ޚަބަރު

މިއީ ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު ދިވެހިންނާއި ކުރިމަތިވި އެންމެ ދަތި ރޯދަމަސް! ރައްޔިތުންނަށް ޓަކައި މުއިއްޒު މިހިނދުން މިހިނދަށް އިސްތިއުފާ ދޭން ޖެހޭ!

ދިޔަވަރު
މިއީ ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު ދިވެހިންނާއި ކުރިމަތިވި އެންމެ ދަތި ރޯދަމަސް! ރައްޔިތުންނަށް ޓަކައި މުއިއްޒު މިހިނދުން މިހިނދަށް އިސްތިއުފާ ދޭން ޖެހޭ!

މިއީ ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު ދިވެހިންނާއި ކުރިމަތިވި އެންމެ ދަތި ރޯދަމަހެވެ. އަތްމަތި ދަތިވެ ވިޔަފާރިތައް ހަލާކުވެ، އާންމު ރައްޔިތުން ތިބީ އިންތިހާއަށް ހާސް ކަމުގައެވެ. އިންތިހާއަށް ފަގީރު ކަމުގައެވެ. އަމިއްލަ އަތުން ފައިން މަސައްކަތެއް ކުރިއްޔާ ކުރި ބަޔަކު ތިބީ ހާލުގައެވެ. ކުދި އަދި މެދު ފަންތީގެ ހުރިހާ ވިޔަފާރިއެއްހެން ތިބީ ސަރުކާރުން ލިބެން ޖެހޭ ފައިސާ ނުލިބި މުސާރަ ނުދެވި، ނުކައި ނުބޮއެއެވެ. ސަރުކާރަށް ބަރޯސާ ނުވާ، ފިހާރަތައް ބަންދުކޮށް ތިބީ ދޮރު ލައްޕާ ހިސާބުގައެވެ. އާންމު ވިޔަފާރިތައް ނުހިނގައެވެ. މީހުން ކޮންމެހެން ކުރަންޖެހޭ ޚަރަދު ފިޔަވައި އިތުރު ޚަރަދެއް ނުކުރެއެވެ. ސަރުކާރަށް ވަންނަ ޖީއެސްޓީ މަދުވެފައި ވަނީ އެހެންވެއެވެ. ރައްޔިތުންނަށް މި ހުރިހާ ހާލެއް ޖައްސަމުން ދަނީ މުއިއްޒުގެ އަނިޔާވެރި ސަރުކާރުންނެވެ.

މާލޭގައި ރޭގަނޑު ޓެކްސީ އަށް އަރާ މީހުން މަދުވެއްޖެއެވެ. ސިނގިރެޓް ގަންނަން ނުލިބިގެން އެއަށް ސަލާން ޖަހާ މީހުންނާއި، ސިނގިރެޓު ބަޓު ހޮވައިގެން އެ ބޯ ޒުވާނުން އިންތިހާއަށް އިތުރު ކޮށްފިއެވެ.

ރިސޯޓެއްގެ ލޯންޗެއްގައި ކައްޕި އަކަށް މަސައްކަތްކުރާ ހަސަން އާދަމް ބުނީ ރައްޓެހިންގެ އަތުގައި ކޮފީ ބޯލާނެ ވަރުވެސް މިހާރު ނުހުންނަ ކަމަށާއި، މީހުންގެ އަތްމަތި ވަރަށް ދަތިކަން ކެފޭ އަކަށް ވަނަސް ފާހަގަ ކުރެވޭ ކަމަށެވެ.

ވިޔަފާރި ދަށްވެފައި، ވާ ވާހަކަ ދައްކަނީ އިހުސާން ފިހާރަ ހިންގަވާ އަހްމަދު ނިހާދު އެކަންޏެއް ނޫނެވެ. ޓުއަރިޒަމް އާމްދަނީ މަދުވެ، އަދި ޑޮލަރު ވިއްކަން ރިސޯޓުތަކަށް މުއިއްޒު މަޖުބޫރު ކުރުމުން އާންމުންނަށް ލިބޭ ޑޮލަރު މަދުވެ، އޭގެ އަސަރުވެސް ވިޔަފާރިތަކަށް ކުރަމުންދެއެވެ. ކެޔޮޅުން މަހަށް ނުގޮސް ކަންބޮޑުވެފައި ތިބެނީ މަހުގެ އަގު ސަރުކާރުން ވައްޓާލާފައިވާ ވަރު ބޮޑު ކަމުން، މަސްވެރިކަމުން ދެކޮޅު ނުޖެހި ހަރަދު ނުޗަލާ ހިސާބަށް ހާލަތު ގޮސްގެން ކަމަށް ކެޔޮޅަކު ކިޔައި ދިނެވެ.

ސަރުކާރުން އެއްވެސް އާ ޕްރޮޖެކްޓެއް ނުހިންގާތީ، އިތުރަށް ޤައުމަށް ދަނީ ތަދުމަޑުކަން އިތުރުވަމުންނެވެ. ސަރުކާރުން ޕްރޮޖެކްޓް ހިންގާނެ ކަމަށް ބުނެ، ރަށްރަށަށް ޒިޔާރަތް ކޮށް އެ ރައްޔިތުންނަށް ދޮގު މައްޗަށް މުއިއްޒު ދޮގު ހަދަމުން ދާއިރު، ލަދުވެތި ކަމުގެ ޒައްރެއްގެ މިންވަރުވެސް އޭނާގެ ކިބައިން ނުފެނެއެވެ.

ޕްރޮޖެކްޓްތައް ހިނގާ އިރު، ރަށުގެ އިޤްތިޞާދަށް ދިރުން އާދެއެވެ. މިސާލަކަށް، ރަށެއްގައި ނަރުދަމައެއް އެޅިއަސް، އެ ޕްރޮޖެކްޓް ކުރިއަށްދާ ދުވަސްވަރު ރަށަށް އެކަމުން އާމްދަނީ ވަދެ އެވެ. އިގުތިސާދުގެ ތެރޭގައި އާންމުކޮށް އެނބުރެމުންދިޔަ ފައިސާ ވަރަށް ބޮޑުތަނުން މިއަދު މަދުވެއްޖެއެވެ. އެކަން ވިޔަފާރިތަކުން އެ ފެންނަނީ މީހުންގެ އަތްމަތި ދަތިވުމުންނެވެ.

މި ހުރިހާ ކަމެއް ހުރި އިރު، ތަކެތީގެ އަގުވެސް ދަނީ ބޮޑު ވަމުންނެވެ. ތަކެތީގެ އަގު ބޮޑުވަމުން ދާ އެންމެ ބޮޑު ސަބަބަކީ ޑޮލަރުގެ އަގު މަތިވުމެވެ. މިކަމަށް ހައްލު ހޯދައި ދޭނެ ކަމުގެ ވައުދު ވެ ވަޑައިގެން ވެރިކަމަށް މުއިއްޒު އައިސް، 16ރ އަށް ހުރި ޑޮލަރު 20ރ އަށް އަރުވާލީ އެންމެ އަހަރެއް ތެރޭގައެވެ.

ކަދުރު ކޮޅަކާއި، ހުސް ރޮށްޓަކުން ރޯދަ ވީއްލާ އާއިލާތައް މިއަދު މާލޭގައި އެބަހުއްޓެވެ. ބައެއް ފަރާތްތައް މާލެ ދޫކޮށް، ރަށަށް ބަދަލުވަނީ މިހާލަތަށް ގޮސްގެންނެވެ. ދަރިންނަށް ކިޔަވައި ދިނުމުގެ ފޮނި އުންމީދުގައި މާލެ އަށް ބަދަލުވުމަށްފަހު، ދެކޮޅު ނުޖެހިގެން ރަށަށް ބަދަލުވާން މަޖުބޫރުވެފައި ވަނީ މުއިއްޒުގެ އިސްރާފު ބޮޑު، ވައްކަމާއި ކޮރަޕްޝަނުން މުއްސަނދިވެ، އާންމު ރައްޔިތު މީހާ ނިކަމެތި ކުރާ ސަރުކާރުގެ ސަބަބުންނެވެ.

ހެޔޮ ނުވާނެއެވެ. މުއިއްޒުގެ ނާޤާބިލު ކަމުގެ އަގު މުޅި ދިވެހި ޤައުމު ދައްކަން ކުރިމަތި ކުރުވާފައިވާ މަޖުބޫރު ކަމަކީ ހާދަ ބޮޑު އަނިޔާވެރި ކަމެކެވެ. ހާދަ ބޮޑު ހިތްދަތި ކަމެކެވެ. ރައްޔިތުން ފަގީރުވެ، ތަކެތީގެ އަގު މައްޗަށް ގޮސް، ސަރުކާރުން މުޅި އިޤްތިޞާދު އެފުށުން މިފުށަށް އެ ޖަހާލީ ހާދަހާވާ އަނިޔާވެރިކަން ބޮޑުވީމައެވެ. މުއިއްޒު އިސްތިއުފާ ދޭން ޖެހެއޭ ބުނާއިރަށް، މަޔަކަށް ބަފަޔަކަށް ނެތް ކުލުނެއް، މުއިއްޒުގެ ފަރާތުން ރައްޔިތަކަށް ނުހުންނާނެއޭ ރައްޔިތު މީހާއަށް ބުނަން ކެރޭނީ އެމީހާގެ ހާލަތާއި މުއިއްޒުގެ ހިތުގައި އެއްވެސް ހަމްދަރުދީއެއް ނޯންނާނެ ކަން ޔަގީން ވާތީއެވެ. އެހެން ނޫންނަމަ، ދިވެހި ޤައުމަށް ޖެހިފައިވާ މުސީބާތެއް ގޮތުގައި ވެގެން މުއިއްޒު ނުހުންނާނެއެވެ.