ރާއްޖޭގެ ކަނޑުގައި އަވަށްޓެރި ޤައުމުތަކަށް ޖާސޫސު ކުރުމަށް އާލާތްތައް ހަރުކުރުމަށް މުއިއްޒު 19 ފެބްރުއަރީ 2025 ގައި ވެފައިވާ އެއްބަސް ވުމުގައި ރާއްޖޭގެ ފަރާތުން ސޮއެކުރަން އެއްބަސްވީ މިކަމުން ކޮރަޕްޝަނުގެ ގޮތުގައި 100 މިލިއަނެއްހާ ޑޮލަރު މުއިއްޒަށް ލިބޭގޮތަށް ކަމަށް ރައީސް އޮފީހުގައި އުޅުއްވާ މުއިއްޒު އާއި ތިމާގެ ބޭފުޅަކު، ޗައިނާ އާއި ރާއްޖޭގެ ގުޅުން ރަނގަޅު ކަން ހާމަކޮށް، ޗައިނާއިން މުއިއްޒުގެ ވެރިކަން ދަމަހައްޓާނެ ކަމަށް ބުނެ ދެއްކި ވާހަކައެއްގައި ބުނެފިއެވެ.
ޗައިނާއިން ރާއްޖެއަށް، އިޤްތިޞާދީ ގޮތުން އެހީ ނުވަނީ ކީއްވެ ތޯ ކޮފީއެއްގައި ބަޔަކު އެހުމުން، މުއިއްޒުގެ ދިފާޢުގައި ދެއްކި ވާހަކާގައި ޗައިނާއިން 100 މިލިއަން، ރާއްޖޭގެ ކަނޑުތަކުގައި ޖާސޫސީ ވަސީލަތްތައް ހަރުކުރުމަށް މުއިއްޒަށް ދީފައި މިވަނީ މުއިއްޒުގެ ވެރިކަން ދިފާޢު ކުރުމަށް ކަމަށް ދޭހަ ކޮށް އޭނާ ވަނީ ވާހަކަ ދައްކާފައެވެ.
ޗައިނާގެ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝެނޮލޮޖީ އާއި ރާއްޖޭގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއާ ދެމެދު މި އެއްބަސްވުން ވެފައިވާއިރު، މި އިންސްޓިޓިއުޝަނަކީ ސައުތު ޗައިނާ ސީގައި، އަވަށްޓެރި ޤައުމުތަކުގެ ހަރަކާތްތައް ބަލައި، ޖާސޫސު ކުރަމުންދާ ހަނގުރާމަވެރި އިންސްޓިޓިއުޝަނެކެވެ. މިތަނުގެ މަސައްކަތަކީ ޗައިނާގެ ޕީޕަލް ލިބަރޭޝަން އާމީއަށާއި، ކަނޑުގެ ނޭވީ އަށް ބޭނުންވާ ޖާސޫސީ މައުލޫމާތު އެއްކުރުމެވެ.
މި އެއްބަސްވުމުގެ ދަށުން ޗައިނާއަށް ލިބޭ ސޯނާ ޓެކްނޮލޮޖީގެ ބޭނުން ހިފައި، މި ޓެކްނޮލޮޖީގެ ޒަރީއާއިން ސަބްމެރިންތަކާއި އަސްކަރީ މަނަވަރުތަކުގެ ހަރަކާތްތައް ވެސް ދެނެގަނެވޭނެއެވެ. އަދި އިންޑިޔާއިން ޓެސްޓް ކުރާ އެމީހުންގެ މިސައިލްތަކުގެ ބާރު މިންވެސް ދެނެގަތުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ވަކި އުސްމިނެއްގައި ދަތުރުކުރާ ވައިގެ އުޅަނދުތަކުގެ ޚަރަކާތްތައްވެސް ޗައިނާއަށް ބަލޭލެވޭނެއެވެ.
މީގެ ކުރިން ވެސް ޗައިނާގެ އެންމެ ފާހަގަކޮށްލެވޭ ދިރާސާ އުޅަނދެއް ވަނީ ރާއްޖޭގެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށް އެ އުޅަނދު ރާއްޖޭގެ ސަރަހައްދުގައި ދަތުރުކޮށް، ތިލަފުށްޓަށް ވެސް ވަނީ ބަނދަރުކޮށްފައެވެ.
މި އެއްބަސްވުމާ ތަޢާރަޟުވާ ގޮތަށް، ރައީސް މުހައްމަދު މުއިއްޒު ވަނީ 2023 ވަނަ އަހަރުގެ ޑިސެންބަރު 16 ވަނަ ދުވަހު، ރާއްޖޭގެ ”ކަނޑުއަޑީގެ ބަތާނަ“ އެހެން ގައުމަކަށް ލިބުމަކީ ރާއްޖެއަށް މަސްލަހަތު ހުރި ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
”ރާއްޖޭގެ ކަނޑުއަޑީގެ ބަތާނަ އެހެން ދައުލަތަކުން ހޯދައި ކުރެހުމަކީ ދިވެހީންނަށް މަސްލަހަތު ހުރި ކަމެއް ނޫން. ދިވެހި ކަނޑުތަކުގެ މުއްސަނދިކަން ދެނެގަތުމަކީ ދިވެހީންގެ ހައްގެއް. ދިވެހީންގެ ގައުމީ ވާޖިބެއް،“ ރައީސް މުއިއްޒު އޭރު ވިދާޅުވިއެވެ.
އަދި އިންޑިއާއާއި ޗައިނާގެ ބާރުގަދަ ގައުމުތަކުގެ ވާދަވެރިކަމުގެ ތެރެއަށް ރާއްޖެ ނުވަދެ ތިބުމަކީ އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތު ކަމަށް ވެސް ރައީސް މުއިއްޒު 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ ވިދާޅުވެފައެވެ.
”ރާއްޖެ އަދި މާ ކުޑަ، މިފަދަ ގްލޯބަލް ޕަވަރ ސްޓްރަގަލްގެ ތެރެއަށް ވަންނަން. އަޅުގަނޑުމެންގެ ސަރުކާރެއްގައި ނުވެސް ވަންނާނަން އެފަދަ ކަންކަމުގެ ތެރެއަށް،“ ރައީސް މުއިއްޒު އޭރު ވިދާޅުވިއެވެ.
ނަމަވެސް މުއިއްޒު އަމަލު ކުރަނީ ބުނާ ބަހާއި ދިމާ އިނދިކޮޅަށެވެ. މުއިއްޒު ވެރިކަމަށް އައި ފަހުން، ސަރަހައްދީ ހަމަ ޖެހުމާއި، ސަލާމަތަށް ނުރައްކާވާހެން ދަނީ އެތައް ކަމެއް ކުރަމުންނެވެ.