އިންޑިޔާގެ އެހީ އާއި ނުލައި އުޅޭވޭނެ ކަމަށް ދެކުނު ސަރުކާރުން ގއ. ގެމަނަފުށީގައި 100 ޓަނުގެ ގަނޑުފެން ރައްކާ ކުރެވޭ އައިސް ޕްލާންޓެއް އިންޑިޔާގެ އެހީގައި އަޅައިފިއެވެ. ގއ. ގެމަނަފުށީގައި ތަރައްގީ ކުރި އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނެސް މަސްވެރިންނަށް އައިސް ދޫކުރަން ފެށި އިއްޔެއެވެ.
ގެމަނަފުށީގައި ގާއިމްކުރި އައިސް ޕްލާންޓް ހުޅުއްވައިދެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމާއި، މިފްކޯގެ ސީއީއޯ ޑރ. ވިތާލީ ލުބިމޯފްއެވެ.
އައިސް ޕްލާންޓުގެ އޮޕަރޭޝަން ފަށްޓަވައިދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބާލަސުބްރަމާނިއަން އެވެ. އިންޑިއާގެ އެގްޒިމް ބޭންކްގް ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ތަރައްގީކުރި މި އައިސް ޕްލާންޓް ދިވެހި ސަރުކާރާއި ރަސްމީކޮށް ހަވާލުކުރީ މިއަދު ގެމަނަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ގެމަނަފުށީގައި އައިސް ޕްލާންޓް ތަރައްގީކުރުމުމުގެ މަޝްރޫއުގެ މަސައްކަތް ކުރީ އިންޑިއާގެ ރައިނެކް ކުންފުނިންނެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 18 ޖެނުއަރީ 2023 ގައެވެ. މިއީ، 1.3މިލިއަން ޑޮލަރު ނުވަތަ 20މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ގެމަނަފުށީގައި އަލަށް ގާއިމްކުރި މި އައިސް ޕްލާންޓުން ދުވާލެއްގެ މައްޗަށް 50 ޓަނުގެ ބްލޮކް އައިސް އުފެއްދޭނެއެވެ. އަދި 100 ޓަނުގެ އައިސް ރައްކާކުރެވޭނެއެވެ. މި އައިސް ޕްލާންޓް ހިންގަނީ މިފްކޯއިންނެވެ. ގެމަނަފުށީ އައިސް ޕްލާންޓުން އިއްޔެ އައިސްދޫކުރީ ހިލެއެވެ.