ޚަބަރު

ރޯދަ މަހުގެ ޚިތާބުގައި މުއިއްޒު ގޮވާލެއްވީ، ދޮގާއި ފިތުނަ ފަތުރާ (އެމަނިކުފާނު ފަދަ) މީހުންނާއި ދުރުވުމަށް! ދިވެހި ރައްޔިތުން ރައީސް މުއިއްޒަށް މިހާރު މުހާތަބު ކުރަނީ ކައްޒާބުގެ ނަމުން!

ދިޔަވަރު
ރޯދަ މަހުގެ ޚިތާބުގައި މުއިއްޒު ގޮވާލެއްވީ، ދޮގާއި ފިތުނަ ފަތުރާ (އެމަނިކުފާނު ފަދަ) މީހުންނާއި ދުރުވުމަށް! ދިވެހި ރައްޔިތުން ރައީސް މުއިއްޒަށް މިހާރު މުހާތަބު ކުރަނީ ކައްޒާބުގެ ނަމުން!

ދޮގާއި ފިތުނަ ފަތުރަން މަސައްކަތްކުރާ ކޮންމެ ބަޔަކާ ދުުރެހިލާވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ގޮވާލައްވައިފި އެވެ. ރޯދަމަހުގެ ޚިތާބުގައި ރައީސް މިގޮތަށް ގޮވާލެއްވި އިރު އެމަނިކުފާނުގެ އަރިސް ބައެއް މިނިސްޓަރުންނާއި، މަޖިލީސް މެމްބަރުން ހިމެނޭހެން އަދި ގިނަ ރައްޔިތުން ހިމެނޭހެން މުއިއްޒު ނަން ކިޔުމުގެ ބަދަލުގައި އެކަކު އަނެކަކަށް އެއީ ކައްޒާބު ކަމަށް ބުނެ ދަނީ މުހާތަބު ކުރަމުންނެވެ. ކައްޒާބުގެ މާނަ އަކީ ދޮގު ހަދާ މީހާއެވެ. ކައްޒާބުގެ ނަން ރައީސް މުއިއްޒަށް ހަރުލާފައި ވަނީ އެމަނިކުފާނު ކުޑަ ބޮޑު ހުރިހާ ކަމެއްގައި ތަންމިނަށް މުތުލަގަށް ދޮގު ހަދަމުން ދާތީއެވެ.

"ދޮގާއި ފިތުނަ ފަތުރަން މަސައްކަތްކުރާ ކޮންމެ ބަޔަކާ ދުރުހެލިވެ، ހުލްގު ހެޔޮ އިންސާނެއްގެ ގޮތުގައި ކާމިޔާބު ހަޔާތެއް އުޅުމުގެ ޢަޒުމު މި މަހު އައުކުރަމާތޯ،" މީލާދީ އަހަރުގަ ވެސް ދެއްވި ފުރަތަމަ ހިތާބުގައި ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ނުރަނގަޅު ސިފަތަކުން ދުރުވެ ރަނގަޅު އަމަލުތައް ގިނަކުރުމަށް، އެފަދަ އެތައް މިސާލެއް ދައްކަވަމުން ރައީސް ވަނީ ތަކުރާރުކޮށް ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.

"މި ފަދަ ކޮންމެ ރޯދަ މަހެއްގައި ވެސް އަޅުގަނޑުމެން ޔަގީން ކުރަންވީ އެއް ކަމަކީ، ދިވެހީންގެ ސިލްމާއި ސަލާމަތާއި ކާމިޔާބު ގުޅިފައިވަނީ، މާތްވެގެންވާ އިސްލާމް ދީނާ ކަން. ތިރި ޖަޒީރާ ރަށްތަކެއްގައި އާބާދުވެ ދިރިއުޅެމުންދާ މި ޤައުމުގެ ރައްޔިތުންނަށް ﷲ ދެއްވި ނިއުމަތްތަކާއި، އަމާންކަމާއި، ރަހުމަތުގެ ބޮޑުކަން،" ރައީސް އޮފީހުން އާންމުކޮށްފައިވާ ހިތާބުގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ނަމަވެސް ރައީސް މުއިއްޒު ދަނީ މި ޤައުމަށް މާތް ﷲ ދެއްވާފައިވާ ނިއުމަތްތައް މުސްލިމު ރައްޔިތުންނަށް ދިނުމުގެ ޒިންމާއާއި ހަވާލުވެ ހުރެ، އެކަމަށް ޚިޔާނާތްތެރިވެ، ރައްޔިތުންގެ މުދަލުން އިންތިހާއަށް ވައްކަން ކުރަމުންނެވެ.

މީގެ އިތުރުން، މުސްލިމު އުންމަތުގެ ތެރެއިން ހާލުގައި ދިރިއުޅެމުންދާ އެންމެންގެ ހަނދާން އާކޮށް އެ މީހުންގެ ހާލަތު ރަނގަޅު ވުމަށް އެދި ދުއާ ކުރުމަށް ވެސް ރައީސް އިލްތިމާސްކުރައްވާފައިވެ އެވެ. ހާއްސަކޮށް ފަލަސްތީނުގެ އަހުންނާއި އުހުތުން ފާހަގަކުރެއްވި އެވެ. ނަމަވެސް ފަލަސްތީނުގެ ރައްޔިތުންގެ ޕާސްޕޯޓް މަނާ ކުރާނެ ކަމަށް ވިދާޅުވެ އެކަމުގައިވެސް ހެއްދެވީ ތަންމިނަށް ދޮގެވެ. ދޮގާއި ފިތުނައާއި، އަނިޔާވެރިކަމުގައި ރައީސް މުއިއްޒުގެ ފަރާތުން މިސާލު ލިބި މި ވަބާ ވަނީ މިހާރު ޕީއެންސީގެ އިސްވެރިންގެ މެދުގައިވެސް އިންތިހާއަށް ފެތުރިފައެވެ.

ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން މަޖިލީސް މެމްބަރުންނާއި، އެމަނިކުފާނަށް ލޯޔަލް މަދު ކެބިނެޓް މެމްބަރުންވެސް އެމަނިކުފާނާއި ތާއަބަދަށް އަލްވަދާޢު ކިޔައި ދުރަށް ޖެހިވަޑައިގަތުމަށް ދިޔަވަރު ނޫހުން އެދެމެވެ. ހަމަ ޔަގީނުންވެސް ރައްޔިތުން ތިބީ ރައީސް މުއިއްޒުއާއި ވީހާވެސް ދުރުގައެވެ.

މި ރަމަޟާން މަސް ވެގެން ދާނީ ރައީސް މުއިއްޒުގެ އަނިޔާވެރި ކަމުން ސަލާމަތް ކުރުމަށް އެތައް ހާސް ދިވެހިންނެއް ނަމާދުގައި ﷲ އަށް ދުޢާ ކުރާނެ މައްސަރަކަށެވެ.