ރައީސް ސާލިހުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޢިމާރާތްކޮށްފައިވާ ހަތަރުހާސް ފްލެޓުގެ ތެރެއިން ޝަރުތުހަމަވެ ފްލެޓު ލިބެނީ އެންމެ 1820 މީހުންނަށްކަމަށް ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ކުރީ ސަރުކާރުން ޢާންމުކުރި 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކުރުމުގެ ކުރިން ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މުއްޠަލިބު މިއަދު އިއުލާންކުރި ލިސްޓުން އެނގޭ ގޮތުގައި, ރައީސް ސާލިހުގެ ސަރުކާރުން އެކުލަވާލާފައިވާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެކަމަށް ކަނޑައެޅި 4000 މީހުންގެ ތެރެއިން 2180 މީހުންގެ ހައްގުތައް މިސަރުކާރުން ވަނީ ނިގުޅައިގެންފައެވެ. މި ސަރުކާރުން ކަނޑައަޅާފައިވަނީ އެ ފަރާތްތަކަކީ ފްލެޓް ހައްގު ނުވާ ފަރާތްތައް ކަމުގައެވެ.
މުއްޠަލިބު ވިދާޅުވީ އެންމެ އިސްކަންދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތާއި އޭސީސީގެ ތަހުގީގަށް ރިޔާއަތްކޮށް 15 ނޮވެމްބަރު 2023ގައި ގެޒެޓުކުރި ލިސްޓު ވެރިފައިކުރުމަށްކަމަށެވެ. މި ވެރިފިކޭޝަން ކުރިއަށްގެންދިޔައީ 26 ޖޫން 2022ގައި ޢާންމުކޮށް ގެޒެޓުކުރި ގެދޮރުވެރިޔާ އުސޫލަށާއި، ގެދޮރުވެރިޔާ ޕޯޓަލްގައި ހިމަނާފައިވާ އިރުޝާދުތަކަށް މައިގަނޑުގޮތެއްގައި ބަލައިގެންކަމަށް ވަޒީރު ވިދާޅުވިއެވެ.
އޭރުގެ ސަރުކާރުން އިއުލާންކުރީ 3 ކޮޓަރިނަމަ 76 ޕޮއިންޓު ލިބުނު މީހުންނަށް ފްލެޓު ލިބޭނެކަމަށެވެ. އަދި ބާކީ 3 ކޮޓަރީގެ ފްލެޓުތައް ގުރުއަތަކަށް ދިއުމަށެވެ. އެގޮތުން 75 ޕޮއިންޓަށްވުރެ މަތިން ފްލެޓު ލިބޭނެކަމަށް އެ ލިސްޓުގައި ހިމަނާފައިވަނީ 3721 މީހުންކަމަށާއި، ނަމަވެސް 3 ކޮޓަރީގައި ޢިމާރާތްކުރަމުންދަނީ 2750 ފްލެޓުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އޭރުގެ ސަރުކާރުން އިއުލާންކުރީ 2 ކޮޓަރިނަމަ 73 ޕޮއިންޓު ލިބުނު މީހުންނަށް ފްލެޓު ލިބޭނެކަމަށެވެ. އެ މިންވަރަށް ޕޮއިންޓު ލިބިފައިވާ 1218 މީހުން ލިސްޓުގައިވެއެވެ. ނަމަވެސް ޢިމާރާތްކުރަމުންދަނީ 2 ކޮޓަރީގެ 1250 ފްލެޓެވެ. އެހެންކަމުން ވެރިފައިކުރި ލިސްޓުގައި ހިމެނެނީ ޖުމްލަ 4930 މީހުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާލުވީ ވެރިފިކޭޝަން މަރުހަލާއަށްފަހު ނަތީޖާއަށް ބަލާއިރު 3 ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3721 މީހުންގެތެރެއިން ޝަރުތު ހަމަވެ 75 ޕޮއިންޓު ލިބިފައިވަނީ 1423 މީހުންނަށްކަމަށެވެ. އަދި 2 ކޮޓަރީގެ ލިސްޓުގައިވާ 1218 މީހުންގެ ތެރެއިން ޝަރުތުހަމަވެ 73 ޕޮއިންޓުލިބިފައިވަނީ 397 މީހުންނަށްކަމަށެވެ.
ވެރިކަމަށް ވަޑައިގެންނެވުމަށް މުއިއްޒު ކުރެއްވި ކެމްޕޭންގައި, ފްލެޓެއް ވިޔަސް އަދި ގޮވައްޗެއް ކަމުގައިވި ނަމަވެސް, އެފަރާތަކަށް ލިބިފައިވާ އެއްވެސް ގޮވައްޗެއް އަދި ފްލެޓެއްވެސް އަތުނުލާނެކަމަށް ވައުދު ވުމަށްފަހު, އެފަރާތްތަކުގެ ހައްގުތައް ދޮޅު އަހަރުވަންދެން ހިފަހައްޓާ, އަދި ލިސް އާންމު ކުރިއިރު މުއިއްޒު މިވަނީ އޭގެ ތެރެއިން ގިނަ ބައެއްގެ އަސާސީ ހައްގުތައް ނިގުޅައިގެންފައެވެ.
މުއިއްޒު ގެންދަވަނީ, ރިޔާސީ އިންތިޚާބުގައި ވީ ރިޔާސީ ވައުދުތަކަށް ޚިޔާނާތްތެރިވެ, ރައްޔިތުންނަށް ހީލަތާއި ދޮގާއި މަކަރު ހައްދަވަމުންނެވެ.