ޚަބަރު

‏ފަހި ދިރިއުޅުން ކޯޕަރޭޝަނުން އައު ވިޔަފާރި ޚިޔާލުތައް ހޯދުމުގެ ނަމުގައި މާސިންގާ ބޮޑު ސްކޭމެއް ހިންގަން ފަށައިފި

ދިޔަވަރު
‏ފަހި ދިރިއުޅުން ކޯޕަރޭޝަނުން އައު ވިޔަފާރި ޚިޔާލުތައް ހޯދުމުގެ ނަމުގައި މާސިންގާ ބޮޑު ސްކޭމެއް ހިންގަން ފަށައިފި

‏ރައީސް ސޯލިޙުގެ ސަރުކާރުން އާއްމުންނަށް ލުއިފަސޭހަ ގޮތެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އުފެއްދި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަރުގަދަ ސްކޭމެއް ހިންގުމަށް ތައްޔާރުވެ، އިއުލާނުވެސް ކޮށްފިއެވެ. ހަޤީޤަތުގައި މި ސްކޭމްއަކީ ވިޔަފާރިވެރިންގެ އިތުރުން، ރާއްޖޭގައި ތިބި ކުޅަދާނަ ފަންނުވެރިންގެ އައު ޚިޔާލުތައް ފޭރިގަތުމަށްޓައި ހިންގާ ވަރުގަދަ ސްކޭމްއެކެވެ. ވަރަށް ހީލަތްތެރި ގޮތެއްގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން މި އިއުލާނުތައްކޮށް، ރައްޔިތުން ލޮލުގައި އަނދުން އަޅުވައިގެން ބޭނުންވަނީ ހުޅުމާލެ 2 ގައި ހުރި 'އަމާން އުދަރެސް' މި ޔުނިޓްތައް ޕީއެންސީގެ 'މުހިއްމު މެމްބަރުން' ބޭނުންވާ ބަޔަކަށް ދިނުމަށެވެ.

‏ހުޅުމާލެ 2 ގައި އިމާރާތްކުރާ 'އަމާން އުދަރެސް' އެޕާޓްމަންޓްތަކުގައި ހުރި ކޮމާޝިއަލް ޔުނިޓްތަކުގެ މި ބީލަމަކީ ސްކޭމެއްގެ ގޮތަށް ފާހަގަ ކުރެވުނު ކަންތައްތަކަކީ، އެންމެ ފުރަތަމަކަމެއްގެ ގޮތުގައި މި ތަންތަން އެންމެ 5 އަހަރަށް ކުއްޔަށް ދިނުމަށް ރާވާފައިވާވުމެވެ. މިހާރު އެންމެ އާދައިގެ ރަށްރަށުންވެސް ބިމެއް ނުވަތަ އިމާރާތެއް ކުއްޔަށް ދޭނަމަ، އެންމެ މަދުވެގެން 10 ނުވަތަ 15 އަހަރަށް، އަދި ބައެއް ތަންތަނުން 30 އަހަރަށްވެސް ކުއްޔަށްދެއެވެ. އެކަމަކު ފަހި ދިރިއުޅުމުން މިތަންތަން ކުއްޔަށް ދެނީ އެންމެ 5 އަހަރުގެ މުއްދަތަކަށެވެ. މިއީ ބޮޑު ޖޯކެއްނޫންތޯއެވެ.

‏ދެން އޮތީ ކުއްޔެވެ. ކުއްޔަކީ މަދުވެގެން އަކަފޫޓަކަށް މަހަކު 40 ރުފިޔާއެވެ. މިއީ މިހާރުގެ މާކެޓް ރޭޓަށް ބަލާއިރު، އެންމެ ބޮޑެތި ކުންފުނިތަކަށްވެސް ހިފަހައްޓާލެވޭނެ އަދަދެއްތޯ ސުވާލުއުފެދެއެވެ. އެތަނުގައި ހުރި 1600 އަކަފޫޓުގެ ތަނަކަށް، އެންމެ މަދުވެގެންވެސް 64000 ރުފިޔާއަށްވުރެ މަތިން ބިޑު ކުރަންޖެހޭނެއެވެ. މީގެ ކުރިން އެޗްޑީސީން ތަންތަން ދޫކޮށްފައިވަނީ އެވްރެޖްކޮށް އަކަފޫޓަކަށް 30 ރުފިޔާގެ ރޭޓުންނެވެ. މިވަރުގެ ބޮޑު ބޭސް-ރޭޓެއް ޖަހާފައި މިވަނީވެސް ވަކި ބަޔަކަށް މިތަންތަން ދިނުމަށެވެ.

‏މިތަންތަން ކުއްޔަށް ދޭއިރު ހުންނަނީ 4 ފާރު އެކަނި ކަމަށްވާތީ، އެތަންތަން ހަދަންވެސް، އާއްމު ރޭޓުން ބަލާނަމަ އެތައް މިލިއަން ރުފިޔާއެއް ޚަރަދުވާނެއެވެ. ރަގަޅު ފެންވަރަކަށް މި ސައިޒުގެ ފިހާރައެއް ނުވަތަ ސައިހޮޓަލެއް ފިނިޝިންގ މަސައްކަތަށް މަދުވެގެން 2 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. ފަހި ދިރިއުޅުން ޓެންޑަރ ކަރުދާހުގައިވެސް ޖަހާފައިވަނީ ފިނިޝިންގ މަސައްކަތަށް މަދުވެގެން އަކަފޫޓަކަށް 1300 ރުފިޔާ ޚަރަދުވާނެކަމުގައެވެ.

‏މިތަންތަން ހަދާ ނިމުނުކަމުގައި ވިޔަސް ވިޔަފާރިއެއް ނުފެށޭނެއެވެ. ވިޔަފާރިއެއް ފަށަން މުދަލާއި އެންމެ މަދުވެގެން 4 މަހުގެ ވޯކިންގ ކެޕިޓަލްވެސް ބޭނުންވާނެ ނޫންތޯއެވެ؟ އެއީ ހަމަ ޔަޤީނުންވެސް އަނެއް ދޮޅުމިލިއަން ނުވަތަ 2 މިލިއަން ރުފިޔާއެވެ. މިވަރުގެ ޚަރަދުތަކެއް، އެންމެ 5 އަހަރުގެ މުއްދަތަކަށް ކުއްޔަށް ދޫކުރާތަނަކަށް ޚަރަދުކުރާނީ ކިތައް މީހުންބާވައެވެ.

‏އެންމެފަހު ކަމަކަށް ކޮންމެ ބިޑަކާއެކު ހުށަހަޅަންޖެހޭ ބޮޑު ބިޒްނަސް ޕްލޭން ގެ ވާހަކަ އަދި އޮތީއެވެ. މިއީ މުޅި ބިޒްނަސް އައިޑިޔާ ނުވަތަ ޚިޔާލު 'ވަގަށް ނަގާ' މަރުހަލާއެވެ. މިހާރުގެ ޒުވާނުންނަކީ ނުހަނު ތަނަވަސް ޚިޔާލުތައް ހުންނަ މޮޅެތި ކުދިންނެވެ. އެކުދިން އެތައް މަސައްކަތެއްކޮށްގެން، އަދި ބޮޑު މާކެޓް ރިސާރޗް ހަދައިގެން ހުށަހަޅާ ސަޅި ބިޒްނަސް ޕްލޭންއަށް މިލިބެނީ އެންމެ %20 އެވެ. ހަޤީޤަތުގައި މި %20 އަކީ ނަމަކަށް އޮތް އެއްޗަކަށްވާތީ، ފަހި ދިރިއުޅުމުގެ އަސްލު މަގްސަދަކީ ހުރިހާ ބިޒްނަސް ޕްލޭންތައް 'ވަގަށް ނަގައިގެން' އެ ވިޔަފާރިތައް ޕީއެންސީ ގެ މީހުން ފަށައިގަތުމެވެ.

‏މިހާރަކަށް އައިސް މިކަހަލަ ބިޑުތަކަށް އޮންނަނީ ހަމައެކަނި އެޕްލިކޭޝަން ފޯމެއް ފުރިހަމަކުރުމެވެ. ބިޑު ކާމިޔާބުކުރާ ބަޔަކު ބިޒްނަސް ޕްލޭން ހުށަހަޅަނީއެވެ. ބިޒްނަސް ޕްލޭނަކީ އެތައް ބަޔަކު ސިކުނޑި ގާނައިގެން ތައްޔާރުކުރާ ވިޔަފާރީގެ ބޮޑު ސިއްރަކަށްވެފައި، ފަހި ދިރިއުޅުމުން ބޭނުންވަނީ މޮޅެތި ބިޒްނަސް ޕްލޭންތައް 'ހިލޭ' ހޯދުމެވެ.

‏ހަމްދާނު ޝަކީލު އަޑީގައި ހުރެގެން މިހިންގާ ބޮޑު ސްކޭމްއަކީ ކުއްޔަށް މުއްދަތު ކުޑަވެގެން މީހުން ބިޑު ނުކުރުމުން، އެމީހުން ބޭނުންވާ ބަޔަކަށް މި ޔުނިޓްތައް ދޫކޮށްލުމަށްފަހު، އެގްރިމެންޓް މަރުހަލާގައި އިތުރު 15 އަހަރު ހިމަނައިގެން، ޖުމްލަ 20 އަހަރަށް ކުއްޔަށް ދިނުމަށް ރާވައިގެން ހިންގާ ބޮޑު ޖަރީމާއެކެވެ. މިކަން އޭސީސީ ގެ ފަރާތުން މިހާރުން މިހާރަށް ހުއްޓުވުމަށް ގޮވާލަމެވެ.