ޚަބަރު

އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލުގެ ކޮމިޓީ މައްސަކަތް, މުއިއްޒުގެ އަމުރަށް, ޖުލައި މަހުގެ ނިޔަލަށް ދިގު ދަންމާލައިފި!

ދިޔަވަރު
އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލުގެ ކޮމިޓީ މައްސަކަތް, މުއިއްޒުގެ އަމުރަށް, ޖުލައި މަހުގެ ނިޔަލަށް ދިގު ދަންމާލައިފި!

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން މަނާ ކުރަން އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މިދިޔަ އަހަރުގެ ޖުލައި 4، ގައި ހުށަހެޅި ބިލުގެ ކޮމިޓީ މަސައްކަތް ނިންމަން ކަނޑައެޅި ސުންގަޑި އަނެއްކާވެސް ފަސްކޮށްފި އެވެ.

މިއަދު ބޭއްވި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ފާސްކުރީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ ކޮމިޓީ މަސައްކަތް ޖުލައި މަހުގެ ނިޔަލަށް ދިގުދަންމައިލަންށެވެ. އެގޮތަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ ޕީއެންސީ މެންބަރު، އަބްދުލްހަންނާނު އަބޫބަކުރު އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ކާށިދޫ ދާއިރާގެ ޕީއެންސީ މެންބަރު، މުންތަސިމް އިބްރާހިމް އެވެ.

އޭނާ ވިދާޅުވީ އެ ބިލުގެ ދިރާސާ ކުރުމަށް ކަމާގުޅުންހުރި ވަރަށް ގިނަ ފަރާތްތަކާ އަދިވެސް ބައްދަލު ނުކުރެވި ވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އަދިވެސް ހާޒިރު ކުރަންޖެހޭ ވަރަށް ގިނަ ފަރާތްތަކެއް ހާޒިރު ނުކުރެވި ވާތީވެ އަޅުގަނޑު ހުށަހަޅަން ޖުލައި މަހުގެ ނިޔަލަށް މި މުއްދަތު އިތުރު ކުރަން،" އަބްދުލްހަންނާން ވިދާޅުވި އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ކޮމިޓީ މަސައްކަތް ދިގު ދަންމައިލަން ފާސްކުރީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހަތަރު މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލުގެ މަސައްކަތް ޖުލައި މަހުގެ ނިޔަލަށް ދިގުދަންމައިލަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީ މެންބަރު، އަބްދުލްގަފޫރު މޫސާ އެކަންޏެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން މަނާކުރަން މަޖިލީހަށް ހުށަހަޅާފައި އޮތް ބިލުގެ މަސައްކަތް ނުހިނގާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އާންމުން ނުރުހުން ފާޅު ކުރަން ފެށުމުން މި ހިނގާ ފެބްރުއަރީ މަހުގެ ނިޔަލަށް އެ ބިލުގެ ކޮމިޓީ މަސައްކަތް ނިންމަން ފާސްކުރީ މިދިޔަ ނޮވެމްބަރު 24، ގައި ބޭއްވި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގަ އެވެ.

އެ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކުރީ ވަގުތުން ވަގުތަށް ވެސް ކަމާބެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށް މައުލޫމާތު އެއް ކުރުމަށްފަހު މި އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ކޮމިޓީ މަސައްކަތް އެއްކޮށް ނިންމުމަށެވެ.

އެ ނިންމުމަށްފަހު، 241 ކޮމިޓީން ގެސްޓުހައުސް އެސޯސިއޭޝަނާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސްއާ ހަމަ އެ މަސް ތެރޭގައި ބައްދަލުކުރި އެވެ. ނަމަވެސް އެއަށްފަހު އެ ބިލުގެ އެއްވެސް މަސައްކަތެއް ކޮމިޓީގައި ނުހިނގަ އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހެއް ހުށަހަޅާފައި އޮއްވައި، އިޒްރޭލު ޕާސްޕޯޓު ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމައި ޖޫން 2، ގައި ރައީސް އޮފީހުން އެކަން އިއުލާނު ވެސް ކުރި އެވެ.

އެއަށްފަހު އެ ބިލުގެ މަސައްކަތް ލަސްވާ މައްސަލައިގައި އާންމުންގެ ނުރުހުން އަމާޒުވާން ފެށުމުން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީން އެ މަސައްކަތް އަވަސް ކުރުމަށް ގޮވާލައި އޮކްޓޯބަރު 16، ގައި ބަޔާނެއް ވެސް ނެރުނެވެ.

އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި އޮންނަތާ އަހަރެއް ވާން ކައިރިވެފައިވާއިރު، މިދިޔަ އަހަރު އެކަނިވެސް އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް 1435 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.