ޚަބަރު

ޗައިނާ އަށް ކަނޑު ވިއްކާލުމަކީ މުޅި ރާއްޖޭގެ ތާރީޚުގައި ވެރިއަކު ދިވެހި ޤައުމަށްވީ އެންމެ ބޮޑު ޚިޔާނާތް! މުއިއްޒު އަކީ ކަޅުމުހައްމަދު ރަސްގެފާނަށްވުރެ ބޮޑު ޚާއިނެއް!

ދިޔަވަރު
ޗައިނާ އަށް ކަނޑު ވިއްކާލުމަކީ މުޅި ރާއްޖޭގެ ތާރީޚުގައި ވެރިއަކު ދިވެހި ޤައުމަށްވީ އެންމެ ބޮޑު ޚިޔާނާތް! މުއިއްޒު އަކީ ކަޅުމުހައްމަދު ރަސްގެފާނަށްވުރެ ބޮޑު ޚާއިނެއް!

ޗައިނާގެ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝެނޮލޮޖީ އާއި ރާއްޖޭގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއާ ދެމެދު މިދިޔަ ހަފްތާގައި ވެވުނު އެއްބަސްވުމާ ގުޅިގެން ބޮޑެތި ކަންބޮޑުވުންތައް އާންމު ރައްޔިތުން ދަނީ ފާޅުކުރަމުންނެވެ. މިއީ ދިވެހިރާއްޖޭގެ ކަނޑުތަކުގެ މުހިންމު ސިއްރުތައް ހާމަވެ، ޖާސޫސީ މަސައްކަތަށް މަގުފަހިވެދާނެ އެއްބަސްވުމެކެވެ.

އެއްބަސްވުމުގެ ދަށުން ޗައިނާއިން ރާއްޖޭގެ ކަނޑުތަކުގައި ހަރުކުރާނެ ޑިވައިސްތަކުން ކަނޑުގެ އޮއިވަރާއި، ވައިގެ ބާރުމިނާއި، އަޑުތަކާއި، ލޮނުގަދަމިނާއި އަދި ފިނިހޫނުމިން ފަދަ މުހިންމު މަޢުލޫމާތުތައް އެއްކުރެވޭނެ ކަމަށް ބުނެފައިވީ ނަމަވެސް، މިއީ މިހާ ހިސާބުން ނިންމާލެވޭ ވަރުގެ ކުޑަ ކުޑަ ކަމެއް ނޫނެވެ.

މި އެއްބަސްވުމުގެ ދަށުން ޗައިނާއިން ސޯނާ ޓެކްނޮލޮޖީގެ ބޭނުން ހިފައި، ސަބްމެރިންތަކާއި އަސްކަރީ މަނަވަރުތަކުގެ ހަރަކާތްތައް ވެސް ދެނެގަނެވޭނެއެވެ. އަދި ވައިގެ ދަތުރުކުރާ މަތިންދާބޯޓުތައް ވެސް ފާހަގަކުރެވޭނެއެވެ. މީގެ އިތުރުން ސަރަހައްދީ ޤައުމުތަކުން ކުރާ ހަތިޔާރު ތަކުގެ ޓެސްޓް ތަކުގެ ބާރު މިނާއި ކުޅަދާނެ ކަން ރާއްޖެ ބޭނުން ކޮށްގެން ޖާސޫސު ކުރެވޭނެއެވެ.

މީގެ އިތުރުން، އެއްކުރެވޭ އެއްވެސް މަޢުލޫމާތެއް ޗައިނާގެ ހުއްދަ ނެތި އެހެން ފަރާތަކާ ހިއްސާކުރެވޭނެ ގޮތެއް ނޯންނާނެކަން ވެސް ފާހަގަކުރެވިފައިވެއެވެ.

ރާއްޖެއާއި ސަރަހައްދީ ސަލާމަތީ ކަންކަމުގެ ދިރާސާކުރާ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ޗައިނާގެ މަގުސަދަކީ އެ ގައުމާ ގުޅުން އޮތް ގައުމުތަކުގެ އެހީގައި ވާދަވެރި ގައުމުތަކަށް ޖާސޫސްކުރުން ކަމަށް ބެލެވެއެވެ. ރާއްޖޭގައި އެފަދަ ފުރުސަތެއް ދިނުމަކީ ސީރިއަސް މައްސަލައެކެވެ.

ޚާއްސަކޮށް އިންޑިއާއަކީ ރާއްޖެއާ އެންމެ ގާތް ގުޅުން އޮތް ގައުމަށް ވެފައި، ޗައިނާއަކީ އިންޑިއާގެ ވާދަވެރި ގައުމަކަށް ވުމާއެކު، މި އެއްބަސްވުމުގެ ސަބަބުން ސަރަހައްދީ ގައުމުތަކާ ދެމެދު ބޮޑެތި މައްސަލަތަކެއް ޖެހިދާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

މިކަމުން ވެސް ހާމަވީ ރައީސް މުއިއްޒުގެ ދޮގުވެރިކަމެވެ. ރައީސް މުއިއްޒު 2023 ވަނަ އަހަރުގެ ޑިސެންބަރު 16 ވަނަ ދުވަހު، ރާއްޖޭގެ "ކަނޑުއަޑީގެ ބަތާނަ" އެހެން ގައުމަކަށް ލިބުމަކީ ރާއްޖެއަށް މަސްލަހަތު ހުރި ކަމެއް ނޫން ކަމަށް ވިދާޅުވެފައިވާ އިރު، ސަރުކާރުން މިފަދަ އެއްބަސްވުމެއްގައި ސޮއިކުރި ކުރުމަކީ މުއިއްޒުގެ ބަހުލޫލުކަން ހާމަ ވެގެން ދިޔަ ކަމެކެވެ. އަދި އިންޑިއާއާއި ޗައިނާގެ ބާރުގަދަ ގައުމުތަކުގެ ވާދަވެރިކަމުގެ ތެރެއަށް ރާއްޖެ ނުވަދެ ތިބުމަކީ އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތު ކަމަށް ވެސް ރައީސް މުއިއްޒު 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ވިދާޅުވެފައިވެއެވެ.

ޕީޕީއެމް އިސްކޮށް އޮވެ، ކުރީ ސަރުކާރުގެ ވެރިކަމުގައި އަދި 2023 ރިޔާސީ އިންތިހާބުގެ ކުރިން، ޤައުމިއްޔަތު ދިފާޢުކުރުމާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމުގެ ބޮޑެތި ޝިޢާރުތައް ދެއްކިއެވެ. "އިންޑިއާ އައުޓް" ކެމްޕޭނާއި ރާއްޖޭގެ ބިން ބޭރު ގައުމުތަކަށް ނުވިއްކުމުގެ އުސޫލުތަކަށް ބޮޑަށް ބާރުއަޅާފައިވެއެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ޕީޕީއެމްގެ ކެންޑިޑޭޓްގެ ގޮތުގައި ރައީސް މުއިއްޒު ވަނީ "ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުން" މުހިންމު ޝިޢާރަކަށް ހައްދަވާފައެވެ.

އެހެންނަމަވެސް، ވެރިކަމަށް އައުމަށްފަހު މިހާރު ސަރުކާރުން އަމަލުކުރަމުންދާ ގޮތް މި ޝިޢާރުތަކާއި ބޮޑަށް ފުށުއަރާ ކަމަށް ފާހަގަކުރެވެއެވެ. ޚާއްސަކޮށް ޗައިނާއަށް ރާއްޖޭގެ ކަނޑުގެ ބަތާނަ ހޯދުމަށް މަގުފަހިކޮށްދީފައިވާ މި އެއްބަސްވުމަކީ ކުރިން ދެއްކި ވާހަކަތަކާއި ދީފައިވާ ވައުދުތަކާއި ފުށުއަރައެވެ. އަދި މިއީ ޤައުމީ މަސްލަހަތަށް އެންމެ ބޮޑު ޚިޔާނާތެއް ކަމަށް ފާހަގަކުރެވެއެވެ.