ޚަބަރު

ވެމްކޯއިން ހިންގާލި 65 މިލިއަނުގެ ކޮރަޕްޝަނުން %85 ފައިދާ ސީދާ މުއިއްޒަށް

ދިޔަވަރު
ވެމްކޯއިން ހިންގާލި 65 މިލިއަނުގެ ކޮރަޕްޝަނުން %85 ފައިދާ ސީދާ މުއިއްޒަށް

މާލެ އާއި ރަށްރަށުގައި ކުނި އުކާލުމުގެ ހިދުމަތް ދެމުން އަންނަ ވޭސްޓު މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯ) އަށް ފާއިތުވި އަހަރުގެ ތެރޭގައި ތަކެތި ކުއްޔަށް ނަގުމުގެ ނަމުގައި 65 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

ދިޔަވަރު ނޫހުން އިތުރަށް ހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި މިކަން ވެމްކޯ އިން ކޮށްފައިވަނީ ކޮންމެ މަހަކު ވަކި މިންވަރެއް ޗަންދާގެ ގޮތުގައި ރައީސް މުއިއްޒުއަށް ދެއްކުމަށް އެސްއޯއީތަކުގެ އެމްޑީންނަށް އެންގި އެންގުމުގައި ވެމްކޯއަށް ވެސް އަންގާފައި ވުމުން، އެ ފައިސާ މުއިއްޒަށް ހޯދައި ދިނުމުގެ ގޮތުންނެވެ. މުއިއްޒު ފައިސާ ހޯދުމަށް އެމްޑީއިންތަކަށް ގުޅައި އަންގާފައިވަނީ އެންމެ ފުރަތަމަ މަޖިލީސް ކެމްޕެއިނަށް ފައިސާ ހޯދުމުގެ ނަމުގައެވެ. މަޖިލީސް އިލެކްޝަނަށް ރައްޔިތުންނަށް ރިޝްވަތު ދިނުމަށް ބޭނުންވާ ފައިސާ ހޯދީ މިކުންފުނިތަކުންނެވެ.

މާލިއްޔަތު ކޮމިޓީން އޭނާ ވަކިކުރި މައްސަލައިގައި އަޒާން މިހެން ވިދާޅުވީ, ކުންފުނިތަކުގެ ޕްރޮކިޔުމަންޓުތަކުގެ ތެރެއިން ހިންގާ ހިޔާނާތުގެ މައްސަލަތައް ދިރާސާކުރުމުގެ ތެރެއިން ފާހަގަވީ ކަމެއްގެ މިސާލު ދެއްވަމުންނެވެ. ނަމަވެސް މިއާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

އަޒާން ދަނީ މީގެ އިތުރުން އިތުރު ކުންފުނިތަކުގެ ޕްރޮކިޔުމެންޓްތަކުން ރައީސް މުއިއްޒަށް ފައިސާ ނަގައި ދިނުމަށް ކޮށްފައިވާ ވައްކަން ތައް ބަލަމުންނެވެ. މާލިއްޔަތު ކޮމިޓީއިން އަޒާން ވަކި ކޮށްފައިވަނީ ސީދާ މި ސަބަބަށްޓަކައި މުއިއްޒު އަންގައިގެން ކަމަށް ޕީއެންސީގެ އިސް ފަރާތެއް ދިޔަވަރު ނޫހަށް މައުލޫމާތު ދެއެވެ.

ވެމްކޯގެ އެންމެ ފަހުން ފެންނަން ހުރި މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރާއި އޭގެ ކުރީ އަހަރުގެ ފަހު ކުއާޓަރުގައި ވެސް އެ ކުންފުންޏަށް ސާފު ފައިދާއެއް ނުލިބެ އެވެ.

މިދިޔަ އަހަރުގެ ދެ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު ގެއްލުން 42 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ކުންފުނި މިހާރު ވެސް ހިންގަނީ ލިބޭ އާމްދަނީގެ އިތުރުން ސަރުކާރުން ދޭ ކެޕިޓަލް ކޮންޓްރިބިއުޝަނާއި ސަބްސިޑީ ބޭނުންކޮށްގެންނެވެ. ނަމަވެސް އެވަރުންވެސް، މިފަދަ ކުންފުނިތަކުންވެސް މުއިއްޒު ބޭނުންވަނީ އިންތިހާއަށް ވައްކަން ކޮށްގެން ސިޔާސީ ބާރުވެރިކަން އެ ފައިސާއިން ދަމަހައްޓާށެވެ.