ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން، ފަނޑިޔާރުން މައްސަލަތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ވަކިކުރެވިދާނެތޯ ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ސުވާލު އުފައްދަވައިފި އެވެ. މި ގޮތަށް ސުވާލު އުފެއްދުމުގެ މާނައަކީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމެވެ.
ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ބިލް، އެއްވެސް ބަދަލެއް ނުގެނެސް މިއަދު ހަވީރު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
ބިލު ފާސްކުރުމަށް ފަހު، ފިލްޒާ އެކަމާ ގުޅިގެން ކަންބޮޑުވުންތަކެއް ހިއްސާކުރެއްވުމާ ގުޅިގެން ޖުޑީޝަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މިހާރު ކުރިއަށްދެއެވެ.
ޖުޑީޝަރީއަށް ފޮނުއްވި ލިޔުމުގައި ފިލްޒާ ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އެއްވެސް މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން ނުދަނީސް، ގާނޫނު ބަދަލުކޮށްގެން ފަނޑިޔާރުންތަކެއް މަގާމުން ވަކިކުރުމަކީ އިންސާފުވެރި ކަމެއްތޯ ސުވާލު އުފެދޭކަމަށެވެ.
ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރައްވާފައިވަނީ ފަނޑިޔާރަކު މަގާމުން ވަކިކުރުމުގެ މަރުހަލާ ފެށެނީ އެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅިގެން ނުވަތަ އެފަދަ ޝަކުވާއެއް ނުވަތަ ތުހުމަތެއް ޖޭއެސްސީއަށް އައުމުން ކަމުގައި ގާނޫނުގައި ބަޔާންކޮށްފައި އޮތުމެވެ.
މީގެއިތުރުން، ގާބިލުކަން ނެތް ކަމަށް ކަނޑައަޅައި ޖޭއެސްސީން ވަކިކުރަން ނިންމާ ފަނޑިޔާރުންނަށް ދައުލަތުން ޚާއްޞަ އިނާޔަތްތަކާއި އިމްތިޔާޒުތައް ދޭންޖެހޭނެ ކަމަށް ބިލުގައި އޮތް އޮތުމަކީ ދެކޮޅުޖެހޭ ކަމެއް ނޫންކަމަށްވެސް ފިލްޒާ ވިދާޅުވިއެވެ. އެފަދަ އިނާޔަތްތަކަކީ ޝަރަފުވެރިކަމާއެކު ވަކިވާ ފަރާތްތަކަށް ލިބޭ އެއްޗެއްކަން ގާނޫނުގައި ބުނެފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ސަބަބުން ކޯޓުން ވަކިކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖޭއެސްސީންނެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކިކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެއެވެ. މި މަސައްކަތް ކުރުމުގައި އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ މުއްދަތުތަކަށް ޖޭއެސްސީން ބަލާކަށް ނުޖެހޭނެއެވެ.