ހޯމް މިނިސްޓަރ އިހްސާން ކަމަށް ބެލެވޭ ފަރާތެއްގެ ބަރަހަނާ ފޮޓޯއެއް ސޯޝަލް މީޑިޔާގައި ވައިރަލްވުމުން ވެސް އިޙްސާންއާއި ސަރުކާރު ހަނު ތިއްބަވައިފިއެވެ.
ފޮޓޯ އާންމުވިތާ ހަފްތާއެއް ވެފައިވާއިރު، މިއީ އަސްލެއްތޯ ނުވަތަ ނޫންތޯވެސް އިހްސާން ހާމަ ކޮށްފައި ނުވެއެވެެ. އެއްވެސް މީހަކު މި ފޮޓޯގެ ސައްހަ ކަމާއި މެދު ސުވާލު އުފައްދާފައި ނުވާއިރު، މި ފޮޓޯ ލީކް ކޮށްލި ކަމަށް ގިނަ ބަޔަކު ތުޙުމަތު ކުރަނީ ރައީސް މުއިއްޒުގެ އަރިސް ފަރާތަކަށެވެ. ބޭނުމަކީ އިހްސާން ވެރިކަމަށް އޮތް "އެމްބިޝަން" ދުއްވާލުން ކަމަށްވެއެވެ.
ސަރުކާރުގެ އެންމެ ބާރުގަދަ ވަޒީރުގެ މިފަދަ ފޮޓޯއެއް އާންމު ވުމުން، ކޮންމެ ޤައުމެއްގެ ކޮންމެ ސަރުކާރަކުންވެސް އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައެވެ. އަދި ޒިންމާދާރުކަން ދައްކައެއެވެ.
މި ގޮތުން ސަރުކާރުން އަދި އިހްސާން ވެސް މިކަމާމެދު އެއްވެސް ވާހަކައެއް ނުދައްކައި ތިބުމުން މި ފޮޓޯއަކީ އަސްލެއް ކަމަށް ބަލައިގަތުމަށް ގިނަ ބަޔަކަށް މަގުފަހި ވެގެން ވަނީ ގޮސްފައެވެ. މި ފޮޓޯގެ ސައްހަ ކަމާއި މެދު އާންމުން ސުވާލު އުފައްދާފައި ނުވަނީވެސް އެހެންވެއެވެ.
ސަރުކާރުން މިކަމަށް ސަމާލުކަން ނުދެނީ، އަވަހަށް މިކަން ހިންދާލުމުގެ ބޭނުމުގައެވެ. އަދި ޖަވާބެއް ދީފިނަމަ، މީޑިޔާއަށް މިވާހަކަ ފޯރައި، އިތުރު ސުވާލުތައް އުފެދިގެން ދާނެތީ ކަމަށް ބެލެވެއެވެ. މިހާ ދޮގު ހަދާ ސަރުކާރުން މިކަމާއި މެދު ދޮގު ބަޔާން ގަނޑެއްވެސް ލިޔެ އާންމު ކޮށްލަން ނުކެރިގެން އުޅެނީ މި ލީކުވެފެފައިވާ ފޮޓޯގެ ސައްޙަ ކަމުންތޯއެވެ؟
އޮރިޔާން ކާޑު އުފެއްދުމަކީ ރާއްޖޭގެ ޤާނޫނުގައި ކަނޑައެޅިގެން ޖިނާޢީ ކުށެކެވެ. މިކަން ފުލުން ބަލަން ޖެހެއެވެ. އަދި އަންހެނަކަށް ފުރައްސާރަ ކުރުމުގެ ގޮތުން އޭނާއަށް މި ފޮޓޯ އިހްސާން ފޮނުވާފައި އޮތް ތޯ ވެސް ފުލުހުން ތަޙްގީގު ކުރަން ޖެހެއެވެ. ނަމަވެސް މިކަމުގައި އިންސާފު ގާއިމުކޮށް، ޙާޤީގަތް ދެނެގަތުމުގައި އެންމެ ބޮޑު ހުރަހަކަށް ވެފައިވަނީ ރައީސް މުއިއްޒު އާއި އިޙްސާންއެވެ.