ރާއްޖެއަށް ވިއްސާރަކޮށް ބޯކޮށް ވާރޭ ވެހޭ ކޮންމެ ފަހަރަކު އެންމެ ބޮޑު ގިލަންވެރިކަމަކާ ކުރިމަތިލާން ޖެހެނީ ވެރިރަށް މާލެއަށެވެ. ކިރިޔާ ވާރޭ ވެހިލާއިރަށް މާލޭގެ މަގުތަކުގައި ފެންބޮޑުވެ, މީހުންނަށް ހިނގާބިގާވެ އުޅުމަށް ދަތިވެ, ސްކޫލްތައްވެސް ބަންދުކުރުމަށް މަޖުބޫރު ވެގެން ދެއެވެ.
އެގޮތުން މި ހަފްތާގަ ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރާގަވެސް, ވެރިރަށް މާލެއަށް ބޯކޮށް ވާރޭވެހި, މާލޭގެ މަގުތަކުގައިވަނީ ހިނގާބިގާވެ އުޅުމަށާއި, އަދި ދުއްވާ އެއްޗިއްސައްވެސް ދަތިވާވަރަށް ފެން ބޮޑުވެފައެވެ.
ފާއިތުވި 3 ދުވަހު މާލޭގެ މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ސަރުކާރުން ވަނީ މިއަދު އޮފީސްތައްވެސް ބަންދު ކޮށްފައެވެ.
ހަމަ އެއާއެކު ފާހަގަވާން އޮތް ކަމަކީ މާލޭގައި ފެންބޮޑުވާ ކޮންމެ ފަހަރަކު މިސަރުކާރުގެ ވެރިން ދަނީ, ރައްޔިތުންނަށް ކުރިމަތިވާ މި ގިލަންވެރިކަމުގެ ނާޖާއިޒު ފައިދާ ނަގާ, އަމިއްލަ ޕީއާރު ސްޓަންޓް ޖައްސަމުންނެވެ.
އެގޮތުން, މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ ކައިރީގައި މާލޭގައި ފެންބޮޑުވެލާއިރަށް ގަމްބޫޓުގައި މުއިއްޒު މާލޭގެ މަގުތަކަށް ފެނުތެރޭގައި ހިންގަވާ ގެތަކަށް ޒިޔާރަތް ކުރުމަށް ނިކުންނަވައެވެ. އަދި މިއުސޫލުން ފެންބޮޑުވެފައިވާ މަގުތަކުން ހިންގަވާފަ މުއިއްޒު ވަޑައިގަންނަވަނީ, މެކެރާ ކުރޫތައް ވަށައިގެން ބައިތިއްބައިގެންނެވެ.
އެހެންނަމަވެސް މުއިއްޒު ޖައްސަވަން ފެއްޓެވި މި ޕީއާރު ސްޓަންޓްތަކަށް އާންމުންގެ ފާޑުކިއުން އަމާޒުވާން ފެށުމާއެކު, މުއިއްޒުވަނީ މި ޕީއާރު ސްޓަންޓް ޖެއްސުން ހުއްޓަވާލައްވާފައެވެ.
އެއާއެކު, މުއިއްޒު ޖައްސަމުން އައި ޕީއާރު ސްޓަންޓްތައް މިހާރު ޖައްސަމުން ދަނީ, މިސަރުކާރުގެ ހޯމް މިނިސްޓަރު އިހުސާންއެވެ.
އެގޮތުން, ފާއިތުވި 3 ދުވަހު މާލެއަށް ކުރި ބޯ ވިއްސާރާގައި, އިހުސާންއާއި ކޮމިޝަނަރ އޮފް ޕޮލިސް ޝުޖާއުވަނީ ކަކުލު ހުޅާހަމައަށް ފެން ހެދުފައި ހުރި މަގެއްގައި, އެއިން ކޮންމެ މީހަކުވެސް 2 ވެލިބަސްތާ ޖަހާތަން ވޯޑިއޯ ކުރުވާ, އެ ވޯޑިއޯތައް ސޯޝަލް މީޑިއާގައި އާންމު ކޮށްފައެވެ.
އަލީ އިހުސާންއާއި ސީޕީ ޝުޖާއު, ކެމެރާ ކުރޫތައް ވަށައިގެން ބައިތިއްބައިގެން ކޮންމެ މީހަކުވެސް, ދެ ވެލިބަސްތާ ކޮންމެވެސް ފިހާރައެއްގެ ގެފޮޅު ކައިރީގައި ބޭތިއްބިއިރު, މި ދެބޭފުޅުން, ރައްޔިތުންނަށް ކުރިމަތިވެފައިވާ ގިލަންވެރިކަމެއްގެ ނާޖާއިޒު ފައިދާ ނަގާ, ދެއްކުންތެރިކަން އިސްކުރިއިރު މިއީ މާތްވެގެންވާ ރަމަޟާން މަސްކަމެއްވެސް މިބޭފުޅުން ހަދާނަކު ހުރިކަމަކަށް ނުބެލެވެއެވެ.
ރައްޔިތުންނަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ބޮޑު ގިލަންވެރިކަމަށް ހައްލެއް ނުގެނެސް, މި އުދަގުލުގެ ނާޖާއިޒު ފައިދާ މިސަރުކާރުގެ ވެރިން ނަގަމުންދާއިރު, މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ ވައުދަކީ, މުއިއްޒު ސަރުކާރާ ދައުލަތުގެ އިސް މަގާމްތަކުގައި ހޭދަކޮށްފައިވާ 10 ވަރަކަށް އަހަރުތެރޭގައި ތަކުރާރު ކުރައްވަމުން ގެންދަވާފައިވާ ދޮގު ވައުދެއް ކަމެވެ. އެގޮތުން ރައީސް ޔާމިންގެ ވެރިކަމުގައި މުއިއްޒުވަނީ 7 އަހަރު ހައުސިން މިނިސްޓަރުކަމުގެ މަގާމް އަދާކުރައްވާފައެވެ.
މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހޭދަ ކުރި 7 އަހަރު ތެރޭގައިވެސް, މާލޭ މަގުތައް ރަގަޅު ފެންވަރަކަށް ހަދާނެކަމަށް ދޮގު ވައުދުވެ, މާލޭގެ ފެން ބޮޑުވުމަށް ހައްލު ހޯދާދިނުމުގެ ނަމުގައި އެތައް މިލިއަން ރުފިޔާއެއްވަނީ ދައުލަތުގެ މާލިއްޔަތުން ޚަރަދު ކޮށްފައެވެ. އެހުރިހާ ހޭދައަކާއެކުވެސް މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ދިޔައީ އިތުރަށް ގޯސްވެގެންނެވެ. އަދި އެމުއްދަތުގައި މުއިއްޒުވަނީ އާންމު ރައްޔިތުންނަށް ދުވާރުތަކުގައި ހިގާބިގާވެ އުޅެން އުދަގޫވާވަރަށް މާލޭ މަގުތަކުގައި ހޮޅިއަޅާފައެވެ.
އެއަށްފަހު މާލޭ ސިޓީގެ މޭޔަރުކަމުގައި މުއިއްޒުވަނީ 2 އަހަރެއްހާ ދުވަސް ހޭދަކޮށްފައެވެ. އެ މުއްދަތުގައިވެސް މުއިއްޒުވަނީ މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރާނެކަމުގެ ދޮގު ވައުދުވެ, އެވައުދުގެ ނިވަލުގައި ހުރެ,ސިޓީ ކައުންސިލްގެ މާލިއްޔަތުންވެސް އެތައް މިލިއަން ރުފިޔާއެއް އިސްރާފު ކޮށްފައެވެ. މުއިއްޒުގެ މޭޔަރުކަމުގައިވެސް މާލޭ ސިޓީގެ ފެންބޮޑުވުމުގެ މައްސަލަވަނީ ގޯހުން ގޯހަށް ގޮސްފައެވެ.
އެއަށްފަހު މުއިއިޒުގެ ވެރިކަމަށް ދޮޅު އަހަރު ފާއިތުވެގެންދާއިރުވެސް, މާލެއަށް ވާރޭވެހި, ފެންބޮޑުވާ ކޮންމެ ފަހަރަކު މުއިއްޒު ގެންދަވަނީ މާލޭގެ ފެންބޮޑުވާ މައްސަލަ ހައްލު ކޮށްދޭނެކަމުގެ ދޮގު ވައުދު ވަމުންނެވެ. އަދި ފާއިތުވެދިޔަ މުއްދަތުގައި, މާލެއަށް ވާރޭވެހޭ ކޮންމެ ފަހަރަކު މުއިއްޒު ވަނީ ޕީއެސްއެމްގެ ކެމެރާ ކުރޫއާއެކު, ގަންބޫޓުގައި މަގުމައްޗަށް ނިކުމެ ވިއްސާރައިގެ ކާރިސާ, ބޮޑު މީޑިއާ ސްޓަންޓަކަށް ހައްދަވާފައެވެ. އެހެންނަމަވެސް މުއިއްޒުގެ އެޗަރުކޭހަށް އާންމު ރައްޔިތުންގެ ފާޑުކިއުން އަމާޒުވާން ފެށުމަށްފަހު, މާލޭގައި ފެންބޮޑުވާ ދުވަސްދުވަހު, ޗަރުކޭސް ކުޅުއްވުން މުއިއްޒު ވަނީ ހުއްޓަވާލައްވާފައެވެ.
ހަމައެއާއެކު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު މުއިއްޒު ވަދުއުވެފައިވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ ހުރިހާ މަގުތަކެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ފާއިތުވި އަހަރުގެ ފެބްރުއަރީމަހު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު މުއިއްޒު ވިދާޅުވީ 3 ނުވަތަ 4 މަހެއްހާ ދުވަހުގެ ތެރޭގައި މާލޭގެ މަގުތައް ރަގަޅު ފެންވަރަކަށް ހަދަން ފެށޭނެ ކަމުގައެވެ. އަދިވެސް މުއިއްޒު ގެންދަވަނީ މާލޭގެ މަގުތައް ރަގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ”ވަރަށް އަވަހަށް“ ފަށާނެކަމުގެ ދޮގު ވައުދު ވަމުންނެވެ.
މިއަދުގެ ހަގީގަތަކީ މާލޭގެ ފެންބޮޑުވުމުގެ ހަގީގީ ޒިންމާ މުއިއްޒު ނަންގަވަން ޖެހިވަޑައިގެންފައި ވުމެވެ. މާލެ މިހާލަތަށް ދިޔަ ދިއުމުގެ ހަގީގީ އަސްލަކީ, މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މި ބޮޑު މައްސަލަ ހައްލުކުރުމުގެ ވިސްނުމެއް ފިކުރެއް އަދި ގާބިލްކަމެއް ނެތް މުއިއްޒު އެކި ސަރުކާރުތަކުގެ މަތީ މަގާމްތަގައި, އެމުހިންމު ޒިންމާއާ ހަވާލުވެ ހުންނެވުމެވެ.
ވެރިކަމުގައި ހުންނަވައިގެންވެސް މުއިއްޒު ގެންދަވަނީ, ހަމަ އެ ނަނާ ހުވަފެން ރައްޔިތުންނަށް ދައްކަވާ, އެ ދޮގު ވައުދު ރައްޔިތުންނަށް ވަމުންނެވެ.
ބައެއް ފަރާތްތަކުން ވިދާޅުވާ ގޮތުގައި, މާލޭގައި ފެންބޮޑުވާ ދުވަސްތަކުގައި, ފެންބޮޑުވެފައިވާ މަގުތަކަށް ނިކުމެ އިހުސާން ޖައްސަވާ ޕީއާރު ސްޓަންޓްއަކީ, ރައްޖޭގެ ވެރިކަމަށް ވަޑައިގެންނެވުމަށް އޭނާ ގެންގުޅުއްވާ ހުވަފެން ހަގީގަތަކަށް ހެދުމަށް ރޭވިގެން ކޮށްފައިވާ ޕްލޭނެއްގެ ދަށުން އޭނާ ކުރިޔަށް ގެންދަވާ މަސައްކަތެކެވެ.