ޚަބަރު

މަޖިލީސް މެމްބަރުން މުއިއްޒުއާއި ދެކޮޅުވިޔަސް، މެމްބަރުން ބުނެގެން ވަޒީފާ ދީފައިވާ އެއްވެސް ފަރާތެއް، ވަޒީފާއިން ކަނޑާލާކަށް މުއިއްޒަކަށް ދެނެއް ނުކެރޭނެ!

ދިޔަވަރު
މަޖިލީސް މެމްބަރުން މުއިއްޒުއާއި ދެކޮޅުވިޔަސް، މެމްބަރުން ބުނެގެން ވަޒީފާ ދީފައިވާ އެއްވެސް ފަރާތެއް، ވަޒީފާއިން ކަނޑާލާކަށް މުއިއްޒަކަށް ދެނެއް ނުކެރޭނެ!

މަޖިލީސް މެންބަރުން ތަޅުއަޅުވައިގެން ޗެއިން ޖަހައިގެން ނުވަތަ މަތަކޮށްގެން މުއިއްޒުގެ ބާރުގެ ދަށުގައި ގެންގުޅެވޭނެކަމަށް މުއިއްޒަށް ވިސްނިފައި އޮތުމަކީ ވަރަށް ބޮޑު އޮޅުމެކެވެ.

ބިރުފަހަނައަޅާ މެންބަރުން ގޮސް، މުއިއްޒުގެ ވެރިކަން ޤާނޫނުގެ ތެރެއިން މަޖިލީހުން ނިންމާތަން ފެނުމަކީ އަދިވެސް ދުރު ކަމެއް ނޫނެވެ. މުއިއްޒުގެ މަގުބޫލުކަން 14% އިން 10% އަށް ވެއްޓިފައިވާއިރު، އޭނާއަށް ތާއީދުކުރަނީ ހަމައެކަނި ވަޒީފާގައި ތިބި މީހުންނާއި އެމީހުންގެ ބައެއް ޢާއިލާތަކެވެ. އިތުރު ތާއީދެއް ވުޖޫދުގައި ނެތެވެ. ރަށްރަށަށް އެރީމާ އެ ފެންނަނީ ވަޒީފާގައި ތިބި ފަރާތްތަކާއި މަޖުބޫރި ވެގެން ދާ ފަރާތްތައް އެކަންޏެވެ.

މުއިއްޒުގެ ވެރިކަން ދެމެހެއްޓުމަށް، މިހާރު ހަމަ އެކަނި އޮތް އާލަތަކީ ސިޔާސީ ވަޒީފާތަކެވެ. މުއިއްޒާ ދެކޮޅުވެގެން ގޮނޑިގެއްލުވާލާ، މެންބަރުގެ ފަރާތުން ވަޒީފާ ލިބިފައިވާ މީހުން ވަޒީފާއިން ވަކިކުރުމަކީ މުއިއްޒު އަށް މިއަދު ކުރެވެން އޮތް ކަމެއް ނޫނެވެ. އެއީ މުއިއްޒުގެ ސިޔާސީ އަޖަލެވެ.

ސިޔާސީ މަޤާމުތައް ފިޔަވައި އިތުރު އެއްޗެއް ދެވެން ނެތް އިރު، ބަކީ ތިބި ހުރިހާ ރައްޔިތުން ތިބީ، ތަކެތި އަގުބޮޑުވުމާއި، މުއިއްޒުގެ ނާގާބިލު ކަމުގެ ސަބަބުން އެ ރައްޔިތުން އުފުލަން ޖެހިފައިވާ ތަކުލީފުތައް ގިނަވެ، ސަރުކާރު ދެކެ، ޚާއްޞަކޮށް މުއިއްޒު ދެކެ އިންތިހާއަށް ރުޅި ގަދަވެފައެވެ.

ރަށްރަށުގައި މަޝްރޫޢުތައް ހުއްޓާލާފައިވާއިރު، އިތުރު މަޝްރޫޢުތައް ކުރިއަށް ނުގެންދިޔުމަށް މުއިއްޒު ވަނީ ނިންމާފައެވެ. އެހެންކަމުން، މުއިއްޒުގެ ވެރިކަމުގެ ސަލާމަތް އޮތީ ވަޒީފާ ތަކުގެ މައްޗަށް އެއްކޮށް ބަރޯސާވެފައެވެ. ރައްޔިތަކަށް ދޭނެ އިތުރު އެއްވެސް ޚިދުމަތެއް ސަރުކާރުގައި ނެތެވެ. ރައްޔިތުން ވެރިކަން ހަވާލުކޮށްފައި ވަނީ، އިންސާފާއި، ރައްކާތެރިކަމާއި، އިޖްތިމާޢީ، އަދި އިޤްތިޞާދީ މިނިވަން ކަން ފޯރުކޮށް ދޭނެ ކަމުގެ ޔަގީން ކަމުގެ ބަދަލުގައެވެ. ސޯޝަލް ކޮންޓްރެކްޓެއްގެ ދަށުންނެވެ. ނަމަވެސް މިފަދަ އެއްވެސް ކަމެއް ފޯރުކޮށްދިނުމުގެ ޤާބިލު ކަމެއް، މި ސަރުކާރުގައި ނެތެވެ. އެހެންކަމުން، ވަޒީފާތަކުން މީހުން ވަކި ކުރާ ހިސާބުން، މުއިއްޒުގެ ވެރިކަމާ ދެކޮޅަށް ހާހުން މަގުމައްޗަށް މީހުން ނުކުމެ އިޙްތިޖާޖުކޮށް، ރައްޔިތުންގެ ވެރިކަމެއް ގާއިމު ކުރަން މަސައްކަތް ކުރުމަކީ އުފެދިގެން ދާނެ ހާލަތެވެ. ވަޒީފާ ގެއްލުމުން، އިތުރަށް ގެއްލޭނެ އެއްޗެއް ނޯންނާނެއެވެ.

މިކަމުގެ ހެއްކެއްގެ ގޮތުގައި މިވާހަކަ ފުދޭނެއެވެ. ޢަބްދުއްރަޙީމާ ދެކޮޅުވެ، ވަޒީފާއިން ވަކިކުރަން ކެރުނީ އަދުރޭއާއި ގުޅުން އޮތް ހަތަރުވަރަކަށް ފަރާތް އެކަންޏެވެ. ސަރުކާރުގައި މިހާރުވެސް ތިބި %30 ސިޔާސީ މީހުންނަކީ ޢަބްދުއްރަޙީމާއި ސީދާ ގުޅުން އޮތް އޭނާގެ މީހުންނެވެ. މުއިއްޒަށް އެއިން އެއްވެސް މީހަކު ވަޒީފާއިން ވަކިކުރަން ނުކެރުނު ތާގައި، ޢަބްދުއްރަޙީމުވެސް މަޖިލީހުގެ ރައީސްކަމުން ދުރުކުރަން ނުކެރުނެވެ. ނުވެސް ކެރޭނެއެވެ.

ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަޙްމަދު ޢަޒާން މަރުޒޫގާމެދު އަޅާނެ ފިޔަވަޅެއް ނޭނގި މުއިއްޒު ވަނީ ހަދާނެ ގޮތް ބޮޑުވެ ކަންބޮޑުވެފައެވެ. އެދާއިރާއަށް މުއިއްޒުގެ ފަރާތުން ނުކުންނާނެ ކެންޑިޑޭޓެއް ނުވެގެން މުއިއްޒު ވަނީ ރޭގައި އެރަށަށް ބަޔަކު ފޮނުވާފައެވެ. މިއީ މުއިއްޒުގެ ބަލިކަށިކަން ހުރި މިންވަރެވެ. ޖެހިލުންވާ މިންވަރެވެ. ވެރިކަން ބިކަވެ، ބާރުތައް ކަމީނާ ވެފައިވާ މިންވަރެވެ.

ޕީއެންސީގެ ކޮންމެ މެންބަރަކު ވަކިކުރިޔަސް އެނބުރި މަޖިލީހަށް އަންނާނީ ކުރިއަށް ވުރެ ގަދަކޮށް ކަން މުއިއްޒަށް އެނގެއެވެ. އެމްޑީޕީއިން ކެންޑިޑޭޓަކު ނުނެރޭނެއެވެ. އެމްޑީޕީގެ ވޯޓާއި، ޕީއެންސީގެ ލޯތްބާއި އެކު އެ މެމްބަރަކު ހޮވޭނެ ކަމާއި މެދު ޝައްކެއް ނެތެވެ. މުއިއްޒަށް ތާޢީދެއް ނެތް އިރު، އާ އިންތިޚާބެއް ބާއްވައިގެން މަޖިލީހަށް އާ މެމްބަރަކު ދެނެއް މުއިއްޒަށް ނުގެނެވޭނެ ކަން މުއިއްޒަށް ސާފުކޮށް އެނގެއެވެ. މުއިއްޒު ވަކިކުރާ ކޮންމެ މެންބަރަކު އެމްޑީޕީ ވޯޓާއި، ޕީއެންސީ އާންމު މެންބަރުންގެ ލޯތްބާއި އެކު، ބޮޑު އަޣުލަބިއްޔަތަކުން ހޮވިގެން މަޖިލީހަށް އައިސް މުއިއްޒަށް ކޮށްލާނެވަރުވެސް މުއިއްޒަކަށް ނޯޅެއެވެ.

މުއިއްޒަކީ އެކަނިވެރިއެކެވެ. ރާއްޖޭގައި މިވަގުތު ހުރި އެންމެ ބޮޑު އެކަނިވެރި، އެންމެ ގިނަ ދުޝްމިނުން ކައިރީގައި ހުރި މީހާއެވެ. ސިޔާސީ މަޤާމުތަކުން މީހުން ވަކި ކޮށްލާއިރަށް ނުވެސް އެނގި ހުއްޓާ ވެއްޓޭނީ މުއިއްޒުގެ ވެރިކަމެވެ. އެހެން ކަމުން އެކަކުވެސް ވަޒީފާއިން ވަކި ކުރަން މުއިއްޒަށް ނުކެރޭނެއެވެ. އެއްކަލަ "ވަކި ކުރި" ކަމަށް ބުނެ ޓްވީޓް ކުރި، 228 މީހުންގެ ނަންވެސް އެ އުޅެނީ އަދިވެސް ހާމަ ނުކުރެވިގެން ނޫންތޯއެވެ.

ރަންނަމާރި އޮތީ ފުޅީގައެވެ. ސައިޒުގައެވެ. މާކަނޑުން ދިއްލިގެން އަރާ މާ ވަރުގަދަ ފުރޭތައެއްހެން ސިފަވެގެން ތިއުޅެނީ ހިޔަންޏަށް މުޑިނަގާހެންނެވެ. ވެރިކަން މިދަނީ ނިމޭށެވެ.