އަނިޔާވެރި މުއިއްޒުގެ އަމުރަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ދަށްކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ހުށަހަޅާފައިވާ ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު (ބުދަ ދުވަހު) ފާސްކޮށްފިއެވެ.
މަޖިލީހުގެ ޖަލްސާގައި އެންމެ ފުރަތަމަ ޖުޑިޝަރީ ކޮމެޓީން ބިލާ ގުޅޭގޮތުން ނިންމާފައިވާ ރިޕޯޓު އިއްވުމަށްފަހު، ބިލަށް ބަހުސްކުރުމަށް ހުޅުވާލިއެވެ. މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިގޮތުގައި، ބަހުސަށް އެއް ގަޑިއިރު ކަނޑައަޅާފައިވާއިރު، ބަހުސް ނިމުމާއެކު ބިލަށް ވޯޓަށް އައްސަވާނެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ބިލުގެ ބަހުސްގައި ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ އެއްވެސް މެންބަރަކު ބައިވެރިވެފައިނުވާ ކަމެވެ. މީގެއިތުރުން، މަޖިލީހުގެ ސިސްޓަމަށް ދިމާވެފައިވާ މައްސަލައެއްގެ ކަމަށް ބުނެ، މި ބިލު ފާސްކޮށްފައިވަނީ ވަކިވަކި މެންބަރުންގެ ނަން އިއްވައި، ފެންނަ ނުފެންނަ ކަމަށް އަހައިގެންނެވެ.
އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުން ކައުންސެލް ޖެނެރަލްގެ ކަންބޮޑުވުންތަކަށް ގޮތެއް ނިންމުމަށްފަހު ބިލުގެ ބަހުސް ކުރިއަށް ގެންދިޔުމަށް އެދުނު ނަމަވެސް، ރިޔާސަތުން ވިދާޅުވީ ކައުންސެލް ޖެނެރަލްގެ ކަންބޮޑުވުންތައް ފޮނުވަންޖެހޭނީ ކޮމެޓީއަށް ކަމަށާއި، އެކަމަށް ގޮތެއް ނިންމަންޖެހޭނީވެސް ކޮމެޓީން ކަމަށެވެ. އެހެންކަމުން، ރިޔާސަތުން ނިންމެވީ ވޯޓަށް އެހުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ.
މިކަމާ ގުޅިގެން އެމްޑީޕީގެ މެންބަރުންގެ ނުރުހުން ފާޅުކުރުމާއެކު، މަޖިލީހުގެ ރިޔާސަތުން ވަކިވަކި މެންބަރުންގެ ނަން އިއްވަން ފެށިއެވެ. ފުރަތަމަ އިއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދުގެ ނަމެވެ. އޭގެފަހުން ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް އަޙްމަދު ޛާކިރު އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމްގެ ނަންވެސް އިއްވިއެވެ.
ބިލަށް ވޯޓަށް އެހި ވަގުތު، ޕީއެންސީއާއި ކޯލިޝަން ޕާޓީގެ ބައެއް މެންބަރުން މަޖިލީހަށް ޙާޟިރުވެވަޑައިގެން ނެތްކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަސީރު، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް، މާފުށީ ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމް، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ހިމެނެއެވެ. އަދި ވޯޓަށް އެހުމުން، ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫގު މަޖިލީހުން ނިކުމެވަޑައިގެންނެވެިއެވެ.