ޚަބަރު

އުމުރު ދުވަހު ކުރި އުއްމީދަށްފަހު ލިބު ފްލެޓް މުއިއްޒު ފޭރިގަތީ އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނެތި?

ދިޔަވަރު
އުމުރު ދުވަހު ކުރި އުއްމީދަށްފަހު ލިބު ފްލެޓް މުއިއްޒު ފޭރިގަތީ އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނެތި?

ފަހުގެ ޒަމާންތަކުގައި، ރާއްޖެއަށް ކުރިމަތިވެގެންދިޔަ، އިޖުތިމާޢީ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. އުޅޭނެ ގެދޮރުނެތި، އެތައްބަޔަކު ތޮށްޖެހިފައިވާ ތަންތަނުގައި އުޅެންޖެހުމުގެ ނަތީއެއްގެ ގޮތުން، އިޖުތިމާއީ އެތަކެއް މައްސަލަތަކެއް ނިކުތުމުގެ އިތުރުން، އާއިލާތައް ރޫޅި ޒުވާން އުމުރުގައި މުޅިހަޔާތް ބަރުބާދު ވެގެން ގޮސްފައިވަނީވެސް މަދު ޒުވާނުންނެއްގެއެއް ނޫނެވެ.

ހަގީގަތުގައިވެސް، ގައުމީ ނަޒަރިއްޔާތަކުން ވިސްނާނަމަ، މިއަދު ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ގައުމީ އެންމެ ބޮޑު ކާރިސާއަކީ ބޯހިޔާވަހިކަމުގެ މައްސަައެވެ.

އާގާނޫނު އަސާސީ ބަލައިގަނެ، މަލްޓި ޕާޓީ ޑިމޮކްރަސީ ރާއްޖެއަށް ތައާރަފް ވެދިއުމަށްފަހު، ވެރިކަމަށް އައި ކޮންމެ ސަރުކާރެއްގެވެސް އެންމެ ބޮޑު އަމާޒަކަށް ވެގެންދިޔައީ ރައްޔިތުންނަށް ކުރިމަތިވެފައިވާ، ބޯހިޔާވަހި ކަމުގެ މައްސަލަ ހައްލު ކޮށްދޭނެކަމުގެ ވައުދުތަކާއެކު ވެރިކަމަށް އައުމެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ވެސް އެންމެ ބޮޑު އެއްވައުދަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމެވެ. ރައީސް މައުމޫނުގައު ވެރިކަމުގެ ދިގު ޒަމާޏުގައި، ބޮއްސުންލާފައި އޮތް ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ހައްލު ހޯދާދިނުމުގެ ވައުދުތަކެވެ. އެހެންނަމަވެސް، މައްސަލައަށް ހައްލެއް ނުގެނެވި ވަނިކޮށް އެސަރުކާރު ބަދަލު ވެއްޖެއެވެ.

އިންތިޚާބު ވެގެން ނޫންނަމަވެސް، ދެން ވެރިކަމަށް އައީ ރައީސް ވަހީދުގެ ސަރުކާރެވެ. އޭރު ކުރިޔަށް އޮތް އިންތިޚާބަށް އަމާޒުކޮށް، ރައީސް ވަހީދުވެސް ބޯހިޔާވަހި ކަމުގެ އެތަކެއް ވައުދުތަކެއް ވެވަޑައިގެން، އެވައުދުތައް ފުއްދަވާ ދެއްވާނެކަމުގެ އެތަކެއް ހުވަފެނެއް ރައްޔިތުންނަށް ދެއްކެވިއެވެ. ވައުދު ވަމުން ގެންދަވަނިކޮށް އެވެރިކަންވެސް ނިމިގެން ދިޔައީއެވެ.

އެއަށްފަހު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމިނެވެ. އެމަނިކްފާނުވެސް ވެރިކަމަށް ވަޑައިގެންނެވީ، ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ކާރިސާއިން ދިވެހި ރައްޔިތުން މިންޖު ކޮށްދެއްވާނެކަމުގެ ފޮނި ވައުދުތަކާ އެކީގައެވެ.

ތެދުފުޅެކެވެ. ރައީސް ޔާމިނުގެ އުމްރާނީ ތަރައްގީގެ މައިގަޑު ދެ ނާރެހެއްގެ ގޮތުގައި ފެނިގެން ދިޔައީ، ސިނަމާކެ ބުރިޖާ އަދި 7،000 ޔުނިޓްގެ ހިޔާ ފްލެޓެވެ. ޗައިނާ ސަރުކާރުގެ އެހީގައި އެ ސަރުކާރުން އެޅި މިފްލެޓްތައް އިމާރާތްކޮށް ނުނިމެނީސް އެސަރުކާރުވެސް ބަދަލު ވެއްޖެއެވެ. އެހެންނަމަވެސް، ކޮތަރު ކޮށިތަކުގެ ނަމުން އޭރުގެ އިދިކޮޅު ފަރާތްތަކުން، މަޝްހޫރު ކުރި މިފްލެޓްތަކަށް މީހުންނަށް ވަދެވޭވަރު ނުވި ނަމަވެސް، އެ ވެރިކަން ނިމިގެން ދިޔައިރު ފްލެޓްތަކަށް ވަދެވޭނެކަމުގެ ހަގީގީ މަންޒަރުތައް ފެންނާނޭ މިންވަރަށް ބިމުން މައްޗަށް އިމާރާތްތައް ހިއްލިގެން ދިޔައެވެ.

ދެން އައީ ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ދައުރެވެ. ވެރިކަމަށް ވަޑައިގެންނެވީ ހަމަ ބޯހިޔާވަހި ކަމުގެ ވައުދުތަކާއެކީގައެވެ. އެތައްބައެއް އުއްމީދުތަކުގައި ހަގީގީ ކުލަ ޖައްސަވާ ދެއްވާނޭކަމުގެ ވައުދުތަކާ އެކީގައެވެ. ރައީސް ސާލިހުގެ ވެރިކަން ނިމިގެންދިޔައިރު ފްލެޓް އަޅުއްވާ, ފެލެޓް ލިސްޓުތައްވެސް އެކުލަވާލެއްވިއެވެ.

އެހެންނަމަވެސް, މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, މިހާތަނަށް އެންމެ ދޮޅު އަހަރު ފުރިގެންދާއިރު, މިހާތަނަށް ފްލެޓެއް އެޅުމަށް އެންމެ ގާކޮޅެއްވެސް ބޭއްވިފައި ނުވާއިރު, މުއިއްޒުވަނީ ރައީސް ސާލިހު ދިން ފްލެޓްތައް އޭގެ ހައްގުވެރިންގެ ކިބައިން ނުގުޅައިގެންފައެވެ.

ރައީސް ސާލިހުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޢިމާރާތްކޮށްފައިވާ ހަތަރުހާސް ފްލެޓުގެ ތެރެއިން ޝަރުތުހަމަވެ ފްލެޓު ލިބޭނެކަމަށް މިސަރުކާރުން ނިންމާފައިވަނީ އެންމެ 1820 މީހުންނަށެވެ.

މި ސަރުކާރުން އިއްޔެ އިއުލާންކުރި ލިސްޓުން އެނގޭ ގޮތުގައި, ރައީސް ސާލިހުގެ ސަރުކާރުން އެކުލަވާލާފައިވާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެކަމަށް ކަނޑައެޅި 4000 މީހުންގެ ތެރެއިން 2180 މީހުންގެ ހައްގުތައް މިސަރުކާރުން ވަނީ ނިގުޅައިގެންފައެވެ. މި ސަރުކާރުން ކަނޑައަޅާފައިވަނީ އެ ފަރާތްތަކަކީ ފްލެޓް ހައްގު ނުވާ ފަރާތްތައް ކަމުގައެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށް މުއިއްޒު ކުރެއްވި ކެމްޕޭންގައި, ފްލެޓެއް ވިޔަސް އަދި ގޮވައްޗެއް ކަމުގައިވި ނަމަވެސް, އެފަރާތަކަށް ލިބިފައިވާ އެއްވެސް ގޮވައްޗެއް އަދި ފްލެޓެއްވެސް އަތުނުލާނެކަމަށް ވައުދު ވުމަށްފަހު, އެފަރާތްތަކުގެ ހައްގުތައް ދޮޅު އަހަރުވަންދެން ހިފަހައްޓާ, އަދި ލިސް އާންމު ކުރިއިރު މުއިއްޒު މިވަނީ އޭގެ ތެރެއިން ގިނަ ބައެއްގެ އަސާސީ ހައްގުތައް ނިގުޅައިގެންފައެވެ.

ހަގީގަތުގައިވެސް މުއިއްޒުއަކީ އެއްވެސް ހަމްދަރުދީއެއް ނެތް ރައީސެކެވެ. 2180 މީހުންގެ އަސަސީ ހައްގުތައް މުއިއްޒު ނިގުޅައިގަތީ އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނެތިއެވެ.

މުއިއްޒު ގެންދަވަނީ, ރިޔާސީ އިންތިޚާބުގައި ވީ ރިޔާސީ ވައުދުތަކަށް ޚިޔާނާތްތެރިވެ, ރައްޔިތުންނަށް ހީލަތާއި ދޮގާއި މަކަރު ހައްދަވަމުންނެވެ.