ޚަބަރު

އަނާރާގެ ދެމަފިރިންގެ ކެމްޕޭނަށް ހައްޖު ކޯޕަރޭޝަނާ ހެދި ޑީލަކުން 6 މިލިއަން ރުފިޔާ ހޯދިކަން ފަޅާއަރައިފި

ދިޔަވަރު
އަނާރާގެ ދެމަފިރިންގެ ކެމްޕޭނަށް ހައްޖު ކޯޕަރޭޝަނާ ހެދި ޑީލަކުން 6 މިލިއަން ރުފިޔާ ހޯދިކަން ފަޅާއަރައިފި

ހުރާ ދާއިރާގެ އިއްޒަތްތެރި މެންބަރު އަނާރާ ނައީމްގެ ދެމަފިރިންގެ ކެމްޕޭނަށް ހައްޖު ކޯޕަރޭޝަނާ ހެދި ޑީލަކުން 6 މިލިއަން ރުފިޔާ ހޯދިކަން ފަޅާއަރައިފިއެވެ.

ހައްޖު ކޯޕަރޭޝަންގެ މުވައްޒަފަކު ވަނީ މި ޖަރީމާ ހިންގިގޮތް "ދިޔަވަރު" އޮންލައިނަށް ކިޔައިދީފައެވެ. 

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ހައްޖު ކޯޕަރޭޝަން ކުރިން ހިންގި އިމާރާތް ދޫކޮށްލިއެވެ. އެއީ މ. ފުރަންކަރަ ތިން ވަނަ ފްލޯއެވެ. 

ދެން ކުއްލިގޮތަކަށް ފެނުނީ ހައްޖު ކޯޕަރޭޝަން ހިންގާނެ އިމާރާތެއް ހޯދަން އިއުލާން ކުރިތަނެވެ. އެ އިއުލާނަށްފަހު ހައްޖު ކޯޕަރޭޝަން ހިންގަން ކުއްޔަށް ނެގީ އަނާރާގެ ފިރިމީހާ، މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީގުގެ ޑަބްލިޔު ކޮންސްޓްރަކްޝަން ކުންފުނިން އެޅި އިމާރާތެއްގެ ފްލޯތަކެކެވެ. 

ލޮނުޒިޔާރަތްމަގުގައި ހުންނަ ގ. ސިކަންދަރު އިމާރާތުން ހައްޖު ކޯޕަރޭޝަން ހިންގަން ފްލޯތަކެއް ކުއްޔަށް ނެގީ އެޑްވާންސްގެ ގޮތުގައި އިމާރާތުގެ ވެރިފަރާތަށް 6 މިލިއަން ރުފިޔާ ދިނުމަށްފަހުއެވެ.

ހައްޖު ކޯޕަރޭޝަން ހިންގަން އާ އިމާރާތެއް ހޯދިއިރު، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވަނީ ހައްޖު ކޯޕަރޭޝަންގެ އިމާރާތެއް ހުޅުމާލޭގައި އަޅަން ބަޔަކާ ހަވާލުކޮށްފައެވެ. އަދި ރައީސް މުއިއްޒު ވެރިކަމަށް އައިފަހުން ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް ވަނީ އެ އިމާރާތް އަޅަން ހަވާލުކުރި އަގު ބޮޑު ކަމަށް ބުނެ، އެ ކުންފުންޏާ ވާހަކަދައްކައިގެން އަގު ކުޑަވެސް ކޮށްފައެވެ.

އާ އިމާރާތް އަޅަން ހަވާލުކޮށްފައި ވަނިކޮށް ފަސް އަހަރު ދުވަހުގެ މުއްދަތަށް އާ އޮފީސް އިމާރާތެއް ކުއްޔަށް ނަގަންޖެހޭ ސަބަބަކީ ކޮބައިތޯއެވެ. ހައްޖު ކޯޕަރޭޝަން ފަދަ 17 ވަރަކަށް މުވައްޒަފުން ތިބޭ ކުންފުންޏެއްގެ އާ އިމާރާތެއް އަޅަނިކޮށް، ބޮޑު އަގުގައި ކުއްޔަށް އިމާރާތެއް ނަގަންޖެހޭތޯއެވެ. 

އިތުބާރުހުރި ފަރާތަކުން "ދިޔަވަރު" އޮންލައިނަށް ކިޔައިދިންގޮތުގައި އެޑްވާސްގެ ގޮތުގައި އެ ހޯދި 6 މިލިއަނަކީ އަނާރާ އާއި ފިރިމީހާ އާދަމް ޝަފީގުގެ މަޖިލިސް ކެމްޕޭނަށް ހޯދި ފައިސާއެވެ.

އެ ފައިސާ ދައުރުވެފައިވާ އެކައުންޓްތައް ބަލައި ރަނގަޅު ތަހުގީގެއް ކޮށްފިނަމަ، މިއީ ހަގީގަތްކަން ސާބިތުވާނެއެވެ. ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން މި މައްސަލަ ނުބަލާނެއެވެ. އެ ކޮމިޝަނުގައި އެކެއްގެ މައްސަލަ އެންމެ ގިނައިން އޮތް ފަރާތަކީ ރައީސް މުއިއްޒުގެ މައްސަލައެވެ. އެހެންކަމުން ވެރިކަމުގައި މިހިރީ ރާއްޖޭގެ ތާރީޚު ދުށް އެންމެ ބޮޑު ވައްކަމާއި، ކެޓުވުމާއި، ޚިޔާނާތުގެ މޭސްތިއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.