުއްލިއަކަށް މިސަރުކާރުން މިގޮތަށް ނިންމުމުން ސުވާލު އުފެދޭ،" ކަމަށް މައުރޫފް ވިދާޅުވިއެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ރައްޔިތުންގެ މަޖިލީހުގައި އިތުބާރު ނެތްކަމުގެ ވޯޓަށް ޖަވާބުދާރީވަމުން، މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާއެކު އެސްޕެޓް ސިސްޓަމެއް ހަދަން ރައީސް ޔާމީނުގެ ސަރުކާރުން ވެފައިވާ އެއްބަސްވުން ކުރިއަށް ނުގެންދިއުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 13.7 މިލިއަން ޑޮލަރު ދައްކަންޖެހުނު ކަމަށް ބުނެފައެވެ. މިކަމުގައި އިހުމާލުވެފައިވާ ކުރީގެ ސަރުކާރުގެ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް އޭސީސީގައި އެދޭނެކަމަށް ވެސް އިހުސާން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް މިއީ އަލީ އިހްސާނަށް ކޮރަޕްޝަނަށް އެތައް މިލިއަނެއް ލިބޭހެން ބަދަލު ހޯދުމަށް މި ސަރުކާރުގައި ހިންގާފައިވާ ޖަރީމާއެކެވެ. މިކަމުގައި ދައުވާ ކުރަންޖެހޭ ފަރާތްތަކަކީ މުއިއްޒު އާއި އަލީ އިޙްސާނެެވެ. ބެސްޓިނެޓް ކުންފުނިން އެމްޑީޕީގެ ސަރުކާރުގައި ބަދަލު ހޯދުމަށް ބޭނުން ވެގެން ނޫޅެއެވެ. އުޅެފައި ނުވަނީ އޭރުވެސް ރައީސް ޔާމީނުގެ ސަރުކާރުން ހިންގާފައިވާ ޑީލްތަކަކީ ކޮރަޕްޓް ޑީލްތަކަކަށް ވާތީއެވެ.
މީގެ އިތުރުން، މައުރޫފްގެ ބަހުން އެނގޭގޮތުގައި، 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ގެޒެޓުކުރެވުނު އުސޫލެއްގެ ދަށުން ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ކޮށްފައިވާ ވިޔަފާރީގެ މުއާމަލާތްތަކާ ގުޅިގެން މައްސަލަ ހުށަހެޅުމަށް ދެވުނު 30 ދުވަހުގެ މުއްދަތުގައި ބެސްޓިނެޓުން ބަދަލު ހޯދުމަށް އެދި ހުށަހަޅާފައި ނުވާކަން ފާހަގަކުރެއްވިއެވެ.
ބެސްޓިނެޓަކީ ކޮރަޕްޝަނާއި އޮޅުވާލުމުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާ ކުންފުންޏެއްކަމާއި، މެލޭޝިއާގެ އިތުރުން ބަންގްލަދޭޝާއި ނޭޕާލުގައި ވެސް އެ ކުންފުންޏާ ގުޅޭ ބައެއް މައްސަލަތައް މިހާރުވެސް ތަހުގީގު ކުރެވެމުންދާކަން މީޑިއާގެ ރިޕޯޓުތަކުން އެނގެއެވެ.
ޕީޕީއެމް ޕީއެންސީ އަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު މިފަދަ ބޮޑެތި ވައްކަމާއި ކޮރަޕްޝަން ހިންގައެވެ. މި ފަހަރު ކޮރަޕްޝަންނާއި ވައްކަން ހިންގަމުން ދަނީ ރައީސް މުއިއްޒުގެ ސީދާ އިރުޝާދުގެ ދަށުންނެވެ. ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ އައުވާނުން ފަދަ ވައްކަން ކުރުމާއި، ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރި ވުމުގައި މިވަރު ކަމެއް މުޅި އޭޝިޔާވެސް ދެކެފައި ނުވެއެވެ.